Support Us

ކުޑަފަރީގައި ސްކޫލްގައި ސައިންސް ލެބަކާއި ހަ ކްލާސްރޫމް އަޅުއްވައިދެއްވަން ނިންމަވައިފި

ނ. ކުޑަފަރީ ސްކޫލްގައި ދާއިމީ ގޮތެއްގައި އޭލެވެލަށް ކިޔަވައިދިނުމަށްޓަކައި ސައިންސް ލެބަކާއި އިތުރު ހަ ކްލާސްރޫމް އަޅުއްވައިދެއްވާނެ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ، ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ހަވީރު ކުޑަފަރީ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ އެ މަސައްކަތް ކުރިއަށްގެންދަވާނީ އަންނަ އަހަރުގެ ބަޖެޓްގެ ތެރެއިން ކަމަށެވެ.

ކުޑަފަރީ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށުގެ ތަރައްޤީއަށްޓަކައި އެމަނިކުފާނުގެ ސަރުކާރުން މިހާރު ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، ކުރިއަށް ރޭވިފައި ހުރި ބައެއް މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވައިލައްވައި، ރައްޔިތުން އެދޭ ފަދައިން އެ މަޝްރޫޢުތައް ނިންމަވައިދެއްވާނެކަމުގެ ޔަޤީންކަން، ރަށުގެ ރައްޔިތުންނަށް ދެއްވާފައެވެ.

ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރާއިރު، ކުޑަފަރީއަށް އިޤްތިޞާދީގޮތުން ނަފާ ލިބޭނެގޮތަށް ލޭންޑް ޔޫޒް ޕްލޭންގައި ކަނޑައަޅާފައިވާ ގޮތަށް އަދި ރައްޔިތުންވެސް ބޭނުންވާގޮތަށް އެމަސައްކަތް ކުރިއަށް ގެންދަވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމުހޫރިއްޔާ ދެއްވިއެވެ.

ރަށުގެ ރައްޔިތުންނަށް ކުރިއެރުމާއި ތަރައްޤީ ލިބޭނެ ހުރިހާ މަގަކުން ސަރުކާރުން ކަންކަން ފަހި ކޮށްދެއްވުމަށް ބޭނުންފުޅުވާކަން ހާމަކުރައްވައި ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ މިހާރު ހުރި އިންޖީނުގެ ހުރިތަނުގައި އެންމެ ޒަމާނީ ފެންވަރުގެ، އަޑުބޭރަށް ނުދާގޮތަށް ބެލެހެއްޓޭނެ އިންޖީނުގެއެއް ގާއިމްކުރުމަށް ނިންމަވާފައިވާ ކަމަށެވެ.

މީގެ އިތުރުން، ކުޑަފަރީގައި ބިނާކުރަން ނިންމާފައިވާ ފިޓްނެސް އެންޑް ރެކްރިއޭޝަން ސެންޓަރު ހެދުމަށް ޚާއްޞަ ބިމެއް ކައުންސިލުން ފަހިކޮށްދެއްވުމުން އެކަން ކުރިއަށްދާނޭ ކަމުގެ ފެހި ސިގުނަލްވެސް އެމަނިކުފާނު މިއަދު ދެއްވާފައިވެއެވެ.

ރައީސުލްޖުމުހޫރިއްޔާ ވަނީ ކުޑަފަރީގެ ތަރައްޤީއަށް ބޭނުންވާ ކޮންމެ ކަމެއްގައި ސަރުކާރުން އެއްބާރުލުންދީ އެއްވެސް ތަފާތުކުރުމެއްނެތި ކުޑަފަރީގެ ތަރައްޤީގެ ކަންކަން ވެސް ފަހިކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް