ތެލެސީމިއާ ސެންޓަރުގެ ޚިދުމަތް ހަރުދަނާ ކުރެއްވުމުގެ ގޮތުން، އެ ސެންޓަރުގެ އިދާރީ ހިންގުމާއި ޚިދުމަތުގެ ގަޑިތަކަށް ބަދަލުގެންނަވައި، މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށަށް، މޯލްޑިވިއަން ބްލަޑް ސަރވިސަސް (އެމް.ބީ.އެސް) ބަދަލުކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަން ހާމަކުރެއްވީ، ރައްޔިތުންނާ ވީހާވެސް ގާތުން މަޢުލޫމާތު ހިއްސާކުރައްވައި، ރައްޔިތުންގެ ޚިޔާލުތަކާއި ކަންބޮޑުވުންތައް އަޑުއައްސަވައި، ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކުރިއަށް ގެންދަވާ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ ފަސް ވަނަ އެޕިސޯޑްގައި މިއަދު ވާހަކަފުޅުދައްކަވަމުންނެވެ.

އެމް.ބީ.އެސް މިހާރު ހިންގަމުން އަންނަނީ ހެލްތު މިނިސްޓްރީގެ ދަށުންނެވެ.

ޕޮޑްކާސްޓުގެ މި އެޕިސޯޑްގައި، މިއަދު ފާހަގަކުރާ ދުނިޔޭގެ ތެލެސީމިއާ ދުވަހުގެ މުނާސަބަތުގައި، ދުވަހުގެ ހެޔޮއެދުންތައް އެންމެހާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އަރިސްކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ހޮސްޕިޓަލެއްގެ ގޮތުގައި ތެލެސީމިއާ ސެންޓަރު ހިންގުމުގެ މުހިންމުކަން ފާހަގަކުރައްވައި، އެންމެ ގިނަވެގެން ކުރިއަށްއޮތް ދެ ހަފުތާ ތެރޭގައި، އެމް.ބީ.އެސްގެ ހިންގުމާ މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ފަރާތުން ހަވާލުވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މި ބަދަލުގެ ސަބަބުން ގިނަ ފައިދާތަކެއް ކުރާނެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އެ ގޮތުން މި ބަދަލާއެކު ސްޕެޝަލިސްޓް ޑޮކްޓަރުންގެ އެހީގައި ތެލެސީމިއާ ކުދިންގެ ހުރި އެކިއެކި މައްސަލަތަކާއި ދަތިތަކަށް، ޙައްލު ލިބިގެން އަންނާނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މި ބަދަލާއެކު ރާއްޖޭގެ އަތޮޅުތަކުގައި ދެވޭ ޚިދުމަތްތައްވެސް ހިނގަމުންދާނީ އެ ތަނުގެ ދަށުން ކަމަށާއި ތެލެސީމިއާ ސެންޓަރު ހުޅުމާލޭ އޮރެންޖު ހިޔާއަށް ބަދަލުވެގެންދިއުމާއެކު ހުޅުމާލޭގައި ހުރި، މާލޭ ހޮސްޕިޓަލްސް ގްރޫޕުގެ ހޮސްޕިޓަލުން އެތަނުގެ ހިންގުމުގައި ވަރަށް ބޮޑު ދައުރެއް އަދާކުރައްވާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ޕޮޑްކާސްޓުގެ މަސައްކަތްތައް ފަށައިގަތް ދުވަސްވަރު، ތެލެސީމިއާ ސެންޓަރަށް ވަޑައިގެން، އެތަނުގެ ހާލަތު ބައްލަވައިލެއްވި ހިސާބުން ފެށިގެން ގިނަ މަސައްކަތްތަކެއް މިހާތަނަށް ކުރެވި، ބޮޑެތި ކުރިއެރުންތަކެއް ހޯދިފައިވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އޮރެންޖު ހިޔާ އިމާރާތުގައި ޖާގަ ތަނަވަސްވުމުގެ އިތުރުން ވަސީލަތްވެސް ކުރިއަށް އޮތް ތަނުގައި އިތުރުވަމުން އަންނާނެ ކަމަށާއި ވަސީލަތް އިތުރުކުރުމުގައި ބަޖެޓު ހަމަޖެއްސުމަށް، ފިނޭންސް މިނިސްޓްރީއަށް ދެއްވަންޖެހޭ އެންމެހައި ހުއްދަތައް މިހާރު ވާނީ ދެއްވައިފައި ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން އެ ސެންޓަރަށް ބޭނުންވާ މުވައްޒަފުން ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސަރުކާރުގެ ޚަރަދުގައި ބޯންމެރޯ ހެދުމުގެ އިންތިޒާމު ހަމަޖައްސަން ވެފައިވާ ވަޢުދުފުޅާ އެއްގޮތަށް، 14 ކުއްޖަކަށް އެ ޚިދުމަތް ފޯރުކޮށްދެވެމުން އަންނަ ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި އިތުރު ކުދިންނަށް އެ ފުރުސަތު ލިބިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ރާއްޖޭގައި ތެލެސީމިއާއަށް ޚާއްޞަ ފުލް-ފްލެޖްޑް ހޮސްޕިޓަލެއް ހުޅުމާލޭގައި ހެދުމަށް މިހާރު މަސައްކަތްތަކެއް ފެށިފައިވާކަން އެ މަނިކުފާނު ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެގޮތުން މި މަޝްރޫޢަށް އިންވެސްޓްކުރާ ފަރާތްތަކާއެކު އެގްރީމަންޓު ހެދުމާ ހިސާބަށްދެވި، ޢަމަލީ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި ހޮސްޕިޓަލުގެ މަސައްކަތުގެ ތެރެއިން ބޯންމެރޯގެ ޚިދުމަތް ދިނުމަށް ޝަރުތު ކުރެވިފައިވާނެ ކަމަށާއި، މިކަމުގެ އިތުރު ތަފުސީލުތައް ކަންކަން ނިމެމުންދާ ވަރަކަށް ހާމަވެގެން އަންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވިދާޅުވިއެވެ.

ތެލެސީމިއާ ކުދިންނަށް ދާއިމީ ރަނގަޅު ޙައްލެއް ގެނެސްދެއްވުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވައިގެން ސަރުކާރުން މަސައްކަތް ކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.