Support Us

އިނގިރޭސިވިލާތުގެ ދަތުރުފުޅަށްފަހު ރައީސް މާލެ ވަޑައިގެންފި

އިނގިރޭސިވިލާތައް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ހެނދުނު މާލެ ވަޑައިގެންފިއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިނގިރޭސި ރަސްގެފާނު، ކިންގް ޗާލްސް އާ ބައްދަލުކުރައްވައިފައެވެ. މި ބައްދަލުކުރެއްވުން ވެގެންގޮސްފައި ވަނީ، ދެ ޤައުމުގެ 60 އަހަރުވީ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް އިސްކަންދޭ މިންވަރު ކަށަވަރުކޮށްދިން ބައްދަލުވުމަކަށް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އިނގިރޭސިވިލާތުގެ އިސް އެހެން އޮފިޝަލުންނާ ވެސް ބައްދަލުކުރައްވައިފައެވެ. އޭގެ ތެރޭގައި ހައުސް އޮފް ކޮމަންސްގެ ސްޕީކަރ، ލިންޑްސޭ ހޮއިލް އަދި ސެކްރެޓަރީ އޮފް ސްޓޭޓް ފޯ ފޮރިން، ކޮމަންވެލްތު އެންޑް ޑިވެލޮޕްމެންޓް އެފެއާޒް، ޑޭވިޑް ލެމީ ހިމެނިވަޑައިގަންނަވައެވެ. މި ބޭފުޅުންނާއެކު މަޝްވަރާކުރެއްވި މުހިންމު ކަންތައްތަކުގެ ތެރޭގައި، މޫސުމީ ބަދަލުތަކަށް އަހުލުވެރިވުން، ތަޢުލީމާއި ސްކޮލަރޝިޕްގެ ފުރުޞަތުތައް، ދެމެހެއްޓެނިވި މަސްވެރިކަމާއި ފަތުރުވެރިކަން އަދި ޢަދުލުއިންސާފުގެ ނިޒާމީ އިސްލާޙުތަކަށް އިނގިރޭސިވިލާތުން ދޭ އެއްބާރުލުން ހިމެނެއެވެ.

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޝަރލީ އަޔޯކޯ ބޮޗްވޭއާ ވެސް ބައްދަލުކުރައްވައިފައެވެ. މި ބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެ އާއި ކޮމަންވެލްތުން މަސްލަޙަތު ހިއްސާކުރާ ދާއިރާތަކުގައި އެއްބާރުލުންދެވޭ މިންވަރު އިތުރުކުރުމާމެދު ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ދިވެހިރާއްޖެ އާއި އިނގިރޭސިވިލާތާ ދެމެދު، ވުނަކުރުމާއި ވިޔަފާރީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ހުރި ފުރުޞަތުތަކަށް އަލިއަޅުވައިލަވައި ބޭއްވި "މޯލްޑިވްސް- ޔޫކޭ ބިޒްނަސް ފޯރަމް"ގައި ވެސް ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަތެވެ. މި ފޯރަމްގައި، ދެ ޤައުމުގެ ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށްޓަކައި، ވެސްޓް ލަންޑަން ޗެމްބަރސް އޮފް ކޮމަރސް އާއި ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވުޒާރާއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކުރިއެވެ.

އަދި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމަށް ދިވެހިރާއްޖެއިން ކުރާ މަސައްކަތްތައް ކުރިއަރުވައި، ޕްރިމިއަމް އެކްސްޕޯޓް ޕްރޮޑަކްޓެއްގެ ގޮތުގައި ދުނިޔޭގެ ބާޒާރުގައި ދިވެހި ސީފުޑް ޕްރޮމޯޓްކުރުމަށް ބޭނުންކުރާ މަރުކާގެ ގޮތުގައި "ފްރޮމް މޯލްޑިވްސް" މި ފޯރަމުގައި ވަނީ އިފްތިތާޙުކޮށްފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް