އިތުރު ފަސޭހަތަކެއް ހިމެނުމަށްފަހު އެމް.ޑަބްލިޔު.އެސް.ސީގެ މޯބައިލް އެޕްލިކޭޝަން އަލުން ލޯންޗުކޮށްފިއެވެ.
އެމް.ޑަބްލިޔު.އެސް.ސީގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އާ މޯބައިލް އެޕްލިކޭޝަން ޢާންމުކޮށްދެއްވީ ކުންފުނީގެ ޗެއަރޕާސަން ޝަމްޙޫޒާ އަޙުމަދާއި މެނޭޖިން ޑިރެކްޓަރު ޢަބްދުލް މަތީން މުޙައްމަދެވެ. މި ރަސްމިއްޔާތުގައި އެމް.ޑަބްލިޔު.އެސް.ސީގެ ބޯޑު ޑިރެކްޓަރުންނާއި މެނޭޖްމަންޓް ޓީމުން ބައިވެރިވެވަޑައިގަތެވެ.
"މި ބަދަލުތައް ގެނެވިފައިވަނީ އެމް.ޑަބްލިޔު.އެސް.ސީގެ އެޕް ކުރިއަށް ވުރެ ސާދާކުރުމާއެކު، ޚިދުމަތްތައް ލިބިގަތުން ފަސޭހަކޮށްދިނުމާއި އަވަސް ކޮށްދިނުމަށް އަމާޒުކޮށްގެނެވެ." އެމް.ޑަބްލިޔު.އެސް.ސީގެ ބަޔާނެއްގައި ވެއެވެ. "އެމް.ޑަބްލިޔު.އެސް.ސީގެ މޯބައިލް އެޕްލިކޭޝަނަށް އިތުރު ބަދަލުތަކެއް ގެނެވިފައި މިވަނީ ޚިދުމަތްތައް ހޯދުމަށް ކައުންޓަރަށް އައުމުގެ ބަދަލުގައި، މި އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ފެނާއި ނަރުދަމާގެ ޚިދުމަތްތަކަށް އެދި ހުށައެޅުމާއި، ބިލްތަކަށް ފައިސާ ދެއްކުމާއި، އަދި އެހެނިހެން ޚިދުމަތްތައް ލިބިގަނެވޭނެ ގޮތަށް މަގު ފަހިކޮށްދިނުމަށެވެ.މޯބައިލް އެޕަށް މި ގެނެވުނު ހެޔޮބަދަލުތަކާއެކު، ކުރިން އެމް.ޑަބްލިޔު.އެސް.ސީގެ މޯބައިލް އެޕްލިކޭޝަންއިން ލިބެމުން ދިޔަ ޚިދުމަތްތަކާއި އަދި އީ-ޕޯޓަލް މެދުވެރިކޮށް ލިބެން ހުރި ހުރިހާ ޚިދުމަތްތައް، އައު ޚިދުމަތްތަކާއެކު މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް މިހާރު ފޯރުކޮށްދެވޭނެއެވެ."
އެމް.ޑަބް.ލިޔު.އެސް.ސީގެ އެޕްގައި އަލަށް ހިމެނި ބައިތައް
- އީފާސް މެދުވެރިކޮށް ފަސޭހަކަމާއެކު މޯބައިލް އެޕްލިކޭޝަންއަށް ލޮގިން ކުރެވުން
- އީފާސް އިން ލޮގިން ކުރުމާއެކު އެފަރާތެއްގެ ނަމުގައިވާ ހުރިހާ މީޓަރެއް ފެންނަން ހުރުން.
- ކޮންމެ ތަނެއްގައި ހުރެގެންވެސް ފަސޭހަކަމާއެކު ފެނާއި ނަރުދަމާގެ ޚިދުމަތްތަކަށް އޮންލައިންކޮށް އެދި ހުށައެޅުން.
- ކަސްޓަމަރުން އެދިފައިވާ ޚިދުމަތްތަކުގެ ތަފްޞީލާއި، އެޚިދުމަތުގެ މަސައްކަތް ގޮސްފައިވާ ހިސާބުގެ އަދާހަމަ ވަގުތުން ބެލޭނެގޮތް ވުމާއި އެ ޚިދުމަތްތަކަށް އެޕް މެދުވެރިކޮށް ފައިސާ ދެއްކުން.
- މަލްޓިޕޭ މެދުވެރިކޮށް އެކި އެކައުންޓުތަކުގެ ބިލްތަކަށް އެއްފަހަރާ ފައިސާ ދެއްކުން.
- މީޓަރގެ ރީޑީންގ އާއި ފޮޓޯއެއް އަޕްލޯޑް ކޮށްލައިގެން މަހުގެ ކޮންމެ ހިސާބެއްގައިވެސް ބިލް ހެދުމަށް ރިކުއެސްޓް ކުރެވުން.
- ސްމާޓް މީޓަރ މިހާރު ބޭނުންކުރަމުންދާ ކަސްޓަމަރން ފެން ބޭނުންކުރަމުންދާ މިންވަރާއި ބިލަށް އަރާ ފައިސާގެ މިންވަރު ދުވަހުން ދުވަހަށް ބަލާލެވުން.
- ސްމާޓް މީޓަރ ތަކުން އެވަގުތަކު ބިލަށް އަރާފައިވާ މިންވަރު ދެނެގަނެވުން
- ސްމާޓް މީޓަރތަކުން އެމަހެއްގެ އަންދާޒީ ބިލްގެ މިންވަރު ދެނެގަތުން.
- އެއް އަހަރު ދުވަހުގެ އެކައުންޓް ސްޓޭޓްމަންޓް ބަލައިލެވުން
"އާ ޚިދުމަތްތަކާއެކު ކުންފުނީގެ އެޕް އަލުން ޢާންމު ކުރުމަކީ ޒަމާނީ ޓެކްނޮލޮޖީ އާއި ވަސީލަތްތައް ބޭނުންކޮށްގެން، ތިމާވެއްޓާ ރައްޓެހިގޮތެއްގައި ކަސްޓަމަރުން ކުންފުނީގެ ޚިދުމަތްތައް ހޯދުމުގައި ވީހާވެސް ލުއިފަސޭހަ ކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް،" މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މަތީން ވިދާޅުވިއެވެ. އަދި މި އެޕްލިކޭޝަނަށް ގެނެވުނު ބަދަލަކީ "މޯލްޑިވްސް 2.0″ ގެ ދަށުން ކުންފުނިން ކުރިޔަށްގެންދާ ޑިޖިޓަލައިޒޭޝަން ޕްރޮގްރާމުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ ބައެއް ކަމަށާއި މި ބަދަލުތަކާ އެކު މި އެޕް ބޭނުންކުރުމުގައި ކަސްޓަމަރުންނަށް އިތުރަށް ފަސޭހަވެ ކުންފުނީގެ ޚިދުމަތްތައް އަވަސް ވެގެންދާނެ ކަމުގައިވެސް އޭނާ ފާހަގަކުރެއްވިއެވެ.
އެމް.ޑަބްލިޔު.އެސް.ސީ މޯބައިލް އެޕްލިކޭޝަން ޑައުންލޯޑް ކުރެވޭނީ އެޕްލް އެޕްސްޓޯރ އަދި ގޫގުލް ޕްލޭ ސްޓޯރ މެދުވެރިކޮށެވެ. އެޕްލިކޭޝަނާ ގުޅުން ހުރި އިތުރު މަޢުލޫމާތާއި އެހީތެރިކަން އެ ކުންފުނީގެ ކަސްޓަމަރ ސަރވިސް ހޮޓްލައިން 105 އިން ފޯރުކޮށްދެމުން ގެންދާނެއެވެ. އަދި ކުންފުނީގެ ވެބްސައިޓް mwsc.com.mv ގައި މި އެޕާ ގުޅޭ މުހިންމު މަޢުލޫމާތުތައް ވަނީ ޝާއިޢުކޮށްފައެވެ.
"އެމް.ޑަބްލިޔު.އެސް.ސީގެ އަމާޒަކީ ކުންފުންޏަށް ލިބިފައިވާ ތަޖުރިބާގެ އަލީގައި ކުންފުނީގެ އުފެއްދުންތެރިކަން އެއް ދުވަހުން އަނެއް ދުވަހަށް ތަރައްޤީކޮށް ކުރިއަރުވައި، އޭގެ މަންފާ އާއި ލާބަ ކުންފުންޏަށާއި ދިވެހި މުޖްތަމަޢަށް ފޯރުކޮށްދިނުމެވެ. އަދި ޒަމާނީ ޓެކްނޮލޮޖީ އާއި ވަސީލަތްތަކުގެ އެހީގައި، ސާދާކަމާއެކު އަވަސް އަދި ފަސޭހަ ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި ދެމިތިބުމެވެ." އެމް.ޑަބްލިޔު.އެސް.ސީގެ ބަޔާނުގައި ވެއެވެ.



advertisment

