އޭޕްރީލް 18 ވަނަ ދުވަހު މާލޭގައި ހިނގި ހާދިސާ ތަޙްޤީޤްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވި ޚާއްޞަ ކޮމިޝަންގެ ރިޕޯޓުގައި ފާހަގަކުރައްވާފައިވާ ކަންކަން ތަންފީޒުކުރެއްވުމަށް އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއަށާއި، ޞިއްޙީ ވުޒާރާއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އަންގަވައިފިއެވެ.
މިކަން ބަޔާންކުރައްވާ ރައީސުލްޖުމްހޫރިއްޔާ، ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއަށް އެންގެވި އެންގެވުމުގައި މި މައްސަލައިގައި ދިވެހި ފުލުހުންގެ ޚިދުމަތުން ޢަމަލުކޮށްފައިވާ ގޮތާ ގުޅިގެން ފާހަގަކުރެއްވި ކަންކަމަކީ:
– ޙައްވާ ޔުމްނު ރަޝީދު ހ. މިޓާޒްގެ ފުރާޅުމަތީގައި ވެއްޓިފައި އޮތް ހާދިސާގެ މަޢުލޫމާތު ލިބުމުން، ދިވެހި ފުލުހުންގެ ޚިދުމަތުގެ ކޮމާންޑް ސެންޓަރުން އިންވެސްޓިގޭޝަން އޮފިސަރަށް މަޢުލޫމާތު ދީފައިވަނީ ގަޑިއެއްހާއިރު ފަހުން ކަމަށްވާތީ، އިންވެސްޓިގޭޝަން އޮފިސަރަށް ކުށުގެ ވެށްޓަށް ދެވުނީ ކުށުގެ ވެށިން ތަޙުޤީޤަށް ބޭނުންވާނެ ހެކި، ޤަރީނާ، ސީން އޮފް ކްރައިމް އޮފިސަރު ނަގައި ނިމުނު ފަހުންކަން؛
– ކްރައިމް ސީން ޕްރޮސެސްކޮށް ނިމުނުއިރު ވެސް، މައްސަލަ ތަޙުޤީޤުކުރާ އޮފިސަރަކު ސީންއަށް ހާޒިރުވެފައި ނެތުމުގެ ސަބަބުން، ތަޙުޤީޤަށް ބޭނުންވާ ފުރިހަމަ މަޢުލޫމާތާއި ހެކިތައް އެވަގުތު ހޯދިފައިނުވާކަން؛
– ކުށުގެ ވެށްޓަށް ދިޔަ ސީން އޮފް ކްރައިމް އޮފިސަރު، ކްރައިމް ސީން ޕްރޮސެސްކުރިއިރު، ކުށުގެ ވެށީގެ ހުރިހާ ސަރަހައްދެއް އެކަށީގެންވާ ގޮތެއްގައި ޕްރޮސެސްކޮށްފައި ނުވާ ކަމަށާއި، ސީން އޮފް ކްރައިމް އޮފިސަރެއްގެ ހައިސިއްޔަތުން ކުރަންޖެހޭ ގިނަ ކަންތައްތަކެއް ނުކޮށް، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ސީން ދޫކޮށްލައިފައިވާކަން؛
– މައްސަލައިގައި އެންމެ މުހިންމު އެއް ތަން ކަމުގައިވާ ޙައްވާ ޔުމްނު އޮތް ހ.މިޓާޒްގެ ފުރާޅުމަތިން އެއްވެސް ހެއްކެއް ލިބޭތޯ މަސައްކަތެއް ކުރެވިފައިނުވާ ކަމާއި، ކުށުގެ ވެށީގެ ބައުންޑްރީއެއް ކަނޑައެޅިފައި ނެތްކަމާއި، ކުށުގެ ވެށި ރައްކައުތެރިކުރެވިފައި ނުވާކަން ފާހަގަކުރެވޭކަން.
އެހެންކަމުން ރިޔާސީ ކޮމިޝަނުން މި ރިޕޯޓްގައި ދިވެހި ފުލުހުންގެ ޚިދުމަތާ ގުޅޭ ގޮތުން ފާހަގަކުރައްވާފައިވާ މިކަންކަން ކުރިޔަށް އޮތް ތަނުގައި ތަކުރާރުވިޔަނުދިނުމަށް ޓަކައި، ފުލުހުންގެ އެސް.އޯ.ޕީތައް ރިވައިސްކޮށް، މުވައްޒަފުން އަހުލުވެރިކޮށް، ތަމްރީނު ދިނުމަށާއި، މި ހާދިސާގައި ފަރުވާކުޑަކުރި މުވައްޒަފުންގެ މައްސަލަ ބަލައި، އެ މުވައްޒަފުންނާ މެދު އިޞްލާޙީ ފިޔަވަޅު އެޅުމަށް ރިޔާސީ ކޮމިޝަނުން ދީފައިވާ ލަފަޔާ އެއްގޮތަށް އަޅުއްވަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ އަންގަވާފައިވެއެވެ.
މީގެ އިތުރުން، މި މައްސަލައިގައި ހިމެނޭ ގ. އެރިއަދޫ، ރައުދު އަޙްމަދު ޛިލާލް، އެޕްރީލު 18 ވަނަ ދުވަހުގެ ހެނދުނު ހ. މާއިރާއަށް ދިޔުމުން އޭނާ ބަލައި އޭނާގެ ބޭބެ ގ. އެރިއަދޫ، ދާއޫދު އަޙްމަދު ތިރިޔަށް ފޭބި ކަމަށް ހެކީންގެ ހެކިބަހުން އެނގޭތީ އާއި، ދާއޫދު އަޙްމަދު މައްސަލައިގެ ތަޙުޤީޤުގައި ދިވެހި ފުލުހުންގެ ޚިދުމަތަށް ދިން ބަޔާނާއި ރިޔާސީ ކޮމިޝަނަށް ދިން ބަޔާނުގައި ތަފާތުތަކެއް ހުރުމާއެކު، ތަޙުޤީޤަށް ދޮގު ބަޔާނެއް ދީފައިވާކަން ކޮމިޝަނަށް ފާހަގަކުރެވޭ ކަމަށް ބަޔާންކުރައްވައިފައިވާތީ އާއި، ޙައްވާ ޔުމްނު ރަޝީދު ހ. މިޓާޒްގެ ފުރާޅުމައްޗަށް ވެއްޓިގެން ލިބުނު އަނިޔާތަކަށް ފަރުވާއެއް ނުލިބި އޮންނަންޖެހުމަކީ އިންސާނިއްޔަތުގެ ނަޒަރަކުން ބަލާއިރު ވެސް ކޮށްގެންވާނެ ކަމެއް ކަމުގައި ނުވާތީ، މި ހާދިސާގައި ރައުދު އަޙްމަދު ޛިލާލްގެ އިހުމާލާ އެއްވަރަށް، އެކަން ކަމާބެހޭ އިދާރާތަކަށް ނާންގައި ތިބުމުގައި އޭނާގެ ބޭބެ ދާއޫދު އަޙްމަދާއި، އެޕްރީލު 18 ވަނަ ދުވަހުގެ ހެނދުނު ހ. މާއިރާއިން ރައުދު އަޙްމަދު ޛިލާލްއާ ބައްދަލުވި މީހުންގެ ބައިވެރިވުން ހިމެނޭތީ، އެކަން އިތުރަށް ތަޙުޤީޤުކުރުމަށް ރިޔާސީ ކޮމިޝަނަށް ފެނިވަޑައިގަންނަވާ ކަމަށް ބަޔާންކުރައްވާފައިވާތީ، ރިޔާސީ ކޮމިޝަނުގެ އެ ނިންމެވުމާ އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އަންގަވައިފައެވެ.
މި މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ، ޞިއްޙީ ވުޒާރާއަށް އެންގެވި އެންގެވުމުގައި އެ ވުޒާރާގެ ދަށުން ހިންގަމުން އަންނަ އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައި.ޖީ.އެމް.އެޗް) އާއި އެ ހޮސްޕިޓަލުގައި ހުންނަ ފެމިލީ ޕްރޮޓެކްޝަން ޔުނިޓް (އެފް.ޕީ.ޔޫ.) އިން ޢަމަލުކޮށްފައިވާ ގޮތާ ގުޅިގެން ފާހަގަކުރެއްވި ކަންކަމަކީ:
– ޙައްވާ ޔުމްނު ރަޝީދަށް ޖިންސީ އެއްވެސް އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް ޓަކައި އައި.ޖީ.އެމް.އެޗްގެ އިންޓެންސިވް ކެއަރ ޔުނިޓް (އައި.ސީ.ޔޫ.) އިން، އައި.ޖީ.އެމް.އެޗް.ގެ އެފް.ޕީ.ޔޫ.އަށް އެންގުމަށްފަހު، އެފް.ޕީ.ޔޫ.ގެ މުވައްޒަފު އެޓެންޑުނުވުމުން އެކަން ނުކޮށް ދޫކޮށްލައިފައިވާތީ، މިއީ އެފް.ޕީ.ޔޫ.ގެ އެސް.އޯ.ޕީގައި އެތަނުގެ މުވައްޒަފު ޢަމަލުކުރަންޖެހޭ ގޮތް ކަމުގައި ބަޔާންކޮށްފައިވާ ގޮތާ ޚިލާފު ޢަމަލެއްކަން އެނގޭކަމާއި، އަދި އެފް.ޕީ.ޔޫ.ގެ މުވައްޒަފު އެޓެންޑް ނުވިކަމުގައި ވިޔަސް، އަނިޔާ ލިބިފައިވާ މީހާއަށް ޖިންސީ އެއްވެސް އަނިޔާއެއް ލިބިފައިވޭތޯ ބެލުމަށް، އަނިޔާ ލިބިފައިވާ މީހާގެ ޢާއިލާއިން އެދިއްޖެ ނަމަ، އެފް.ޕީ.ޔޫ.ގެ މުވައްޒަފުންގެ ބަހަކާ ނުލައިވެސް އެފަދަ ޓެސްޓެއް ޑޮކްޓަރުންނަށް ހެދެންވާނެ ކަމަށް ކޮމިޝަނަށް ފެންނަ ކަމަށް؛
– އަނިޔާ ލިބިފައިވާ ޒުވާން އަންހެނަކު ފެނުމުން، އެ މީހާއަށް ކުއްލި ފަރުވާ ފޯރުކޮށްދިނުމަށް އައި.ޖީ.އެމް.އެޗް.އަށް ގެންދެވުމުން، ފުރަތަމަ އެހީގެ ގޮތުގައި ފަރުވާދެވޭ ވަގުތުގައި ވެސް އެ މީހާއަކީ އަނިޔާތަކެއް ލިބިފައިވާ މީހެއް ކަމަށް ބަލައި، އެ މީހާގެ ހަށިގަނޑުގެ ބޭރުފުށުން ފެންނަން ހުރި އަނިޔާތައް ދެނެގަނެ، އެއްވެސް ނިޝާނެއް ފެންނަން ހުރި ނަމަ އެ ނިޝާންތަކުގެ ފޮޓޯ ނަގައި އަދި ޖިންސީ އަނިޔާއެއް ކޮށްފައި ވާކަމަށް ބަލައި "ވަޖައިނަލް ސްވޮބް"، "އޭނަލް ސްވޮބް" ،"ބަކަލް ސްވޮބް" އަދި އެހެނިހެން ކަންކަމަށްވެސް ތަހުލީލުތައް ހެދުމަށް ބޭނުންވާނޭ އެންމެހައި ސާމްޕަލްތައް ނަގައި ހެއްކާއި ޤަރީނާ ނުގެއްލޭ ގޮތަށް އެ މަޢުލޫމާތު އެއްކުރެވި ރައްކައުކުރެވެންވާނެ ކަމާއި، މިކަން ކުރުމުގައި އައި.ޖީ.އެމް.އެޗް.ގެ އެފް.ޕީ.ޔޫ. އިން ލަސްނުކޮށް މިކަން ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ޓަކައި އެ ޔުނިޓުގެ އިދާރީ ކަންކަން ހަރުދަނާކުރުން މުހިންމު ކަމަށް ކޮމިޝަނުން ދެކޭ ކަމަށް.
މި މައްސަލައިގައި ރިޔާސީ ކޮމިޝަންގެ ރިޕޯޓްގައި ފާހަގަކުރެއްވި މި ކަންކަމާ ގުޅިގެން، މިފަދަ ކަންކަން ތަކުރާރުނުވާނެ ފަދަ ގޮތަކަށް އައި.ޖީ.އެމް.އެޗް.އާއި އެ ހޮސްޕިޓަލުގައި ހުންނަ އެފް.ޕީ.ޔޫ.ގެ އިދާރީ ކަންކަން ހަރުދަނާކުރުމަށް ޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް ޞިއްޙީ ވުޒާރާއަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އަންގަވާފައެވެ.



advertisment