ހުޅުމާލޭ ފޭސް އެކެއްގެ ޗެނަލް ސަރަހައްދުގައި މުރަކަ އާލާކުރުމުގެ ހަރަކާތެއް އެޗްޑީސީން މިއަދު ފަށައިފިއެވެ.
މި ހަރަކާތް ފެށީ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އަދި މޯލްޑިވްސް މެރިން އިންސިޓްޓިއުޓް (އެމްއެމްއާރްއައި) ގެ ބައިވެރިވުމާއެކުއެވެ.
އެގޮތުން ހުޅުމާލޭގެ އިރުމަތީ ފަރުން ވަކި ބާވަތެއްގެ މުރަކަ ނަގައިގެން، ފޭސް އެކެއްގެ ޗެނަލްގައި މުރަކަ އިންދުމުގެ ހަރަކާތެއް މިއަދު ހަވީރު ވަނީ ބާއްވައިފައެވެ. އެކި މަރުހަލާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި ހަރަކާތުގެ ދަށުން، ކުރިއަށް އޮތް އަހަރުގެ ތެރޭގައި ޗެނަލް ޕާކުގައި އިތުރު މުރަކަ އިންދާނެ ކަމަށް އެޗް.ޑީ.ސީން ބުނެއެވެ.
"މީގެ ބޭނުމަކީ، އެކި ކަހަލަ މޫދު ދިރުންތައް އެ ސަރަހައްދުގައި އާލާކުރުމެވެ. އަދި މި ހަރަކާތަކީ، މި ކޯޕަރޭޝަންގެ ކޮމިއުނިޓީ އެންގޭޖްމަންޓް އިތުރުކުރުމުގެ މަގްސަދުގައިވެސް ކުރިއަށްގެންދާ ހަރަކާތެކެވެ." އެޗް.ޑީ.ސީން ބުނެއެވެ.

އެޗްޑީސީގެ އެމްޑީ މުހައްމަދު މައުރޫފް ޖަމީލްގެ އިތުރުން އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ، (އީޕީއޭ) ގެ އިސްވެރިން އަދި މޯލްޑިވްސް މެރިން އިންސިޓްޓިއުޓް (އެމްއެމްއާރްއައި)ގެ އިސްވެރިން ވަނީ މުރަކަ އިންދުމުގެ ހަރަކާތުގައި ބައިވެރިވެވަޑައިގެންފައެވެ.
"މިތަނުގައި މަސްތަކާއި ކަނޑުގެ ދިރުން އާލާކޮށް، ކަނޑު އަޑީގެ ބަގީޗާއެއް ހެދުން އަމާޒަކީ،" މުރަކަ އިންދުމުގެ ހަރަކާތުގެ ތެރެއިން މައުރޫފް ވިދާޅުވިއެވެ.
"އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންނަށް ފައިދާހުރި ގިނަ ހަރަކާތްތައް މި ކުންފުނިން އިސްނަގައިގެން ކުރިއަށްގެންދިއުމާއެކު ހުޅުމާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށެވެ." އެޗް.ޑީ.ސީން ބުނެއެވެ.



advertisment