މުޅި މާލެ ސަރަހައްދުން ހައެއްކަ ގަޑިއިރަށް މިއަދު ކަރަންޓް ކަނޑައިގެންދިޔަ މައްސަލަ ހައްލު ކުރެވިފައިވާ ކަމަށާއި އެފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް ކުންފުނިން އަޅާނެ ކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ ގްރޭޓަރ މާލެ އިންޓަރކަނެކްޝަން ގްރިޑަށް ކުރިމަތިވެފައިވާ މައްސަލަ ވަނީ ހައްލުކޮށް އަލުން ކަރަންޓު ދިނުމަށްޓަކައި ސްޓެލްކޯގެ މުވައްޒަފުންނާއި، އެކި ގޮތްގޮތުން އެހީތެރިވެދިން އެންމެހައި ފަރާތްތަކަށް އިޚްލާޞްތެރިކަމާއެކު އަދާކުރައްވާ ކަމަށެވެ.
"މީގެ އިތުރުން، މިފަދަ ހާދިސާއެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް މި ކުންފުނިން އަޅާނެ ކަމުގެ ފުރިހަމަ ޔަޤީންކަން އަރުވަން. އަދި މީގެ ސަބަބުން ރައްޔިތުންނަށް ކުރިމަތިވި އުނދަގޫތަކަށް މަޢާފަށް އެދެން. އަދި މިއަދު ގްރޭޓާމާލެ ގްރިޑް ބްލެކްއައުޓަކަށް ދިއުމަށް މެދުވެރިވި ސަބަބު ދެނަގަނެ އެކަމާއި ގުޅުން ހުރި މައުލޫމާތު ފަހުން އާންމު ކުރާނެ ކަމުގެ ޔަގީންކަން އަރުވަން،" ފަހުމީ ވިދާޅުވިއެވެ.
މާލެ، ހުޅުމާލެ އަދި ހުޅުލެ ހިމެނޭހެން މާލެ ސަރަހައްދުން މިއަދު މެންދުރު 12.40 ހާއިރު، ކަރަންޓު ކެނޑުނު މައްސަލަ "ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން" ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެންގެވުމާއެކު ފުލުހުންގެ ޓީމަކުން އިއްޔެ ވަނީ ސްޓެލްކޯ އަށް ވަދެ މައްސަލަ ތަހުގީގު ކުރަން ފަށައިފައެވެ.
ސްޓެލްކޯގައި ބޭއްވި ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޓެލްކޯގެ ޓެކްނިކަލް އޮފިޝަލުން ވިދާޅުވީ މިހާތަނަށް ބެލިބެލުމުގައި ބޮޑު އިކުއިޕްމަންޓެއް ހަލާކުވެ އަދި ބޮޑު ޓްރާންސްފޯމަރެއްގެ މައްސަލަ ވެސް ޖެހިފައި ނެތް ކަމަށެވެ.
"މެއިން އެއްވެސް ނެޓްވޯކެއްގެ މޭޖާޜ އެއްވެސް ކޮމްޕޯނަންޓެއްގެ މައްސަލައެއް ޖެހިފައެއް ނެތް،" ސްޓެލްކޯގެ އޮފިޝަލުން ވިދާޅުވި އެވެ.




advertisment

