Support Us

މިލަދޫ ގޮނޑުދޮށް ހިމާޔަތްކުރުމާއި މަގުހެދުން އަންނަ މަހު ފަށަނީ

ނ. މިލަދޫ ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަސައްކަތާއި މަގު ހެދުމުގެ މަސައްކަތް އަންނަ އޯގަސްޓް މަހު ފައްޓަވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިކަން އިޢުލާންކުރައްވާފައި ވަނީ ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިލަދުއަށް ވަޑައިގެން މިއަދު މެންދުރު އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިލަދޫގެ ތަރައްޤީއަށް ކުރަން ހުރި މަސައްކަތުގެ ތެރެއިން އެންމެ އަވަހަށް މަސައްކަތް ޙަވާލުކުރެވޭނެ މަޝްރޫޢުތަކާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ، ގިރާ ސަރަޙައްދުގެ މަސައްކަތް އެމް.ޓީ.ސީ.ސީއާ ޙަވާލުކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި މަގު ހެދުމުގެ މަސައްކަތް ޙަވާލުކުރެއްވުމަށް ނިންމަވާފައި ވަނީ އާރް.ޑީ.ސީ އާ ކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ، ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަސައްކަތުގެ ސްކޯޕް، ކައުންސިލާއެކު ފައިނަލްކުރެވިގެންދާއިރު ރަށުގެ ރައްޔިތުން އެދޭ ގޮތަށް މޫދަށް އެރެވޭނެ ސަރަޙައްދެއް ހެދޭގޮތަށް ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށްގެންދަވަން ނިންމަވާފައިވާ ކަމަށެވެ.

މިލަދޫގެ ތަރައްޤީއަށްޓަކައި ކުރައްވަމުން ގެންދަވާ އިތުރު މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމޫހޫރިއްޔާ ވަނީ، ފެނުގެ ނިޒާމާއި ހެލްތު ސެންޓަރުގެ މަސައްކަތްތައް ނިމެމުންދާކަން ފާހަގަކުރައްވާފައެވެ. މިހާރު 16 ގަޑިއިރަށް ޚިދުމަތްދެމުން އަންނަ ހެލްތު ސެންޓަރަށް އިތުރު ނަރުހުން ބޭނުންވާކަން ފާހަގަކުރައްވައި ރައީސުލްޖުމުހޫރިއްޔާ ވަނީ، އިތުރު ނަރުހުން ހޯއްދައިދެއްވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ.

ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމާ މެދު ވާހަކަދައްކަވަމުން، އެ މަނިކުފާނު ވަނީ، މިލަދޫގައި އަޅާ 50 ހައުސިން ޔުނިޓްގެ މަޝްރޫޢު ކުރިއަށް ގެންދިއުމުގައި، ރައްޔިތުން ބޭނުންވަނީ އަމިއްލަ ގޯތީގައި ގެދޮރުއެޅުންތޯ، ނުވަތަ ވަކި ސަރަޙައްދެއްގައި ހައުސިން ޔުނިޓް އެޅުންތޯ ބައްލަވައި، ރައްޔިތުން ނިންމާ ގޮތަކަށް ކުރިއަށްގެންދަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ރައީސުލްޖުމުހޫރިއްޔާ ވަނީ މިލަދޫގެ ތަރައްޤީއަށް އެ މަނިކުފާނު ވެވަޑައިގެންފައިވާ ހުރިހާ ވަޢުދެއް ފުއްދަވައިދެއްވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް