Support Us

މަނަދޫ ނަރުދަމާގެ މަޝްރޫޢު އޯގަސްޓު މަހު ފަށާނަން: ރައީސުލްޖުމްހޫރިއްޔާ

ނ. މަނަދޫ އަށް ދިމާވެފައިވާ ނަރުދަމާގެ މައްސަލަ ޙައްލު ކުރެއްވުމުގެ ބިޔަ މަޝްރޫޢު އަންނަ އޯގަސްޓު މަހު ފައްޓަވާނޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިކަން އިޢުލާންކުރެއްވީ ނ. އަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މަނަދޫ އަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ޙައްލެއް ނުލިބި ދިގުލައިގެން ގޮސްފައިވާ މަނަދޫގެ ނަރުދަމާގެ މައްސަލައަށް ދާއިމީ ޙައްލެއް ގެނެވެން އޮތީ، މުޅި ނިޒާމު އެއްކޮށް ބަދަލުކޮށްގެންކަން ފާހަގަކުރައްވަމުން އެ މަނިކުފާނު ވިދާޅުވީ، މި ބިޔަ، ޚަރަދު ބޮޑު މަސައްކަތް ކުރިއަށްގެންދަވާނީ މަގުހެދުމުގެ މަޝްރޫޢާވެސް އެކުއެކީގައި ކަމަށެވެ. އެ ގޮތުން، 2027 ވަނަ އަހަރަށް، ދެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް އެ މަނިކުފާނު އަންދާޒާ ކުރެއްވިއެވެ.

މަނަދޫގެ ތަރައްޤީއަށްޓަކައި ކުރައްވަމުން ގެންދަވާ އިތުރު މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމޫހޫރިއްޔާ ވަނީ، އެ ރަށުގެ ސިއްޙީ ނިޒާމު ތަރައްޤީކުރުމަށް ބޭނުންވާ މަސައްކަތްތައް ކުރިއަށްދާކަމުގެ ޔަޤީންކަން ދެއްވާފައެވެ. އެ ގޮތުން އެ ރަށުގައި ޢިމާރާތްކުރާ ހޮސްޕިޓަލުގެ މަސައްކަތް މިހާރު ފެށިފައިވާކަމާއި، ރަށަށް ބޭނުންވާ މިންވަރަށް، އެކި ބަލިބަލީގެ ޚާއްޞަ ޕްރޮފެޝަނަލުން ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. ޢުމްރާނީ މަޝްރޫޢުތަކާ ޚިލާފަށް، ސިއްޙީ ދާއިރާއަކީ ފަރުދީ މަސްލަޙަތު ހިމެނޭ ދާއިރާއެއްކަމުން، ވަށާޖެހޭ ގޮތެއްގައި ސިއްހީ ޚިދުމަތްތައް ޤާއިމުކުރުމަކީ މި ސަރުކާރުން ވަރަށް ބޮޑަށް ސަމާލުކަންދެއްވާ ކަމެއް ކަން މި ބައްދަލުކުރެއްވުމުގައިވެސް އެ މަނިކުފާނު ވަނީ ތަކުރާރު ކުރައްވާފައެވެ.

މީގެ އިތުރުން، މަނަދޫގައި ބިނާކުރަން ނިންމާފައިވާ މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްގެ މަސައްކަތް ލަސްވާން މެދުވެރިވި މައްސަލަ ޙައްލުކުރެވި، އެކަން ކުރިއަށްދާނޭ ކަމުގެ ފެހި ސިގުނަލްވެސް އެ މަނިކުފާނު މިރޭ ދެއްވާފައިވެއެވެ. އަދި ވަކި މަޝްރޫޢެއްގެ ގޮތުގައި، އެ ރަށުގައި ވޮލީ ކޯޓެއް އިމާރާތްކުރުމުގެ މަސައްކަތް މި އަހަރު ކުރިއަށްދާނޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެ ރަށަކީ ތަޢުލީމީ ރަށެއްކަން ފާހަގަކުރައްވައި، ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކެމްޕަހެއް މަނަދޫގައި ޤާއިމުކުރެއްވުމުގެ އިދާރީ މަސައްކަތްތައް ފައްޓާފައިވާކަންވެސް އެ މަނިކުފާނު މިރޭ ވަނީ ހާމަކުރައްވާފައެވެ.

ދަތުރުފަތުރާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުން އެ މަނިކުފާނު ވަނީ، މަނަދޫ އާއި އުނގޫފާރާ ދެމެދު، ދެމެހެއްޓެނިވި ގޮތެއްގައި ސީދާ ދަތުރުކުރެވޭނޭ ގޮތަށް، މި އަހަރުގެ ނޮވެންބަރު މަހު އާރް.ޓީ.އެލް ފެރީގެ ޚިދުމަތްތައް ފައްޓަވާނޭކަމަށް ވިދާޅުވެފައެވެ.

ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމާ މެދު ވާހަކަދައްކަވަމުން، އެ މަނިކުފާނު ވަނީ، އެއް އަހަރު ދުވަހުގެ ތެރޭގައި ހައުސިންގ ރިކުއަޔަމަންޓާ އެއްވަރަށް މަސައްކަތް ނުކުރެއްވޭނެކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް، އެކި އަހަރުތަކަށް ބަހާލައިގެން، ހައުސިންގ ޔުނިޓުތައް ބިނާކުރުމުގެ މަޝްރޫޢުތަކާއި، ފަސް ޕަސަންޓު ލޯން ސްކީމްގެ ބުރުތަކުގެ އެހީގައި އެ މައްސަލައަށްވެސް ހައްލު ލިބޭނޭކަމުގެ ޔަޤީންކަން އެ މަނިކުފާނު ދެއްވިއެވެ.

މިރޭގެ ބައްދަލުވުމުގައި ވަނީ، ދިވެހި ޕާސްޕޯޓުގެ ޚިދުމަތް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން، މަނަދޫގައި ޕާސްޕޯޓުގެ ޚިދުމަތް އިފްތިތާޙުކުރައްވާފައެވެ. ޚިދުމަތް އިފްތިތާޙުކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު، ޢަލީ އިޙްސާނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް