ނ. ވެލިދޫގައި ސީ ޕްލޭން ޕްލެޓްފޯމެއް ޤާއިމުކުރައްވައި އަންނަ ޖަނަވަރީ މަހު ޚިދުމަތް ފައްޓަވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިކަން އިޢުލާންކުރެއްވީ ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ވެލިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި މިރޭ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސުލްޖުމޫހޫރިއްޔާ ވިދާޅުވީ، ވިހަފަރުގައި ވައިގެބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ބާރު ދުވެލީގައި ގޮސް ނިންމާލުމަށް ކަނޑައަޅުއްވާފައި ވިޔަސް، ވެލިދޫއަށް ޚާއްޞަކޮށްގެން ސީޕްލޭން ޚިދުމަތް ފައްޓަވާނޭ ކަމަށެވެ. މީގެ އިތުރުން، ވެލިދޫގައި ސްޓޭޝަންކޮށްފައި އޮންނަ ގޮތަށް، ސީ އެމްބިއުލާންސެއްގެ ޚިދުމަތްވެސް، އަންނަ އަހަރުގެ ޖަނަވަރީ މަހު ފައްޓަވާނޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އަތޮޅުގެ އެންމެ އާބާދީ ބޮޑު ރަށް ކަމަށްވާ ވެލިދޫގެ ތަރައްޤީއަށްޓަކައި ކުރައްވަމުން ގެންދަވާ އިތުރު މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމޫހޫރިއްޔާ ވަނީ، މިއަދު އެ ރަށުގައި އިފްތިތާޙުކުރެއްވި މަސައްކަތްތަކަށް އިޝާރާތްކުރައްވާފައެވެ. އެގޮތުން، މިއަދު ވެލިދޫގައި ވަނީ، ހޮސްޕިޓާ އިމާރާތްކުރުމުގެ މަސައްކަތާއި ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ސެންޓަރުގެ މަސައްކަތް ފައްޓަވައިފައެވެ. އަދި އޮޑިދޯނިފަހަރުގެ މަސައްކަތްތަކަށް ޚާއްޞަކޮށް ހިއްކާ ސަރަޙައްދުގެ މަސައްކަތް ފައްޓަވައި، ވެލިދޫ ޕޮލިސް ސްޓޭޝަންގެ ބިންގާއެޅުން ވެސް މިއަދު ކުރިއަށްގެންގޮސްފައިވެއެވެ.
މިރޭގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ބަނދަރުގައި ހުރި ދަތިތައް ތަފްޞީލުކޮށް ވެލިދޫގެ 600 ރައްޔިތުންގެ ސޮޔާއެކު މިއަދު އެމަނިކުފާނަށް ހުށަހެޅި ޕެޓިޝަނާ ބެހޭގޮތުންވެސް ވާހަކަފުޅުދައްކަވައިފައެވެ. އެގޮތުން، އެ ޕެޓިޝަންގައިވާ ކަންކަން، ކަމާބެހޭ ވުޒާރާއިން ފަންނީގޮތުން ދިރާސާކުރުމަށްފަހު، ރައްޔިތުން އެދޭ ބަދަލުތައް ގެނެސްދެއްވައިގެން ވެލިދޫ ބަނދަރުން ރައްޔިތުންނަށް ހިތްހަމަޖެހުން ހޯދޭނެ މަގުފަހިކޮށްދެއްވުމަށް މަސައްކަތްކުރައްވާނޭކަމުގެ ޔަޤީންކަން އެ މަނިކުފާނު ދެއްވިއެވެ. މި އަހަރުގެ ބަޖެޓުން އެ މަސައްކަތަށް ޖާގަ ހޯދެން ނެތްނަމަ، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން، މަސައްކަތް ކުރިއަށްގެންދަވާނޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އަންނަ އަހަރަށް އެ މަނިކުފާނު އިޢުލާންކުރެއްވި އިތުރު މަޝްރޫޢުތަކުގެ ތެރޭގައި، ގެދޮރުވެރިކަމުގެ މަޝްރޫޢަކާއި، ސްކޫލަށް ކްލާސްރޫމާއި ވަޞީލަތްތައް އިތުރުކުރުމުގެ މަޝްރޫޢެއް ހިމެނެއެވެ. އަދި ވެލިދޫގައި ފުޓްސަލް ދަނޑަކާއި، އެކި ކަހަލަ ކުޅިވަރު ކުޅޭ ކޯޓެއް ބިނާކުރުމުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް މި އަހަރުގެ ސެޕްޓެމްބަރު މަހު ސޮއިކުރައްވާނޭ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
ރައްޔިތުންގެ ޙާލަތު ގާތުން ބައްލަވައި ރައްޔިތުން އެދޭ ގޮތަށް ޚިދުމަތްތައް ފުރިހަމަކޮށްދެއްވުމަކީ މި ސަރުކާރުގެ ސިޔާސަތުކަން، މިރޭވެސް، ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރުކުރައްވާފައެވެ.



advertisment