(އަމިއްލަ ރާގަކަށް)
ތެދު ބުނަންހޭ މަކޮޔާ އެއް ރެޔަކު އެ އަތިރި މަތީ
ހަނދު އަރާނޭ ކަމު މީހަކު ބުނި ކަޅުފޮއި އެ މަތީ
ހެދި ނަލަވެގެން އެއް ރޭ ގޮސް އެތަނަށް ނިކުމެވުނީ
އެދި މަގޭ ކަނިއެ ކަމަށް ފަރުވާ ކަޅުފޮއި އެ މަތީ
ވަނދުހު ވަސް ދުންކެވިގެން ދެން އައި ފިނި ރޯޅިމަތީ
ތަދު ހިތުން ފޭވި ކަމަށް ހީވިޔެ ކަޅުފޮއި އެ މަތީ
ހުދުކުލައި ހެދުމެއްގައި އައި ނަލަނަލަ ހޫރުޕަރީ
ބެދުނު އަރު ލޯ ފެނުމުން އޭނާ ކަޅުފޮއި އެ މަތީ
މަދުމަދުން ނޫނީ މަގުތަކު މިތަނުން ފެނިނުމެދާ
ތަދު ރިވެތިކަން ފެނުނޭ މޫނުން ކަޅުފޮއި އެ މަތީ
މެދު ފަހަށް ފިކުރެއް ވެސް ކޮށް ނުމެލައި އިސްނެގުނީ
ލަދު ނެތިވެ ތަދު ފިލުވަން ހީކޮށް ކަޅުފޮއި އެ މަތީ
ހެނދުނު ހޭލެވުނު އިރުން ބާރެއް ދުލުގައި ނެތަތީ
ތެދުތެދަށް ކަން ހިނގި މަގު ނުގޮވުނެ ކަޅުފޮއި އެ މަތީ
ނަދުރު ބުނެ ފަންޑިތަބޭ މެތުރި ފެނުން ފެންވެރިޔަސް
ނުދިޔަޔޭ އަނދިރި ޕަރީ ފޭޔަށް ކަޅުފޮއި އެ މަތީ
އެނދުމަތީ އަދު އަހަރެން ދުނިޔޭން މޮޔަވެފަ މިއޮތީ
ބަދު ބަހެއްވެސް ބުނެލަން އަޑު ނެތި ކަޅުފޮއި އެ މަތީ
ތެދު ބުނަންހޭ މަކޮޔާ ހުންނާނެ އެ އަތިރި މަތީ
ހަނދު ބަލަން ދަޢުވަތު ދޭ ކަމަނާ ކަޅުފޮއި އެ މަތީ



2 Responses
އާދަޔާ ޚިލާފު! ޝުކުރިއްޔާ!
ވަހީދުގެ އެހެން ޅެންތަކާ ހާދަ ތަފާތު ޅެމެކޭ މިއީ! އަނެއްކާ ހަގީގީ ހާދިސާއެއްގެ މައްޗަށް ހެއްދެވި އެއްޗެއްބާއޭ ހިތަށް އަރާ. ހާދަ ރީއްޗޭ.