ނ. މާފަރު ކައުންސިލާއި އަންހެނުންގެ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ބައްދަލުކޮށްލައްވައި ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.
މާފަރު ފެނަކަ އިމާރާތުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި، ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ކަރަންޓުގެ މައްސަލަ ހައްލުކުރުމުގެ އިތުރުން ރަށުގެ ޞިއްޙީ އަދި ތަޢުލީމީ ދާއިރާގެ ކުރިއެރުމަށް ބޭނުންވާ ބައެއް ކަންކަމުގެ މަޢުލޫމާތު ހިމެނެއެވެ. މީގެ އިތުރުން މާފަރުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރާ ގުޅިފައިވާ އެކިއެކި ކަންބޮޑުވުންތައް ވެސް ކައުންސިލުން ހިއްސާކުރެއްވިއެވެ. އެގޮތުން މާފަރު އެއަރޕޯޓުގެ ޓަރމިނަލް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ބޭނުންވާ އެކިއެކި ކަންކަން މެންބަރުން ރައީސުލްޖުމްހޫރިއްޔާއާ ހިއްސާކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މާފަރުގައި ހިންގާ ތަރައްޤީގެ މަޝްރޫޢުތަކާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލުހޯއްދެވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ އަދާހަމަ، މިއަދުގެ ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ބައެއް ވަޒީރުންނާއި، ބައެއް ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި ހިއްސާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ރަށުގައި ފުލުހުންގެ މަރުކަޒު ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ފައްޓަވައިދެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ. މި ރަސްމިއްޔާތުގައި، މާފަރު ޕޮލިސް ސްޓޭޝަންގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ، ޢަލީ އިޙްސާނެވެ.



advertisment