މީލާދުން 1941 ވަނަ އަހަރާއި 2025 ވަނަ އަހަރުގެ ކަލަންޑަރަކީ ހަމަ އެއް ކަލަންޑަރެއްކަން އެނގޭ ހެއްޔެވެ؟ މަސްތަކާއި ދުވަސްތަކާއި ތާރީޚުތައް ހުންނަނީ ސީދާ އެއް ތަރުތީބަކަށެވެ. މުޅި އަހަރު ދުވަހު، ހަފުތާ ދުވަސްތަކާއި، ތާރީޚުތައްވެސް މުޅިން އެއްގޮތެވެ. އެކަމަކު އެންމެ ހައިރާންވާންޖެހޭ ކަމަކީ، އެއްގޮތްވަނީ ހަމައެކަނި ކަލަންޑަރުގައި ނޫން ކަމާއި، ހާދިސާތައް ވެސް ހައިރާން ކުރުވަނިވި ގޮތަކަށް އެއްގޮތް ކަމެވެ.
މިގޮތުން މި އަހަރުގެ ކަލަންޑަރު 1941 ވަނަ އަހަރުގެ ކަލަންޑަރާ ސީދާ އެއްގޮތެވެ. ޖެނުއަރީ 2025 ފެއްޓުނީ ބުދަ ދުވަހެއްގައެވެ. އަދި ހަމަ ޖެނުއަރީ 1941 ފެށިފައިވަނީ ވެސް ބުދަ ދުވަހެއްގައެވެ. އޭގެ ފަހުން ކޮންމެ ތާރީޚެއް ވެސް އެއްއުއިވެފައި ވަނީ ހަމަ އެއްގޮތަކަށެވެ.
މިއީ އަހުރެމެން ހީކުރާ ވަރަށް ވުރެ ގިނައިން ގްރެގޯރިއަން ކަލަންޑަރުގައި ދިމާވާ ކަމެކެވެ. ހިސާބު ޢަދަދުތަކާއި، ތާރީޚުތަކަށް ޝައުގުވެރިވާ މީހުންނަށް މިއީ ކިތަންމެހާވެސް ޝައުގުވެރި ކަމެކެވެ. އެކަމަކު، ދުނިޔޭގައި ހިނގަމުންދާ ހާދިސާތައް، ހާސްކަމާއެކު ބަލަން ތިބި މީހުންނަށް މިއީ ކައުނީ އިންޒާރެއް ފަދަ އިޙުސާސެއް ކުރެވިދާނެ ކަމެކެވެ.

ތާރީހަށް ބަލާއިރު، 1941 ވަނަ އަހަރަކީ މުސީބާތުގެ އަހަރެކެވެ. ޑިސެމްބަރު މަހުގެ ހަތް ވަނަ ދުވަހު ޖަޕާނުން އެމެރިކާގެ ޕާލް ހާބަރަށް ހަމަލާ ދިނުމުގެ ސަބަބުން އެމެރިކާ ދެވަނަ ބޮޑު ހަނގުރާމައިގެ ތެރެއަށް ވަންނަން މަޖުބޫރުވިއެވެ. ޔޫރަޕް އޮތީ މާކުރިންވެސް، މި ހަމަނުޖެހުމުގެ ތެރޭގައި ހަލާކުވެ ސުންނާފަތިވެފައެވެ. ހަގީގަތުގައި، ދުނިޔެވެސް އޮތީ ހަލަބޮލިކަމުގެ ތެރޭގައި ނޭވާހޮޅިއަށް އެޅިފައެވެ.
އެ އަހަރު ޖޫންމަހު އެޑޮލްފު ހިޓުލަރު ރަޝިޔާއަށް ހަމަލާދީ އެ ޤައުމަށް އަރައިގަތެވެ. ނަތީޖާއަކަށް ވީ އެތައް މިލިއަން ބައެއްގެ ފުރާނަ ގެއްލި ދުނިޔޭގެ ތާރީޚު ބަދަލުކޮށްލި އަހަރަކަށް 1941 ވުމެވެ.
މީގެ އިތުރުން 1941 ވަނަ އަހަރަކީ ނަސްލުހޭދައިގެ އަހަރެކެވެ. މި ހިނގާ 2025 ވަނަ އަހަރާ ޚިލާފަށް، އެ އަހަރު ނަސްލުހޭދައިގެ ޝިކާރައަކަށްވީ ޔަހޫދީންނެވެ. އެ އަހަރު ޔަހޫދީންނާ ދެކޮޅަށް ޖަރުމަނުން ނަސްލުހޭދައިގެ ބިރުވެރި ޢަމަލުތަކެއް ހިންގާފައިވެއެވެ. އޭގެ ތެރޭގައި ޔޫކްރޭންގައި 30،000 ޔަހޫދީން މަރާލި ބާބީ ޔާރު ޤަތުލުއާންމު ވެސް ހިމެނެއެވެ.
ލިތުއޭނިއާގައި ހިނގި ކައުނާސް ގަތުލުއާންމުގެ ސަބަބުން 9،200 އަށް ވުރެ ގިނަ ޔަހޫދީން ބަޑިޖަހައި މަރާލާފައި ވެއެވެ. އަދި 1941 ވަނަ އަހަރު ހުޅަނގުގެ ޤައުމުތަކުގައި ޔަހޫދީންނާ ދެކޮޅަށް ހިންގި ޤަތުލުއާންމު ތަކުގައި، ޔަހޫދީންނަށް ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދީ، ހުޅަނގުގެ ޤައުމުތަކުން ޔަހޫދީން ވަގަށް ބޭރުކުރުމުގައިވެސް މުސްލިމުން އެހީތެރިވިއެވެ.
މި ތާރީހުތައް މިހެން ހުރުމާއެކުވެސް، މިއަދު ޔަހޫދީން އެދަނީ ކުށެއް ނެތް ފަލަސްޠީނުގެ މުސްލިމުން ޤަތުލުކޮށް، އެމީހުންގެ ގޯތި ގެދޮރު ސުންނާފަތި ކުރަމުންނެވެ.
މި އަހަރުވެސް ދުނިޔޭގެ މައްޗަށް ނުރައްކަލުގެ ކަޅު ވިލާތައް ދަނީ ފެތުރެމުންނެވެ. އިޒުރޭލާއި، ފަލަސްޠީނާއި އަދި އީރާނާ ދެމެދު ބިރުވެރި ހަނގުރާމައެއް ހިނގަމުންދާއިރު، އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ޑްރޯން ހަމަލާތަކާއި ބޯޑަރުގެ ހަމަނުޖެހުންތައް ވަނީ ފެނިގެން ގޮސްފައެވެ. އިޒުރޭލުން ދަނީ ފަލަސްޠީނުގެ ކުށެއް ނެތް މުސްލިމުން ކަތިލައި، އެމީހުންގެ ގޯތި ގެދޮރު ބިމާ ހަމަކުރަމުންނެވެ. ރަޝިޔާއާއި، ޔުކުރޭނާއި، ކަޝްމީރާއި، ސޫދާނާއި، އިތިއޮޕިއާއި، އަދި ކެމްބޯޑިއާ ފަދަ ގައުމުތަކުގައިވެސް ލޭއޮހޮރުވުމާއި، ހަމަނުޖެހުންތައް ދަނީ ހިނގަމުންނެވެ.
މީގެ އިތުރުން، ތަފާތު، އެކަމަކު ހަގީގީ މައްސަލަތަކެއް ކަމަށްވާ މޫސުމަށް އަންނަ ބަދަލުތަކާއި، އާޓިފިޝަލް އިންޓެލިޖެންސާއި، ޑޭޓާ ޕްރައިވެސީގެ މައްސަލަތަކަކީވެސް ކަންބޮޑުވާންޖެހޭ މައްސަލަތަކެވެ. މި ކަންކަމަށް ބަލާއިރު ހީވަނީ ތާރީޚު އަލުން އަނބުރާ އިއާދަވަމުން އަންނަ ހެންނެވެ. ސުވާލަކީ މާޒީން އަޅުގަނޑުމެންނަށް އެއްވެސް އެއްޗެއް ދަސްވެފައި ވޭތޯއެވެ؟ ނުވަތަ ދުނިޔެ އަނދިރިކަމާއި މުސީބާތުގެ ތެރެއަށް ވައްޓައިލި ގޯސްތައް އަނެއްކާވެސް އަޅުގަނޑުމެން ތަކުރާރު ކުރަނީތޯއެވެ؟
ހަގީގަތުގައި 1941 ވަނަ އަހަރު ދުނިޔެ ދަސްކޮށްދިނީ ވަރަށް ހިތްދަތި، ހަރުކަށި ފިލާވަޅުތަކެކެވެ. ދުނިޔޭގެ ކަންކޮޅުތަކުގައި ލޭއޮހޮރުވުމުގެ ބޮޑެތި އުދުވާނީ ހަމަލާތަކާއި، ޑިޕްލޮމެސީ ނާކާމިޔާބުވުމާއި، ނަސްލީ، އަދި މަޒުހަބީ ތަޅާފޮޅުންތަކުގެ ސަބަބުން ދުނިޔޭގެ ޤައުމުތައް އިޤުތިޞާދީ ގޮތުން އިނދަޖެހި، އިންސާނީ ބޮޑު ކާރިސާއެއް ކުރިމަތިވިއެވެ. އެ އަހަރު އެކަނި، ހަނގުރާމައާއި، ހަމަނުޖެހުމުގެ ސަބަބުން 2.8 އާއި 7.7 މިލިއަނާ ދެމެދުގެ ޢަދަދަކަށް މީހުން މަރުވެފައިވާ ކަމަށް ލަފާކުރެވެއެވެ. އެހެންކަމުން 1941 ވަނަ އަހަރަކީ، އިންސާނިއްޔަތަށް ކުރިމަތިވި އެންމެ ނުރައްކާތެރި އަދި އެންމެ ހިތްދަތި އަހަރަށް ވަނީ ވެފައެވެ.
މިހުރިހާ ކަމަކީވެސް ހަމައެކަނި އިއްތިފާގެއް ހެއްޔެވެ؟ ނުވަތަ ޒަމާން އަޅުގަނޑުމެންނަށް ފިލާވަޅެއް ނަގައިދޭން މަސައްކަތް ކުރަނީ ހެއްޔެވެ؟



advertisment