"ޕްރޮޖެކްޓް ސޯލަރ ސިޓީ" އަކީ ދިވެހިރާއްޖޭގައި ގާއިމުކުރާ ފުރަތަމަ ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ.
ދިވެހިރާއްޖޭގައި ގާއިމުކުރާ ސްޕެޝަލް އިކޮނޮމިކް ޒޯން (އެސް.އީ.ޒެޑް) އެއްގައި ހިންގިދާނެ އިޤްތިޞާދީ މަސައްކަތްތަކާއި، އެއިން ޒޯނެއްގައި ހިމެނޭ ޖުމުލަ އިންވެސްޓްމަންޓުގެ އެންމެ ކުޑަ މިންގަނޑު، ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނުގެ ދަށުން މި އަހަރުގެ ޖަނަވަރީގައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން ވަނީ ކަނޑައަޅުއްވާފައެވެ.
"ޕްރޮޖެކްޓް ސޯލަރ ސިޓީ"ގެ ނަމުގައި ހައި ޓެކްނޮލޮޖީ ޕާކެއް ތަރައްޤީކުރުމަށް ޓަކައި އޭ.ޕީ.އެމް. އެސް.ޕީ.ވީ ޕްރައިވެޓް ލިމިޓެޑާއި ބޯޑް އޮފް އިންވެސްޓްމަންޓާ ދެމެދު މިއަދު ވަނީ އިންވެސްޓްމަންޓް އެގްރީމަންޓެއްގައި ސޮއިކޮށްފައެވެ.
ސްޕެޝަލް އިކޮނޮމިކް ޒޯނެއްގެ ގޮތުގައި "ޕްރޮޖެކްޓް ސޯލަރ ސިޓީ" ރައީސުލްޖުމްހޫރިއްޔާ މިއަދު ކަނޑައެޅުއްވިއިރު، އެ ޒޯނުގައި ކުރުމަށް ހުއްދަ ދެވިފައިވާ ކަންކަމަކީ:
1. 100 މެގަވޯޓްގެ ސޯލަރ ފޮޓޯވޮލްޓިކް ސިސްޓަމެއް ޤާއިމްކޮށް އޮޕަރޭޓް ކުރުން.
2. މީޓިންގްސް، އިންސެންޓިވްސް، ކޮންފަރެންސެސް އަދި އެގްޒިބިޝަންސް (އެމް.އައި.ސީ.އީ) ހިމެނޭހެން ފަތުރުވެރިކަން ތަރައްޤީކޮށް އޮޕަރޭޓްކުރުން.
3. ލޮޖިސްޓިކްސް، ސްޓޯރޭޖާއި އިންޑަސްޓްރިއަލް ހަބެއް ތަރައްޤީކޮށް އޮޕަރޭޓްކުރުން
4. ރިއަލް އެސްޓޭޓް ތަރައްޤީކުރުން
މި ޒޯނަށް ކަނޑައެޅިފައިވާ އިނާޔަތްތައް ޤަރާރުގައި ހިމަނައި، މީގެ އިތުރުން، ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ގޮތުގައި ކަނޑައަޅައިފައިވާ ސަރަހައްދު ފާހަގަކޮށްފައިވާ ޗާޓު ވަނީ ޤަރާރުގެ ބައެއްގެ ގޮތުގައި ޝާއިޢުކުރައްވާފައެވެ.



advertisment