މަތީ ޘާނަވީއާއި، ޘާނަވީ އިމްތިޙާނުތަކުން އެންމެ މަތީ ނަތީޖާ ހޯދި ދަރިވަރުންގެ އަގު ވަޒަންކޮށް އިނާމު ދިނުމަށް މިއަދު ކުރިއަށްގެންދިޔަ "މަތީ އަރުތަވެރިންގެ އިނާމު 2024″ގެ ފަހު ދަންފަޅި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
ޒުވާނުންގެ މަރުކަޒުގައި ރޭ ބޭއްވި މި ރަސްމިއްޔާތުގައި، މަތީ ޘާނަވީ އިމްތިޙާނުން އެންމެ ރަނގަޅު 10 ނަތީޖާ ހޯދި ދަރިވަރުންނާއި، ޘާނަވީ އިމްތިޙާނުތަކުން އެއްވަނަ ނަތީޖާ ހޯދި ދަރިވަރުންނާއި މި ދެ އިމްތިޙާނުން ދުނިޔޭގެ ފެންވަރުގެ އެވޯޑުތައް ހޯދި ދަރިވަރުންގެ އަގުވަޒަންކޮށް، އިނާމު ހަވާލުކޮށްފައިވެއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މަތީ ޘާނަވީ އިމްތިޙާނުން ދުނިޔެއިން އެއްވަނަ ހޯދައިގެން "އައުޓްސްޑޭންޑިން ޕިއަރސަން ލަރނަރ އެވޯޑް،" ހާސިލުކުރި ދެ ދަރިވަރުންނަށް، އެވޯޑް ހަވާލުކޮށްދެއްވައި، ޘާނަވީ އިމްތިޙާނުން ވަކިވަކި މާއްދާތަކުން މުޅި ދުނިޔެއިން އެއް ވަނަ ހޯދި 57 ދަރިވަރުންނަށާއި، ޘާނަވީ އިމްތިޙާނުން ޤައުމީ ގަދަ 10 ގެ އެއް ވަނަ ނަތީޖާ ހޯދި 21 ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވައި، މަތީ ޘާނަވީ އިމްތިޙާނުން ޤައުމީ ގަދަ 10 ގެ އެއް ވަނަ ނަތީޖާ ހޯދައިގެން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ ސްކޮލަރޝިޕް ލިބޭ 11 ދަރިވަރުންނަށް، އިނާމާއި ސްކޮލަރޝިޕް ލިޔުން ހަވާލުކޮށްދެއްވާފައެވެ.
މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޒުވާނުންގެ މަރުކަޒަށް ވަޑައިގެންނެވުމުން ތާޖުއްދީން ސްކޫލްގެ ދަރިވަރުން ވަނީ، އެމަނިކުފާނަށް ޝަރަފުގެ ސަލާމަކުން އިސްތިޤުބާލުކޮށް، ހަނދާނީ ހަދިޔާއެއް އަރުވާފައެވެ.



advertisment