Support Us

ނާލާފުށީ ކައުންސިލާއި ރަށުގެ އިސްވެރިންނާ ރައީސް ބައްދަލުކުރައްވައިފި

މ. ނާލާފުށީ ކައުންސިލާއި އ.ތ.މ. ކޮމިޓީ އަދި ރަށުގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައިފިއެވެ.

މުލީ އެއާޕޯޓު ހުޅުވުމަށް އެރަށަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު މެންދުރުފަހު މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާގައެވެ.

މި ބައްދަލުކޮށްލެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ބޭފުޅުން ވަނީ ރަށަށް އެންމެ ބޭނުންވާ ކަންކަމާއި، ރަށުގެ ތަރައްޤީއަށް އެންމެ އެދޭކަންކަން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. މިގޮތުން އެބޭފުޅުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ފެނާ ނަރުދަމާ މަޝްރޫޢު ފުރިހަމަ ނުވާތީ އެކަމުގައިހުރި ކަންބޮޑުވުންތަކާއި، ކަރަންޓުގެ މައްސަލަ ހުރުމުން ކުރިމަތިވާ ގޮންޖެހުންތައް ޙިއްޞާކުރެއްވިއެވެ.

މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ކައުންސިލުން ވިދާޅުވީ މުލީ އެއާޕޯޓު ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުތަކަކީ ވަރަށް އުންމީދީ ވާހަކަފުޅުތަކެއްކަމުގައެވެ. އަދި ކޯޒްވޭ ތަރައްޤީކުރުމުން ނާލާފުއްޓަށް އެތައް ފައިދާތަކެއް ވާނެކަމުގައި އެބޭފުޅުން ވިދާޅުވިއެވެ. މީގެ އިތުރުން އޭ.ޓީ.އެމް އަދި ޕޮލިސް ސްޓޭޝަން މަޝްރޫޢުގެ އިތުރުން ޖުމްލަކޮށް މިހާރު ކުރިއަށްދާ މަޝްރޫޢުތައް އަވަހަށް ނިމުމަށް އެދިވަޑައިގަންނަވާކަން އެބޭފުޅުން ފާހަގަކުރެއްވިއެވެ. ހަމައެއާއެކު ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށްޓަކައި، ރައްޔިތުންނާ ގާތުން މަސައްކަތްކޮށްދެއްވާކަމަށްޓަކައި ކައުންސިލުން ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރުއަދާކުރެއްވިއެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހާގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދަޢުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެމަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *