ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގެ ސިޔާސީ މަޤާމުތަކަށް މިހާރު ޢައްޔަނު ކުރައްވައިފައި ތިއްބެވި މުވައްޒަފުންގެ ޢަދަދަކީ 922 ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފިއެވެ.
ރައީސް އޮފީހުން ރޭ ހާމަކުރި ތަފާސްހިސާބުތައް ދައްކާ ގޮތުގައި ސިޔާސީ މަޤާމުތަކުގައި އެންމެ ގިނައިން ތިބީ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުންނެވެ. އެ މަގާމުގައި 318 މުވައްޒަފުން އެބަތިއްބެވެ. ދެން އެންމެ ގިނައީ ޑިޕިއުޓީ މިނިސްޓަރުންނެވެ. އެ މަގާމުގައި 216 މުވައްޒަފުން އެބަތިއްބެވެ. ތިން ވަނަ އަށް އެންމެ ގިނައީ ޕޮލިޓިކަލް ޑިރެކްޓަރުންނެވެ. އަދަދަކީ 169 އެވެ.
ސިޔާސީ މުވައްޒަފުންގެ ތަފްސީލް:
– ވަޒީރުން 20
– ވަޒީރުންގެ ފެންވަރުގައި 14
– ސްޓޭޓް މިނިސްޓަރުން 93
– ސްޓޭޓް މިނިސްޓަރުން ފެންވަރުގައި 7
– ޑިޕިއުޓީ މިނިސްޓަރުން 216
– ޑިޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައި 20
– ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުން 318
– ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުންގެ ފެންވަރުގައި 8
– ޕޮލިޓިކަލް ޑިރެކްޓަރުން 169
– ޕޮލިޓިކަލް ޑިރެކްޓަރުންގެ ފެންވަރުގައި 4
– އެސިސްޓެންޓް ޕޮލިޓިކަލް ޑިރެކްޓަރުން 4
– އެހެނިހެން ސިޔާސީ މަޤާމުތަކުގައި 49
"ސިޔާސީ މަޤާމުތަކަށް ޢައްޔަނުކުރައްވާ ބޭފުޅުން ވަކިކުރެއްވުމާއި، އިސްތިޢުފާ ދެއްވުމާއި، އަދި އަލަށް ބޭފުޅުން ޢައްޔަނު ކުރެއްވުމަކީ، ކޮންމެ ރިޔާސީ ދައުރެއްގެ ތެރޭގައިވެސް ހިނގަހިނގާ ހުންނަ ކަމަކަށް ވާތީ، ސިޔާސީ މުވައްޒަފުންގެ ޖުމްލަ ޢަދަދަށް، އަބަދުވެސް ބަދަލު އަންނަމުން ދާނެއެވެ." ރައީސް އޮފީހުގެ ބަޔާނުގައި ވެއެވެ.
އިންތިގާލީ މަރުހަލާގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލު 2023 އޮކްޓޯބަރުގައި ވިދާޅުވެފައި ވަނީ ރައީސް ޑރ. މުއިއްޒުގެ އާ ސަރުކާރުގައި ސިޔާސީ މުވައްޒަފުންގެ އަދަދު 700 އަށް ވުރެ އިތުރު ނުކުރައްވާނެ ކަމަށެވެ.



advertisment