ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް) އިން ރާއްޖޭގައި ފުރަތަމަ ފަހަރަށް އިންޑިއަން ރުޕީ އެކައުންޓް ހުޅުވުމުގެ މަގު ތަނަވަސްކޮށް އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮންނަ ވިޔަފާރި އާއި އިގްތިސާދީ ގުޅުން އިތުރަށް ހަރުދަނާކޮށްފިއެވެ.
މިކަމާ ގުޅިގެން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފު ވިދާޅުވީ "ބޭންކް އޮފް މޯލްޑިވްސްގައި އިންޑިއަން ރުޕީ އެކައުންޓް ހުޅުވަން ފެށުމަކީ އަޅުގަނޑުމެންނަށް ލިބޭ ފަޚުރެއް" ކަމަށެވެ.
"މީގެ ސަބަބުން އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ވިޔަފާރި އާއި އިންވެސްޓްމެންޓްގެ އައު ފުރުސަތުތަކާއި ރާއްޖޭން ބޭރަށް ފައިސާ ފޮނުވުގައި ވެސް ފަސޭހަތަކެއް ލިބިގެންދާނެ. ގައުމީ ބޭންކުގެ ހައިސިއްޔަތުން، އާންމު ފަރުދުންނާއި ވިޔަފާރިތަކުގެ ބޭނުންތަކަށް ސަމާލުކަންދީ، ބޭންކިން ދާއިރާ އާ ހަރުފަތްތަކަށް ގެންދިޔުމުގައި އަޅުގަނޑުމެން ދެމިތިބޭނަން،" ޝަރީފު ވިދާޅުވިއެވެ. "2024 ވަނަ އަހަރު އޮކްޓޫބަރު މަހު އަޅުގަނޑުމެން ވާނީ ބީއެމްއެލްގެ އޭޓީއެމް އަދި ޕީއޯއެސް ޓަރމިނަލްތަކުގައި ރުޕޭ ކާޑު ބޭނުންކުރެވޭ ގޮތް ހަމަޖައްސާފައި. އަދި ނެޝަނަލް ޕޭމަންޓްސް ކޯޕަރޭޝަން އޮފް އިންޑިއާ (އެންޕީސީއައި) އާއެކު ރުޕޭ ކާޑު އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ދޫކުރުމުގެ މަސައްކަތް ކުރަމުންދާކަމުގެ އުފާވެރި ޚަބަރު އަޅުގަނޑު ދޭން ބޭނުން. އަޅުގަނޑުމެންގެ އުއްމީދަކީ މި މަރުހަލާތައް މިއަހަރުގެ ނިޔަލަށް ނިމިގެންދިޔުން. މި މަރުހަލާތައް ނިމުމުން އަމިއްލަ ފަރާތްތަކުންނާއި ވިޔަފާރިތަކުން ދުނިޔޭގެ ކޮންމެ ތަނެއްގައި ވެސް އިންޑިއާގެ ރުޕީސް އިން ފައިސާ ދެއްކުމަށް މަގު ފަހިވެގެންދާނެ."
އަންނަ މަހުން ފެށިގެން ބޭންކް އޮފް މޯލްޑިވްސްގެ ހުރިހާ ކަސްޓަމަރުންނަށް، ދިވެހިންނާއި ވިޔަފާރިތަކާއި ބިދޭސީންވެސް ހިމެނޭ ގޮތަށް، ބީއެމްއެލް މޯބައިލް ބޭންކިން ބޭނުންކޮށްގެން އޮންލައިންކޮށް އިންޑިއަން ރުޕީ އެކައުންޓް ހުޅުވޭނެއެވެ. މި އެކައުންޓްތަކަށް ފައިސާ ޖަމާކުރެވޭނީ ބީއެމްއެލް ބްރާންޗްތަކުންނެވެ. މިގޮތުން އިންޑިއަން ރުޕީ 500ގެ ނޫޓުން ފެށިގެން މަތީ އަދަދުގެ ނޫޓްތައް ޖަމާކުރެވޭނެއެވެ. އަދި އިންޑިއާ އިން ރެމިޓެންސްގެ ގޮތުގައި ގެންނަ ފައިސާ މިގޮތަށް ހުޅުވާ އިންޑިއަން ރުޕީ އެކައުންޓަށް ޖަމާކުރެވޭނެއެވެ. އަދި އިންޑިއާ އަށް ފައިސާ ފޮނުވުމުގައިވެސް މި އެކައުންޓް ބޭނުންކުރެވޭނެއެވެ.
ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭގޮތަށް 40 ބްރާންޗް، 133 ސެލްފް ސަރވިސް ބޭންކިން ސެންޓަރު، 188 އޭޓީއެމް، ފުޅާ ދާއިރާއެއްގައި އޭޖެންޓް ބޭންކިންގ ޚިދުމަތްތަކާއި، ޒަމާނީ ޑިޖިޓަލް ބޭންކިންގ ހައްލުތަކާއެކު، ބޭންކް އޮފް މޯލްޑީވްސް އަކީ ރާއްޖޭގެ އެންމެ އިސް އިސް މާލީ އިދާރާއެވެ. ބޭންކުގެ ޚިދުމަތް ލިބޭ ތަންތަން އިތުރުކުރުމާއެކު، ކަސްޓަމަރުންގެ ބަދަލުވަމުންދާ ބޭނުންތަކަށް އަމާޒުކޮށްގެން ޑިޖިޓަލް ޗެނަލްތަކާއި ޕާޓްނަރޝިޕްތައް އިތުރަށް ކުރިއެރުވުމަށް ބޭންކުން ނުހަނު ބޮޑު އިސްކަމެއްދެއެވެ.



advertisment

