ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކަ ދިވެހިރާއްޖެއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް ސްރީލަންކާގެ ރައީސް ރާއްޖެ ވަޑައިގަތުމުން ދިވެހި ސަރުކާރުން އެ މަނިކުފާނަށް ވަނީ ރަސްމީގޮތުން މަރްޙަބާ ދަންނަވާފައެވެ. އަދި މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއެކު ރަސްމީ މަޝްވަރާތައް ކުރައްވައި، ދެ ޤައުމުގެ މެދުގައި މުހިންމު ދާއިރާތަކުން އެއްބާރުލުން ދިނުމުގެ ފަހުމުނާމާއަކާއި މުއާހަދާއެއްގައި ސޮއިކުރެއްވުމުގެ ރަސްމިއްޔާތުގައި ރައީސް ޑިސަނަޔަކަ ބައިވެރިވެވަޑައިގެންފައިވެއެވެ.
ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ އަޒުމް އައު ކުރައްވަމުން ދެ ގައުމުގެ ވެރިން ވަނީ ގުޅިފައިވާ ބަޔާނެއް ދެއްވާފައެވެ. އަދި ސްރީލަންކާގެ ރައީސްގެ ޝަރަފުގައި، ރައީސުލްޖުމްހޫރިއްޔާ ފުރަމާނަ ޖާފަތެއްވެސް ވަނީ ދެއްވާފައެވެ. މި ދަތުރުފުޅުގެ ތެރެއިން ކެބިނެޓުގެ ބައެއް ވަޒީރުންނާއި ދައުލަތުގެ އިސްވެރިން ސްރީލަންކާގެ ރައީސްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތް ކުރައްވާފައިވެއެވެ.
މިއީ ސްރީލަންކާގެ ރައީސް ޑިސަނަޔަކަ، މިދިޔަ ސެޕްޓެމްބަރ މަހު އެ ޤައުމުގެ ރައީސްކަމާއި ޙަވާލުވެވަޑައިގަތުމަށްފަހު ދިވެހިރާއްޖެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.
ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 26 ޖުލައި 1965 ގައެވެ. މި އަހަރަކީ މި ގުޅުމަށް 60 އަހަރު ފުރޭ ތާރީޚީ މުނާސަބާ ފާހަގަކުރާ އަހަރުވެސްމެއެވެ.



advertisment