Support Us

ވާނުވާގައި ތިބި ދެ މީހަކު ޓެގް އަޅުވައިފައި ދޫކޮށްފި، އިތުރު ފަސް މީހެއްގެ މައްސަލަ ކޯޓުގައި: ޕީ.ޖީ

ޝަރީޢަތް ނިމެންދެން ބަންދުގައި ނުވަތަ ވާނުވާ ބަންދުގައި ތިބި މީހުންގެ ތެރެއިން މިހާތަނަށް ދެ މީހަކު ޓެގް އަޅުވައިފައި ދޫކޮށްފައިވާ ކަމަށާއި އިތުރު ފަސް މީހެއް ދޫކުރުމުގެ މައްސަލަ ކޯޓުގައި ކުރިއަށްދާ ކަމަށް ޕީ.ޖީ އޮފީހުން ބުނެފިއެވެ.

ޕީ.ޖީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ވާނުވާގައި ތިބި މީހުން، އިލެކްޓްރޯނިކް މޮނިޓަރިން ޓެގް އެޅުވުމަށްފަހު، ލުއި ދެވިދާނެ މީހުން ކަނޑައަޅަމުން ގެންދަނީ "އެ މީހުން މޮނިޓަރކުރެވޭ ގޮތަށް މުޖުތަމައު ތެރެއަށް ދޫކޮށްލައިފިނަމަ، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް ނުރައްކާ ދެނެގަތުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ތައްޔާރުކުރާ އެސެސްމަންޓަށް ރިޢާޔަތްކޮށް" ކަމަށެވެ.

"އެސެސްމަންޓުތައް މި އޮފީހަށް ލިބެމުންދާ ވަރަކުން، ބަންދަށް ލުއި ދިނުމުގެ ކަންކަން ކުރިއަށްގެންދެވޭނެއެވެ." ޕީ.ޖީ އޮފީހުގެ ބަޔާނުގައި ވެއެވެ. އެގޮތުން އިއްޔެ، 28 މޭ 2025 ގެ ނިޔަލަށް، ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި ދެ މީހެއްގެ ބަންދަށް، މޮނިޓަރިން ނިޒާމުގެ ތެރެއިން ލުއިދީފައިވާނެއެވެ. އަދި އިތުރު ފަސް މީހެއްގެ ބަންދަން ލުއި ދިނުމާ ގުޅޭ އަޑުއެހުންތައް މިއަދު، 29 މޭ 2025 ގައި ކޯޓުތަކުގައި ކުރިއަށްދާނެއެވެ."

ޕީ.ޖީން ބުނީ މި މަސައްކަތުގެ ތެރެއިން ބަންދަށް ލުއިދެވޭނީ "އިލެކްޓްރޯނިކް މޮނިޓަރިން ޓެގް އެޅުވުމުން، އެމީހުންގެ ފަރާތުން މުޖުތަމައުގެ ސަލާމަތަށް އޮތް ނުރައްކާ ކުޑަކުރެވިދާނެ ކަމަށް ފެންނަ ބާވަތްތަކުގެ ކުށްތަކުގެ ތުހުމަތުކުރެވޭ މީހުންނަށް" އެކަނި ކަމަށެވެ.

"އެނޫން މީހުންގެ ބަންދަށް މި ނިޒާމުގެ ތެރެއިން ލުޔެއް ދިނުމަކަށް ހަމަޖެހިފައެއް ނުވެއެވެ. އެގޮތުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކާއި، މަރުގެ މައްސަލަތަކާއި، ޓެރަރިޒަމްގެ ބޮޑެތި މައްސަލަތަކާއި، މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ބޮޑެތި މައްސަލަތަކުގައި ޝަރީޢަތް ނިމެންދެން ބަންދުގައި ތިބި މީހުންގެ ބަންދަށް މި ނިޒާމުގެ ތެރެއިން ލުއި ދިނުމަކަށް އަދި ހަމަޖެހިފައެއް ނުވެއެވެ."

ޕީ.ޖީން އަދި ބުނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ރިމާންޑު ޖަލުތަކުގެ ޖާގައަށްވުރެ އިތުރަށް މީހުން ބަންދުކޮށްފައިވާއިރު، "މި މަސައްކަތުގެ ތެރެއިން ރިމާންޑު ޖަލުތަކުގެ ޖާގައިގެ ދަތިކަމަށް ކޮންމެވެސް މިންވަރެއްގެ ޙައްލެއް ލިބި، ބަންދުގައި ބައިތިއްބަންޖެހޭ މީހުންނަށް ލިބިދޭ ވަސީލަތްތަކަށް ހެޔޮ ބަދަލެއް ގެނެވޭނެ ކަމަށް" އެ އޮފީހުން ދެކޭ ކަމަށެވެ.

"މި އޮފީހުގެ އަމާޒަކީ، ޝަރީޢަތް ނިމެންދެން މީހުން ބަންދުކުރުމާ ގުޅޭ މައްސަލަތަކަށް ވަށާޖެހޭ އަދި ދާއިމީ ޙައްލެއް ގެނައުމެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *