އުއްތަމަ ފަނޑިޔާރުކަމުގެ މަޤާމަށް ސުޕްރީމު ކޯޓުގެ ކުރީގެ ފަނޑިޔާރު ޢަބްދުލްޣަނީ މުޙައްމަދު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އައްޔަންކުރައްވައިފިއެވެ. މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ރަސްމިއްޔާތުގައި ޢަބްދުލްޣަނީ މުޙައްމަދަށް މަޤާމުގެ ހުވައި ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ޙަމީދެވެ. ހުވައިކުރެއްވުމަށްފަހު ހުވައިގެ އިޤްރާރުގައި ޢަބްދުލްޣަނީ ސޮއިކުރެއްވިއެވެ.
ޢަބްދުލްޣަނީ މުޙައްމަދު ވަނީ 2000 ވަނަ އަހަރު އަލް-އަޒްހަރު ޔުނިވަރސިޓީން އެލް.އެލް.ބީ (އޮނަރސް) ޑިގްރީ އިން ލޯ އެންޑް އިސްލާމިކް ޖުރިސްޕްރުޑެންސް ފުރިހަމަކުރައްވައި، 2022 ވަނަ އަހަރު އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގައި މާސްޓަރސް އޮފް އިސްލާމިކް ޖުޑިޝިއަލް ސައިންސަސް އެންޑް ޝަރީއާ ޕޮލިސީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގައި 2024 ވަނަ އަހަރު ޕޯސްޓް-ގްރެޖުއޭޓް ޑިޕްލޮމާ އިން ޓީޗިންގ ފުރިހަމަ ކުރައްވާފައެވެ. އަދި ޑޮކްޓަރ އޮފް ފިލޯސޮފީ އިން އިސްލާމިކް ޖުޑީޝިއަލް ސައިންސަސް އެންޑް ލެޖިސްލޭޓިވް ޕޮލިސީއިން އެ މަނިކުފާނު މިހާރު ގެންދަވަނީ ކިޔަވައި ވިދާޅުވަމުންނެވެ.
މި މަގާމާ ޙަވާލުވެވަޑައިގަތުމާ ހަމައަށް އެ މަނިކުފާނު ހުންނެވީ ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ރައީސްގެ މަގާމުގައެވެ. މީގެ އިތުރުން އިސްލާމިކް އުނިވަރސިޓީ އޮފް މޯލްޑިވްސްގެ ސީނިއަރ ލެކްޗަރަރ ކަމާއި ވިލާ ކޮލެޖާއި ޒިކުރާ ކޮލެޖުގައި އެ މަނިކުފާނު ގެންދެވީ ކިޔަވައިދެއްވަމުންނެވެ. އެ މަނިކުފާނުގެ ޚިދުމަތުގެ ދިގު ތާރީޚުގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމާއި ހައިކޯޓުގެ އިސް ފަނޑިޔާރުކަމާއި ސިވިލް ކޯޓުގެ ފަނޑިޔާރުކަމާއި ޖުޑިޝިއަލް ސާރވިސް ކޮމިޝަނުގެ މެންބަރުކަން އަދާކުރައްވާފައިވެއެވެ.



advertisment