ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، ސްރީލަންކާގެ ރައީސް އަނުރަ ކުމާރަ ޑިސަނަޔަކަ ދިވެހިރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ނިންމަވައިފިއެވެ.
ޑިސަނަޔަކަ ރާއްޖެ ވަޑައިގަންނަވާނީ މި މަހުގެ 28 އިން 30 އަށެވެ. ޑިސަނަޔަކަގެ މި ދަތުރުފުޅަކީ، މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު މަޤާމާ ޙަވާލުވެވަޑައިގަތުމަށްފަހު ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ޑިސަނަޔަކަގެ މި ދަތުރުފުޅުގައި ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުޢިއްޒާ ބައްދަލު ކުރައްވައި ރަސްމީ މަޝްވަރާތައް ކުރިއަށް ގެންދަވާނެއެވެ. ހަމަ އެއާއެކު ދެ ޤައުމުން އެކިދާއިރާތަކުން އެއްބާރުލުން އިތުރުކުރުމަށް މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ޚާރިޖީ ގުޅުން ގާއިމްކުރީ 26 ޖުލައި 1965 ގައެވެ.
މި އަހަރަކީ ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެމެދު ޚާރިޖީ ގުޅުން ޤާއިމްކުރިތާ 60 އަހަރު ފުރުން ފާހަގަކުރާ އަހަރުވެސްމެއެވެ.



advertisment