Support Us

މައްކާ ރޫޓް އިނީޝިއަޓިވް ކޮމިޓީގެ ވެރިން ރައީސުލްޖުމްހޫރިއްޔާއާ ބައްދަލު ކުރައްވައިފި

މައްކާ ރޫޓް އިނީޝިއަޓިވްގެ ސްޓިއަރިން ކޮމިޓީގެ ޗެއަރމަން އަދި މިނިސްޓަރ އޮފް އިންޓީރިއަރގެ އެޑްވައިޒަރ، ސުލައިމާން ބިން ޢަބްދުލް ޢަޒީޒް އަލްޔަޙްޔާ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް ވައިގެ ބަނދަރުގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، މައްކާ ރޫޓް އިނީޝިއަޓިވްގައި ދިވެހިރާއްޖެ ހިމެނުއްވުމަށް ނިންމެވި ކަމަށްޓަކައި، މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު، ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދަށާއި، ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހްދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދަށާއި ސަޢޫދީ ސަރުކާރަށް ޝުކުރު އަދާކުރައްވާކަން ހާމަކުރައްވާފައެވެ. އަދި އެ ނިންމެވުމުން ހާމަކޮށްދެނީ، ދިވެހިރާއްޖެ އާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު އޮންނަ ގުޅުމަށް ދެއްވާ އަހަންމިއްޔަތުކަން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ސުލައިމާން ބިން ޢަބްދުލް ޢަޒީޒް އަލްޔަޙްޔާގެ ވާހަކަފުޅުގައި ވަނީ، މައްކާ ރޫޓް އިނީޝިއަޓިވްގައި ދިވެހިރާއްޖެ ހިމެނުއްވުމަކީ ސީދާ މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު، ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދާއި، ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހްދު އަދި ބޮޑުވަޒީރު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އަލް ސަޢޫދުގެ އިރުޝާދުގެ ދަށުން، މިއަހަރުން މިއަހަރަށް ތަންފީޒުކުރެއްވުމުގެ ނިޔަތުގައި ނިންމެވި ނިންމެވުމެއް ކަމަށް ވިދާޅުވެފައެވެ. އަދި ދިވެހިރާއްޖެ އާއި މި ސަރުކާރަކީ މި އިނީޝިއަޓިވް ޙައްޤުވާ ފަދަ އަޚުލާޤެއް ދައްކާފައިވާ ޤައުމެއް ކަމަށާއި، މީގެ ކުރީގެ އަހަރުތަކުގައި ޙައްޖުގެ އިންތިޒާމުތައް ކުރިއަށްގެންގޮސްފައި ވާ ގޮތުން އެކަން ހާމަވާކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

މައްކާ ރޫޓް އިނީޝިއަޓިވް މެދުވެރިކޮށް، ދިވެހި ޙައްޖުވެރީންނަށް ޙައްޖުގެ އަޅުކަމުގެ ދަތުރުފަތުރުގެ ކަންކަމުގައި ގިނަގުނަ ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. އެގޮތުން ވިސާ އާއި އިމިގްރޭޝަންގެ ކަންކަން ފުރުމުގެ ކުރިން، ވެލާނާ އިންޓަރނޭޝަނަލް ވައިގެބަނދަރުން ފުރިހަމަކުރެވި، މައްކއަށް ދެވުމާއެކު، އެއާޕޯޓުގައި އިތުރަށް މަޑުކުރަން ނުޖެހި ސީދާ ހޮޓަލަށް ދެވޭނޭ އިންތިޒާމު ކުރެވި، ދާގީނާ އަދި އިމިގްރޭޝަން ކިއު ތަކުގައި ގިނަ ވަގުތު ހޭދަކުރަން ނުޖެހުން ފަދަ ލުއިފަސޭހަތައް ލިބިގެންދާނެއެވެ.

މިއީ ޙައްޖުގެ އަޅުކަން އަދާކުރުމުގައި ދިވެހި ޙައްޖާޖީންނަށް ލިބޭ ބޮޑު ކުރިއެރުމަކަށް ވެގެންދާނެއެވެ. އަދި މިކަމަކީ ދިވެހިރާއްޖެ އާއި ސަޢޫދީ ޢަރަބިއްޔާ އާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެގެންދާނޭ ފިޔަވަޅަކަށް ވެގެންދާނެއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *