Support Us

4000 ފްލެޓްގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސް ބައްލަވައިލައްވައިފި

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ތަރައްޤީކުރަމުންދާ 4000 ފްލެޓްގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ބައްލަވައިލައްވައިފިއެވެ.

ބޯހިޔާވަހިކަމުގެ ފުރުޞަތު ފަހިކޮށްދެއްވުމުގެ ގޮތުން ކުރިއަށް ގެންދަވާ އެކި މަޝްރޫޢުތަކުގެ ތެރެއިން، މި ފްލެޓްތައް ޢިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާ ސަރަޙައްދުތަކަށް މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޒިޔާރަތުގައި، މަޝްރޫޢާ ބެހޭ އެންމެ ފަހުގެ އަދާހަމަ އޮޅުންފިލުއްވެވިއެވެ.

މި 4000 ފްލެޓް ތަރައްޤީކުރުމުގެ މަސައްކަތުގެ ދުވެލި ހަލުވިކުރައްވައި، ވީ އެންމެ އަވަހަކަށް ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށް ދެއްވުމަށްޓަކައި، މިދިޔަ 18 މަސްދުވަހުގެ ތެރޭގައި ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކުރައްވައިފައި ކަމަށް ރައީސް އޮފީހުން ބުނެއެވެ. ސަރުކާރުގެ އަމާޒަކީ، މީގެ ތެރެއިން މަސައްކަތް މުޅީން ނިމޭ ޓަވަރުތަކުގައި މިއަހަރު މީހުން ދިރިއުޅެން ފެށުމެވެ. އަދި މި މަޝްރޫޢު ވީހައި އަވަހަކަށް މުޅީން ފުރިހަމަކުރެއްވުމެވެ.

މި ފްލެޓްތަކަށް އެދި ހުށަހެޅި ފަރާތްތަކުގެ ތެރެއިން، އުސޫލާ އެއްގޮތަށް ޝަރުތު ހަމަވި ހުރިހާ ފަރާތްތަކަށްވެސް ފްލެޓް ލިބޭނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

ސަރުކާރުގެ އަމާޒަކީ، ރާއްޖޭގައި މިހާތަނަށް ހިންގޭ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢު މި ދައުރުގެ ތެރޭގައި ހިންގެވުމެވެ. މިގޮތުން، މާލެ ސަރަޙައްދާއި ރަށްރަށުގައި ހިޔާވަހިކަމަށްޓަކައި ބިން ހިއްކުމުގެ މަޝްރޫޢުތައް މިހާރު ހިންގަވަމުން ގެންދަވާއިރު، އަތޮޅުތަކުގައި އެންމެ ގިނަ ފްލެޓް ބިނާކުރުމަށް މިހާތަނަށް ހިންގޭ މަޝްރޫޢު ސަރުކާރުން މިހާރު ވަނީ އިޢުލާނުކުރައްވައިފައެވެ. އަދި އިސްލާމިކް ފައިނޭންސްގެ އުޞޫލުން ފަސް އިންސައްތައަށް ވުރެ ކުޑަ އިންޓަރެސްޓް ރޭޓްގައި ހިޔާވަހިކަމުގެ ލުއި ލޯނުތައް މިއަހަރު ދޫކުރައްވަން ސަރުކާރުން ދަނީ ތައްޔާރުވަމުންނެވެ.

ސަރުކާރުން ކަނޑައަޅުއްވާފައިވާ ހިޔާވަހިކަމުގެ ބިޔަ މަޝްރޫޢުގައި، 18 އަހަރުން މަތީގެ ކޮންމެ ދިވެހި ރައްޔިތަކަށްވެސް އަމިއްލަ ހިޔާވަހިކަމެއްގެ ފުރުޞަތު ފަހިކޮށް ދެއްވާނެއެވެ.

މީގެ ކުރީން، އިޖްތިމާޢީ ބޯހިޔާވަހިކަމުގެ އެކި މަޝްރޫޢުތަކުގައި ރާއްޖޭގެ އެކި ސަރަޙައްދުތަކުން ދޫކުރައްވާފައިވާ ގިނަ ފްލެޓްތަކެއްގެ ކުލި މި ސަރުކާރުން ވަނީ ލުއިކޮށްދެއްވައިފައެވެ. އަދި ހިޔާފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިކޮށްދެއްވުމުގެ ގޮތުން، ކޮންމެ ޓަވަރަކު އިތުރު ދެ ލިފްޓް ހަރުކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށް ގެންދަވަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *