އެއީ ލޯބީގެ ކަރުނައެވެ. އެއީ އުފަލާއި ހިތާމައިގެ ކަރުނައެވެ. އެއީ ހިތްހަމަޖެހުމާއި ހިތް ނުތަނަވަސްކަމުގެ ކަރުނައެވެ. އެ ވަގުތުކޮޅުން އެ ފެންނަނީ ދީނަށް އޮތް މަތިވެރި ލޯތްބާއި އިޙްތިރާމެވެ. އަދި ދަރީންނާއި އާއިލާގެ މައްޗަށް އޮތް ލޯތްބާއި ކުލުނާއި އޯގާތެރިކަމެވެ. ހިތުގައި އޮތް ދީނީ ލޯތްބާއި ތަޤުވާވެރިކަމެވެ.
ޙައްޖަށް ފުރާއިރު ރޮވެނީ ހަމައެކަނި ޙައްޖާޖީންނަކަށް ނޫނެވެ. ޙައްޖާޖީންގެ ޢާއިލާގެ މެންބަރުން ވެސް ރޮވެއެވެ. މި ދަނޑިވަޅުގައި ރޮވޭ އެއް ސަބަބަކީ އެމީހެއްގެ ލޮބުވެތި ޢާއިލާއާ ވަކިވާންޖެހުމުގެ ހިތާމައެވެ. އަނެއް ކަމަކީ ޙައްޖުގެ މަތިވެރި އަޅުކަން ކުރުމަށް ދެވޭތީ ނަފުސަށް ލިބޭ އުފަލެވެ. މި ދެ ހާލަތުން ވެސް ދެ ލޮލަށް ގިނަވެ އޮހޮރެމުންދަނީ ހިފެހެއްޓެމެއްނެތި ކަރުނައެވެ.
ޙައްޖަށް ދާ ގިނަ މީހުންނަކީ އުމުރުން ދުވަސްވީ މީހުންނެވެ. އެމީހުންނަށް އެ މީހުންނަށް ލޯބިވާ ދަރިންނާ ވަކިވެ ދިގު މުއްދަތަކަށް ދުރު ހިސާބަކަށް ދަތުރުކުރުމަކީ ހިތަށް ފަސޭހަކަމެއްނޫނެވެ. ހަމައެއާ އެކު އެ ބަލިބުރު ހާލަތުގައި މަންމަ ނުވަތަ ބައްޕަ ނުވަތަ މާމަ ނުވަތަ ކާފައާ ދުވަސްކޮޅަކަށް ނަމަވެސް ވަކިވުމަކީ ޢާއިލާއަށް ވެސް ލިބޭ ވަރަށް ބޮޑު ނުތަނަވަސްކަމެކެވެ. މިއިން ކޮންމެ ސަބަބަކާ އެކު ވެސް ކޯތާފަތްމައްޗަށް ފޫދިގަންނަނީ ކަރުނައެވެ.
ޙައްޖަށް ފުރާއިރު ގިނަ މީހުންނަށް ރޮވޭ މައިގަނޑު އަނެއް ސަބަބަކީ ހިތްހަމަޖެހުމެވެ. ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ކެތްތެރިކަމާ އެކު ކުރި ދިގު އިންތިޒާރުގެ ނިމުން އައިކަމުގެ ހިތްހަމަޖެހުމެވެ. ގިނަ މީހުން ޙައްޖަށް ދިއުމަށް އަހަރުތަކެއް ވަންދެން ފައިސާ ރައްކާކޮށް، އެކަމަށް ޓަކައި އެތައް ދުޢާއެއްކޮށް އެތައް ދުވަހަކު އިންތިޒާރު ކުރެއެވެ. އެހެންކަމުން، މި މަތިވެރި އަޅުކަން އަދާކުރުމުގެ ފުރުސަތު ލިބުމުން އުފަލުގެ ކަރުނަ އޮހޮރުމަކީ މައްސަލައެއް ނޫނެވެ. މިއީ ﷲ ގެ ރަޙްމަތާއި ދަރުމައަށް އެދި ރޮވޭރޮވުމެވެ. މާތްﷲގެ ވާގިފުޅާއި ހެޔޮ ރަޙުމަތްޕުޅުން ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމުގެ ކުޅަދާނަކަމާއި ފުރުސަތު ތަނަވަސްކޮށްދެއްވުންއެދި ކުރެވޭ ދުޢާއާއި އެ ފިކުރާއި އެ ޖަޒުބާތުގެ އަސަރެވެ. މި ޝުޢޫރާ އެކު އެއްބަޔަކަށް ހިފެހެއްޓުމެއްނެތި ރޮވެނީއެވެ. އަނެއް ބަޔަކު ހިތަށް ލިބޭ ފިނިކަމުގައި ހިނިތުންވެލަނީއެވެ.
ޙައްޖަށްދާ އިރު ރޮވޭ ތިންވަނަ ކަމަކީ އަމިއްލަ ނަފުސާ މެދު ވިސްނާ ފިކުރުކުރުމުން އުފެދި ތިލަވާ ޝުޢޫރާއި ޖަޒުބާތެވެ. އަމިއްލަ ނަފުސާމެދު ވިސްނައި ހިސާބުކުރެވުމުން އުފެދޭ ތަޤުވާވެރިކަމުގެ އިހުސާސެވެ. އެއީ މާތްﷲގެ ޙަޟްރަތަށް ބިރުވެރިވެ ކުއްތަންވުމުން ހިތަށް ކުރާ އަސަރެވެ. އެ މީހެއްގެ ހަޔާތުގައި ކުރެވިފައިވާ ކުށްފާފަތަކާ މެދު ހިތާމަކޮށް ތައުބާވެ ﷲ ގެ ޙަޟްރަތުގައި ހިތާހިތުން ކުރެވޭ ދުޢާއަކީ ބައެއް ފަހަރު ކަރުނައަށް ވެދެއެވެ.
ޙައްޖު ދަތުރަކީ ޖިސްމާނީ އަދި ރޫޙާނީ ދިގު އަދި ތަކުލީފުތަކެއް ވެސް ހިމެނޭ ދަތުރެކެވެ. އުފަލާއި، އުއްމީދާއި، ތައުބާގެ ކަރުނަ ހިލިގެންދާ ދަތުރެކެވެ. މިއީ އިންސާނީ ޙަޔާތުގައި އޭނާ ކުރާނެ އެންމެ މުހިންމު އަދި އެންމެ ތާރީޚީ އަދި ޙަޤީޤަތުގައި އެންމެ އުފާވެރި ދަތުރެވެ. މި ދަތުރަށް ފަށާ ވަގުތަކީ މާތްﷲގެ އަޅާ އެ ކަލާނގެ ޙަޟްރަތަށް ކުއްތަންވުމަށް ކުރާ ދަތުރެއްގެ ފެށުމެވެ. މި މާތް ދަތުރަށް ފުރާއިރު އުފަލުގެ ކަރުނަ ބަންޑުންވެގެން ދިއުމަކީ މައްސަލައެއް ނޫނެވެ. މި ކަރުނައިގައި ވަނީ އާއިލާއާ ވަކިވުމުގެ ހިތާމައާއި، މަތިވެރި އަޅުކަމެއް އަދާކުރުމަށް ދެވޭތީ ވާ އުފަލާއި، އަމިއްލަ ނަފްސާ މެދު ވިސްނުމުގެ ފުންމިނެވެ.
ފޮޓޯ: އިސްލާމިކް މިނިސްޓްރީ
- ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން



advertisment