ހދ. ކުޅުދުއްފުށީގެ ފެން އުފައްދާ ނިޒާމު 100 ޕަސަންޓް އިރުގެ ހަކަތައަށް ބަދަލުކުރުމުގެ ޢަމަލީ މަސައްކަތުގެ އެއްބަސްވުމުގައި އެމް.ޑަބްލިޔު.އެސް.ސީ އާއި ޖަޕާންގެ ކެނެޑޭވިއާ ކޯޕަރޭޝަނާ ދެމެދު މިއަދު ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ ޢަބްދުލް މަތީން މުހައްމަދެވެ. ކެނެޑޭވިއާ ކޯޕަރޭޝަންގެ ފަރާތުން، އެ ކުންފުނީގެ ޖެނެރަލް މެނޭޖަރ ޓަކެށީ އައިބާ އެވެ.
މި ރަސްމިއްޔާތުގައި ޖަޕާން ސަފީރު އިޝިގާމީ ރުމިކޯ އާއި މާލެ ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީގެ ޗެއަރޕާރސަން ޝަމްހޫޒާ އަޙްމަދާއި ކުންފުނީގެ ބޯޑް ޑިރެކްޓަރުންނާއި ދެ ކުންފުނީގެ އިސް މުވައްޒަފުން ބައިވެރިވިއެވެ.
މި މަޝްރޫޢުގައި ދުވާލަކު 500 ކިޔުބިކް މީޓަރުގެ ފެން އުފެއްދުމުގެ ގާބިލުކަން ލިބިފައިވާ އާރް.އޯ ޕްލާންޓެއް ބެހެއްޓުމާއި 500 ކިލޯވޮޓްގެ ސޯލާ ޕީވީ ސިސްޓަމެއް ޤާއިމްކުރުމާއި 1450 ކިލޯ ވޮޓްއަވަރގެ ބެޓެރީ ސިސްޓަމެއް ގާއިމްކުރާނެއެވެ.
އެމް.ޑަބްލިޔު.އެސް.ސީން ބުނި ގޮތުގައި މި މަޝްރޫއަށް ދާނެ ކަމަށް ލަފާކުރެވޭ ޖުމްލަ ޚަރަދުގެ 27% އަކީ ޖަޕާނުގެ ގްލޯބަލް އެންވަޔަރަންމަންޓް ސެންޓަރ ފައުންޑޭޝަން (ޖީއީސީގެ) ހިލޭ އެހީއެވެ. މީގެ އިތުރުން ޖަޕާނުގެ ކުންފުންޏެއް ކަމުގައިވާ ކެނެޑޭވިޔާގެ ފަރާތުންވެސް މަޝްރޫޢަށް ބޭނުންވާ ޖުމްލަ ޚަރަދުގެ 27% ހިއްސާ ކުރާނެއެވެ. މަޝްރޫޢަށް ހިގާނެ ކަމަށް ލަފާކުރެވޭ ޖުމްލަ ޚަރަދުގެ 46% ހިއްސާ ކުރާނީ އެމް.ޑަބްލިޔު.އެސް.ސީންނެވެ.
"މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާއި ހަކަތައާއި ބެހޭ ސިޔާސަތުތަކުގެ އިތުރުން، އ.ދގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައްވެސް ހާސިލުކުރުމަށް މަގުފަހިވެގެންދާނެއެވެ. އަދި ދިވެހިރާއްޖެއަށް އިމްޕޯޓްކުރާ ފޮސިލް ފިއުލް އެތެރެކުރާ މިންވަރު ދަށްކޮށް، ކުންފުނިން ދެމުން ގެންދާ ޔޫޓިލިޓީ ޚިދުމަތްތަކާއި އަދި އޮޕަރޭޝަން ތަކުގައި ތެލަށް ބަރޯސާވާ މިންވަރު ކުޑަ ކުރުމަށް އެހީތެރިވެދޭނެއެވެ. މި އާއެކު، ކުޅުދުއްފުށީގައި ފެން އުފެއްދުން ތިމާވެއްޓާއި ރައްޓެހި އަދި ދެމެހެއްޓެނިވި ގޮތަކަށް ބަދަލުކުރެވި، އޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ މަންފާ އެންމެހާ ރައްޔިތުންނަށް ލިބިގެން ދާނެއެވެ. އަދި ޤުދުރަތީ ވަސީލަތްތައް ބެލެހެއްޓުމާއި ތިމާވެށި ހިމާޔަތްކުރުމުގެ އަމާޒުތައް ހާސިލްކުރުމަށްވެސް މިމަޝްރޫޢު މުހިންމު ދައުރެއް އަދާކުރާނެއެވެ." އެމް.ޑަބްލިޔު.އެސް.ސީގެ ބަޔާނެއްގައި ވެއެވެ. "މި މަޝްރޫޢުގެ ސަބަބުން އަހަރެއްގެ މައްޗަށް ދެ ލައްކަ ލީޓަރގެ ޑީސަލް ސަލާމަތް ކުރެވޭނެ ކަމަށް ލަފާ ކުރެވޭއިރު މި ކަމުގެ ސަބަބުން އަހަރަކު 573 ޓަނުގެ ކާބަން ޑައި އޮކްސައިޑް ޖައްވަން ދިޔުން ހުއްޓުވޭނެއެވެ. އެމް.ޑަބްލިޔު.އެސް.ސީގެ އަމާޒަކީ މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ސާފު ބޯފެނާއި ރައްކާތެރި ނަރުދަމާގެ ޚިދުމަތް އެންމެހައި ރައްޔިތުނަށް ފޯރުކޮށްދިނުމެވެ."
1 ޖޫން 2025



advertisment

