ދިވެހިރާއްޖޭގެ 60 ވަނަ މިނިވަން ދުވަހާ ގުޅިގެން އެޗްޑީސީން ތައްޔާރުކުރި ފުޅަނދަށް ބޮޑު ތަރުހީބެއް ލިބުމާ ގުޅިގެން މިއަދާއި މިރޭ ވެސް ހުޅުމާލޭގައި ފުޅަނދު ދައްކާލުމަށް ނިންމައިފިއެވެ.
ޖުލައި 26 އާ ގުޅިގެން އެޗްޑީސީން ތައްޔާރުކުރި ފުޅަނދު ރޭގައި ހުޅުމާލޭގެ މަގުތަކުގައި ދައްކާލާފައިވާއިރު އެ ހަރަކާތައް ބޮޑު ތަރުހީބެއް ވަނީ ލިބިފައެވެ.
އެހެންކަމުން، މިއަދު ހަވީރު 4.30 އިން 6 އަށް އަދި ރޭގަނޑު 8.30 އިން 11.30 އަށް ފުޅަނދުތައް ދައްކާލުމަށް ވަނީ ނިންމާފައެވެ. ފުޅަނދުތައް ދައްކާލުމަށް ބަހައްޓާފައި ވަނީ ހުޅުމާލޭގެ ސެންޓަރް ޕާކުގައެވެ. މިރޭ ފުޅަނދު ދައްކާލާ ވަގުތުގައި އެ ސަރަހައްދުގައި އެކި ކަހަލަ ސަގާފީ ކުޅިވަރުތައްވެސް ކުރިއަށްދާނެއެވެ.

އެޗްޑީސީން މިނިވަން ދުވަހާ ގުޅިގެން ފުޅަނދުތައް ތައްޔާރުކޮށްފައިވަނީ 'މައިންކްރާފްޓް' ތީމަށް، ހުޅުމާލޭގެ އެކި މަންޒަރުތައް ދައްކުވައިދޭ ގޮތަށެވެ. އެގޮތުން ހުޅުމާލޭގެ އެކިއެކި ލޭންޑްމާކްތައް ދައްކުވައިދޭ ގޮތަށް މި ފުޅަނދުތައް ތައްޔާރުކޮށްފައިވަނީ 100 އިންސައްތަ އެޗްޑީސީގެ މުވައްޒަފުންގެ މަސައްކަތުން، ދެ ހަފްތާގެ ތެރޭގައެވެ.
"އަދި މިއީ މިނިވަން 60 ކުލަގަދަކޮށް ފާހަގަކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ހަރަކާތްތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ކުރިއަށްގެންދެވުނު ހަރަކާތެކެވެ. އެގޮތުން އެޗްޑީސީން ތައްޔާރުކުރި ފުޅަނދުތައް ގިނަ ބަޔަކަށް، ވަކިން ހާއްސަކޮށް ފުޅަނދު ބަލަން ނުކުތް ކުޑަކުދިންނަށް ވަނީ ވަރަށް ބޮޑަށް ކަމުގޮސްފައެވެ." އެޗްޑީސީން ބުނެއެވެ.
"އެޗްޑީސީގެ އަމާޒަކީ ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ދުވަސްތަކާ ގުޅުވައިގެން ސަރުކާރުން ކުރާ މަސައްކަތްތަކަށް އެއްބާރުލުންދީ، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ބައިވެރިވުމާއެކު މިފަދަ ދުވަސްތައް ކުލަގަދަކޮށް ފާހަގަކުރުމެވެ."



advertisment

