ޤައުމެއް ތަރައްޤީ ކުރުމުގައި އެ ޤައުމެއްގެ ޞިއްޙަތު ކިތަންމެހައިވެސް މުހިންމުކަމަށާއި، އޭގެ ތެރޭގައި ޖިސްމާނީ، ނަފުސާނީ އަދި ރޫޙާނީ ޞިއްޙަތުވެސް ހިމެނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ 43 ވަނަ އަހަރީ ދުވަހުގެ ޖަލްސާ ޝަރަފުވެރިކޮށްދެއްވައި އިއްޔެ ވާހަކަފުޅުދައްކަވަމުން، ކުޅުދުއްފުށި ސިޓީ ހިމެނޭ ސަރަޙައްދުގައި ޞިއްޙީ ފަރުވާ ކަށަވަރުވެފައި އޮތުމަކީ ކޮންމެހެން މުހިންމު ކަމެއްކަމުގައި އެކަމަނާ ވިދާޅުވިއެވެ. ވަކީން ޚާއްޞަކޮށް ފަންނިއްޔާތާއެކު ޞިއްޙީ ދާއިރާއަށްވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވާކަން އެކަމަނާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިފްތިތާޙްކޮށްދެއްވި ދިވެހިރާއްޖެ 2.0 މަޝްރޫޢަކީ، ދިވެހި ޞިއްޙީ ދާއިރާއަށް ގެންނަވާން ގަސްދުކުރައްވާ ވަރަށް ބޮޑު އިންޤިލާބީ ބަދަލެއްކަމުގައި އެކަމަނާ ސިފަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އައު ޚިދުމަތްތަކެއްވެސް ވަނީ އިފްތިތާޙްކުރައްވާފައެވެ. އެގޮތުން، ޓެލެމެޑެސިންގެ ޚިދުމަތާއި އެންޑޯމެޓްރިއޯސިސް ޚިދުމަތް އިފްތިތާޙްކޮށްދެއްވީ މެޑަމް ސާޖިދާ އެވެ. އަދި ގައިންގަޔަށް ނާރާ ބަލިތަކުގެ ކުލިނިކުގެ ޚިދުމަތް އިފްތިތާޙްކޮށްދެއްވީ ޑައިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސަރވިސް ޑޮކްޓަރ އަޙްމަދު އަޝްރަފެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ދެވޭ ހަނދާނީ ފިލާ ޙަވާލުކުރުމާއި، މަސައްކަތުގެ ރޮނގުން ފާހަގަކޮށްލެވޭ މުވައްޒަފުންނަށް އެކަމުގެ އެވޯޑް ޙަވާލުކުރުންވެސް މި ޖަލްސާގައި އޮތެވެ. އަދި އެ ހޮސްޕިޓަލަށް 10، 20 އަދި 30 އަހަރަށް ވުރެ ދިގު މުއްދަތަށް ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންނަށް އެވޯޑް ޙަވާލުކުރުންވެސް އޮތެވެ. މީގެ އިތުރުން، ހޮސްޕިޓަލަށް ޚިދުމަތްކުރައްވައި، ވަކިވެ ވަޑައިގެންފައިވާ ބޭފުޅުންނަށްވެސް ހަނދާނީފިލާ ޙަވާލުކޮށްދެއްވުން މި ޖަލްސާގައި އޮތެވެ. މި އެވޯޑްތައް ބައްސަވައިދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ.



advertisment