ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.)ގެ ލަގަބު އިއްޔެ އެރުއްވި، ޖަޕާނުގައި ހުންނަވާ ދިވެހި ސަފީރު، ކުރީގެ ޓޫރިޒަމް މިނިސްޓަރު ހަސަން ސޯބިރު މިއަދު ހެނދުނު އަވަހާރަވެއްޖެއެވެ.
އުމުރުފުޅުން 73 އަހަރުގައި ސޯބިރު އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ޓްރީ ޓޮޕް ހޮސްޕިޓަލްގައެވެ. އަވަހާރަވިއިރު އަނބިކަނބަލަކާއި ދެ ބޭފުޅުންނާއި ކާފަ ވިދާޅުވާ ތިން ބޭފުޅުން އެބަތިއްބެވިއެވެ. ދަރިކަލުން އަހުމަދު ހަސަން ސޯބިރު (އަންމު) އަކީ ޕައިލެޓެކެވެ.
ކެންސަރުގެ އާލާސްކަންފުޅަށް ސޯބިރު ފަރުވާ ހޯއްދަވާތާ ގާތްގަނޑަކަށް ދެ އަހަރެއްހައި ދުވަސް ވަނީ އެވެ. އެންމެ ފުރަތަމަ ފަރުވާ ހޯއްދެވީ ޖަޕާނުގައި ހުންނަވައިގެންނެވެ. ފަހުން މެލޭޝިޔާގައެވެ. ޓްރީ ޓޮޕްގައި އޮންނަވާތާ ވެސް ދުވަސްކޮޅެއް ވެއްޖެއެވެ.
ޖަޕާނުގައި ހުންނަވާ ދިވެހި ސަފީރު ކަމަށް ސޯބިރު އައްޔަންކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި، 30 މޭ 2022 ގައެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސަރުކާރުގައި ވެސް ސޯބިރުގެ މަގާމު ވަނީ ދަމަހައްޓަވައިފައެވެ.

ޓްރީ ޓޮޕް ހޮސްޕިޓަލްގައި ސޯބިރު ފަރުވާ ހޯއްދަވަމުން ގެންދެވިއިރު ވެސް ރައީސް ޑރ. މުއިއްޒު ވަނީ ހޮސްޕޓަލަށް ޒިޔާރަތް ކުރައްވައި، ސޯބިރުގެ ހާލުކޮޅު ބައްލަވައިފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދާއި ފޮރިން މިނިސްޓަރ ޑރ. އަބްދުﷲ ހަލީލާއި ފޮރިން މިނިސްޓްރީގެ އިސް އޮފިޝަލުން ވެސް ސޯބިރު އަރިހަށް، ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވަމުން ގެންދެވިއެވެ.
ސޯބިރު އާންމުންގެ ތެރެއިން އެންމެ ފަހުން ފެނިފައި ވަނީ ރާއްޖޭގައި ތިއްބަވާ ބޭރު ގައުމުތަކުގެ ޑިޕްލޮމެޓުންނާއި ރާއްޖޭގެ ޑިޕްލޮމެޓުންގެ ޝަރަފުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިދިޔަ ރޯދަމަހު މުލީއާގޭގައި ބޭއްވެވި ރޯދަވީއްލެވުމުގެ ތެރެއިންނެވެ.

ރާއްޖެއަށް މިނިވަންކަން ލިބުނު ފަހުން އާއްމު ހިދުމަތުގައި މައިގަނޑު ދައުރެއް އަދާކުރައްވައިފައިވާ ސޯބިރުގެ ފަހުރުވެރި ހިދުމަތް ހަތަރު ދަހަރަށްވުރެ ދިގެވެ. އޭނާ އެންމެ ބޮޑަށް އެނގިގެން ގޮސްފައިވަނީ 1998 އިން 2004 އަށް ރާއްޖޭގެ ފަތުރުވެރިކަމާ ބެހޭ ވަޒީރުގެ ގޮތުގައެވެ. އެ މުއްދަތުގައި ރާއްޖެ ވަނީ ދުނިޔޭގެ އެންމެ ކުރީ ސަފުގައި ހިމެނޭ ލަގްޒަރީ ޓޫރިޒަމް މަންޒިލެއްގެ ގޮތުގައި ފެނިގެން ދިޔަ އައިޑެންޓިޓީ އިތުރަށް ހަރުދަނާވެފައެވެ.
ބައިނަލްއަގުވާމީ ގޮތުން ގިނަ ތަޖުރިބާތަކެއް ހޯއްދަވައިފައިވާ ސޯބިރަކީ ރާއްޖޭގެ އެންމެ ހުނަވެރި އެއް ޑިޕްލޮމެޓެވެ. މަތީ ފެންވަރުގެ ބައިނަލްއަގުވާމީ ވަޒީފާތައް އަދާކުރެއްވިއެވެ. އޭގެ ތެރޭގައި އިނގިރޭސި ވިލާތާއި ސިންގަޕޫރަށް ކަނޑައެޅުއްވި ދިވެހި ހައި ކޮމިޝަނަރުކަމާއި ޔޫރަޕްގެ އިއްތިހާދަށް ކަނޑައެޅުއްވި އެމްބެސެޑަރުކަމާއި އަދި ސްވިޒަލެންޑްގެ ޖެނީވާގައި ހުންނަ އދ.ގެ އޮފީހުގެ ދާއިމީ މަންދޫބުކަން ވެސް ކުރެއްވިއެވެ.
ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ޕްލޭނިން މިނިސްޓަރުކަމުގެ އިތުރުން ސޯބިރު ވަނީ ރާއްޖޭގެ ފެނާއި ނަރުދަމާއާ ބެހޭ ކުންފުނި، މޯލްޑިވްސް ވޯޓާ އެންޑް ސުވަރެޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ)ގެ ޗެއާމަންކަން ވެސް ކުރައްވައިފައެވެ. ޑެންމާކްގެ ކުންފުނިތަކާ ގުޅިގެން ލޮނު ފެން، ތާޒާ ފެނަށް ބަދަލުކޮށް، މީޓަރު ބަހައްޓައިގެން، މާލެއަށް ފެން ތައާރަފުކުރެއްވުމުގެ މަސައްކަތް ބަލަހައްޓަވައިފައެވެ. މިއީ މާލޭގެ އާބަން އިންފްރާސްޓްރަކްޗަރު ބަދަލުކޮށްލެއްވި މަސައްކަތެކެވެ.
ބައިނަލްއަގުވާމީ މުއައްސަސާތަކުން ތައުލީމު ހޯއްދެވި ސޯބިރު ވަނީ ސައުތު އޮސްޓްރޭލިއާ ޔުނިވާސިޓީން މާސްޓާ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލު ކުރައްވައިފައެވެ. މީގެ އިތުރުން އިންޑިއާއިން ވިޔަފާރި ނުވަތަ ކޮމާސް ދާއިރާއިން ބެޗްލާސް ޑިގްރީ ހޯއްދަވައި އަދި އެމެރިކާއިން އިގުތިސާދީ ތަފާސްހިސާބު ނުވަތަ އިކޮނޮމިކް ސްޓެޓިސްޓިކްސް ދާއިރާއިން ޑިޕްލޮމާ ހާސިލު ކުރައްވައިފައެވެ.
ސޯބިރުގެ މޫނުފުޅު ދެއްކުން އޮންނާނީ އިސްލާމީ މަރުކަޒުގައެވެ. އަދި ކަށުނަމާދު ކުރުން އޮންނާނީ މިއަދު އަސުރަށްފަހު އިސްލާމީ މަރުކަޒުގައެވެ. ރަސްމީ އިއްޒަތުގައި ޖަނާޒާ އޮންނާނީ ގަލޮޅު ސަހަރާގައެވެ.
ހަސަން ސޯބިރު: ރާއްޖޭގެ ފަތުރުވެރިކަމުގެ އާރުކާޓީއެއް އަދި ހުށިޔާރު ޑިޕްލޮމެޓެއް



advertisment