ފްރާންސްގެ ޓެނިސް ކުޅުންތެރިޔާ އަދި ވިޔަފާރިވެރިޔާ ރެނޭ ލަކޯސްޓްއަށް ވަނަމެއްގެ ގޮތުން "ކިނބޫ" ކިޔަން ފެށީ އޭނާގެ ޖިސްމާނީ ބާރުގަދަކަމަކުން އެކަންޏެއް ނޫނެވެ. ނަމަވެސް އޭނާ ގެންގުޅުނު ހުވަފެނެއް ދޫކޮށްލަން ދެކޮޅުހެދުމުންނެވެ.
އުމުރުން 92 އަހަރުގައި 1996 ގައި މަރުވިއިރު އެތައް މިލިއަން ގަމީހާއި ޓީ-ޝާޓުގައި އޭނާގެ "ނަން" ފަވައިލުމުގެ ކުރިން އޭނާއަކީ ޓެނިސް ރެކެޓެއް ހިފައިގެން އުޅުނު އަނަރޫފަ މީހެކެވެ. އޭނާގެ އޮތީ އެހެން އެއްވެސް މީހަކު ގަބޫލުނުކުރި ހުވަފެނެކެވެ.
މީހުން ބުނަމުން ގެންދިޔައީ ޓެނިސް ކެރިއަރުގައި އޭނާ ކުރިއަކަށް ނުދާނެކަމަށެވެ. ނަމަވެސް އޭނާއާމެދު މީހުންގެ ހިތުގައި އޮންނަ ޝައްކު ބޮޑުވި ވަރަކަށް އޭނާއަށް ޔަގީންވީ ހިތްވަރުގަދަކަމާއި ސީދާސާދާކަމާއި އަދި ރީތިކަމަކީ އެކުއެކީގައި ކުރިއަށް ގެންދެވިދާނެ ކަންތައްތައްކަންކަމެވެ.
ވިމްބަލްޑަން، ހޮހެންޑް ގެހޮސް އަދި ޑޭވިސް މުބާރާތް ރެނޭ ކާމިޔާބުކުރިއެވެ. ނަމަވެސް އޭނާގެ އެންމެ ގޮންޖެހުން ބޮޑުވި މެޗަކީ ކޮބައި ހެއްޔެވެ؟ އެއީ އުމުރުން އެންމެ 25 އަހަރުގައި ޓެނިހުން އަމިއްލަ ނަފުސު "މުސްކުޅިކުރަން" ޖެހުމުންނެވެ. އެއީ 1929 ގައެވެ. ފުއްޕާމެއަށް ބައްޔެއް ޖެހި އޭނާ ސަލާމަތްވީ ކިރިޔާއެވެ.

ރެނޭއަށް ޖެހުނީ އެއިރު ފަރުވާއެއް ހޯދިފައި ނުވާ ޓުބާކިއުލޮސިސް ނުވަތަ ޓީބީ ބަލިކަމަށް ބައެއް މަސްދަރުތަކުން ލަފާކުރެއެވެ. ވައިގެ ޒަރީއާއިން ފެތުރޭ ޓީބީ ބަލީގެ ޖަރާސީމު މަރައިލެވޭ ބޭހެއް ހޯދުނީ 1943 ގައެވެ. ރެނޭއަށް ޓީބީ ޖެހުނީ އޭނާގެ ފުރާވަރުގައިކަމަށް ވެސް ބައެއް ފަރާތްތަކުން ލަފާކުރެއެވެ. ސަބަބަކީ ގިނަގިނައިން ރޯގާޖެހޭތީއެވެ. އަދި ކޯޓުގައި ޓެނިސް ކުޅެން ހުންނަ އިރު ވެސް އެ ކަމުގެ އަސަރުތައް ފެންނަ ކަމަށްވެއެވެ.
ޓީބީ ޖެހުމާއެކު އޭނާ ޓެނިހާއި ދުވުމުން ދުރަށް ދާންޖެހުނެވެ. ނަމަވެސް އޭނާ ގެންގުޅެމުން ދިޔަ ހުވަފެން ދުލެއް ނުކުރިއެވެ.

ފަރުވާ ލިބިގަންނަމުން އައިއިރު އޭނާއަށް އިހުސާސް ކުރެވެމުން އައީ ސްޕޯޓްސްވެއާ ނުވަތަ ކުޅިވަރު ކުޅޭއިރު ލާ އެކި ބާވަތުގެ ހެދުންތައް ހަށިގަނޑަށް ފަސޭހަ ނޫންކަމެވެ. އެ ގޮތުން އެއިރު ގަމީހާއި ޓީ-ޝާޓު ހުންނަނީ އަތްދިގުކޮށެވެ. އަދި އެއާއެކު ޓައި އަޅައި، ފަޓުލޫނު ލައެވެ.
އެހެންކަމުން އޭނާ ނިންމީ މި ފަދަ ހެދުންތައް އޭނާ އަމިއްލައަށް ފަރުމާކުރުމަށެވެ. އެއީ 1929 ގައެވެ. ރެނޭ އުފެއްދި، މިހާރު ނަމުން މަޝްހޫރުވެފައިވާ "ޕޯލޯ" ގަމީހާއި ޓީ-ޝާޓުތައް ގަޔަށް ފަސޭހަވެ، ބޭނުންތަކަށް ފިޓު އަދި ރީތި ހެދުންތަކަކަށްވިއެވެ. ޓެނިސް ކުޅޭއިރު ލާ ހެދުންތަކަށް ގެނުވި އިންގިލާބަކަށްވި މި ގަމީހާއި ޓީ-ޝާޓުވެގެން އައީ މި ޒަމާނުގެ ޕޯލޯ ގަމީހާއި ޓީ-ޝާޓުގެ ބިންގަލަކަށެވެ. ވައި ދައުރުކުރާ، ކުޅިވަރު ކުޅޭ މީހުންނަށް ފަސޭހަވާނެ ކޮޓްންއިން ލުއިކޮށް، މަޑު ގިރުވާން ލައި އަދި ކުޑަ ލޯގޯއަކާއެކު ހަދައިފައިވައި ގަމީހާއި ޓީ-ޝާޓެވެ. އެ ލޯގޯއަކީ ކޮބައި ހެއްޔެވެ؟ އެއީ އެއްކަލަ ކިނބުލެވެ. ކިނބޫ ހާއްސަވީ ކީއްވެ ހެއްޔެވެ؟ އެއީ ބަލިމަޑުކަމުގައި ވެސް ރެނޭގެ ހުވަފެނާއެކު ކުރިއަށް ދިއުމުންނެވެ.

މީހުން އޭނާއަށް މަލާމާތްކުރިއެވެ. ބުންޏެވެ: "ކިނބުލެއް ޖަހައިފައިވާ ގަމީހެއް ލާނީ ކާކު ހެއްޔެވެ؟"
ނަމަވެސް ދެން ވީ ގޮތަކީ އެ ގަމީސްތަކާއި ޓީ-ޝާޓުތައް ބޭނުންވެގެން ޗެމްޕިއަނުންތައް އުޅުމެވެ. އޭނާ އުފެއްދި ގަމީހާއި ޓީ-ޝާޓު ވެގެން އައީ އެތުލީޓުންނަށް މާ ކަމުދިޔަ އެއްޗަކަށެވެ. އަދި ގޮލްފް ކުޅޭ މީހުންގެ އިތުރުން ބޯޓު ދަތުރުކުރަން ދާ މީހުންނަށް ވެސް ކަމުދިޔަ ހެދުންތަކަކަށް ރެނޭގެ އުފެއްދުންތައް ވިއެވެ.

ރެނޭގެ ކިނބޫ ލޯގޯ ޖެހި ލަކޯސްޓް ބްރޭންޑް އުފަންވީ ޖާނުން ވަރުގަދަވުމަށްވުރެ ނަފުސަށް އޮތް ޔަގީންކަން ބޮޑު، ހޮސްޕިޓަލް އެނދެއްގައި އޮތް މީހެއްގެ ފަރާތުންނެވެ. މިއީ ރެނޭގެ ހަޔާތުގެ ވާހަކައެވެ.
އޭނާއަށް ކިނބުލުގެ ލޯގޯ ފަރުމާކޮށްދިނީ 1927 ގައި އޭނާގެ ރަހްމަތްތެރިޔާ ރޮބަޓް ޖޯޖްއެވެ. އެއީ ޓެނިސް ކޯޓުގައި ލާ ބްލޭޒާތަކަށެވެ. މިއީ ހެދުން އުފެއްދުމުގެ ސިނާއަތަށް ގެނުވި އިންގިލާބަކަށްވިއެވެ. ސަބަބަކީ ބޭރަށް ފެންނަ ގޮތަށް ލޯގޯއެއް ހެދުމެއްގައި ޖެހި ފުރަތަމަ ކުންފުނިކަމަށް ލަކޯސްޓްވުމުންނެވެ. ވަރަށް ތަފާތު އަދި ހަނދާނުން ކައްސައިނުލާނެ ކަހަލަ މި ލޯގޯ ވެގެން އައީ ލަކޯސްޓް ބްރޭންޑްގެ އައިޑެންޓިޓީއަށެވެ.

ޕޯލޯ ގަމީހާއި ޓީ-ޝާޓުގެ އިތުރުން މިއަދު ލަކޯސްޓް ވަނީ އެހެން ވިޔަފާރިތަކަށް ވެސް ވަދެފައެވެ. އޭގެ ތެރޭގައި ބޫޓާއި އައިނާއި ލެދަރުން އުފައްދާ ތަކެއްޗާއި ސެންޓާއި ގަޑި ހިމެނެއެވެ. ނަމަވެސް މި ހުރިހާ ތަކެތީގައި ވެސް ވަނީ ކުޅިވަރުގެ ރީތި ސިފަ ޖައްސުވައިފައެވެ. އަދި ބައިނަލްއަގުވާމީ މާކެޓްތަކަށް ވިޔަފާރި ފުޅާކޮށް، މިއީ މިހާރު ދުނިޔޭގައި ފްރާންސްގެ ސްޓައިލާއި ކޮލިޓީ ރަމްޒުކޮށްދޭ ނިޝާނެކެވެ.
ކުޅިވަރުގެ މޮޅުކަމާއި ރީތިކަމާއި އިންސާފުން ކުޅުން ނުވަތަ ފެއާ ޕްލޭގައި ރެނޭއަކީ ނަމޫނާ ޝަހުސިއްޔަތެކެވެ. އޭނާގެ ލަކޯސްޓް ބްރޭންޑް ވެސް ގުޅުވައިލައިފައިވަނީ މި ކަންތައްތަކާއެވެ. ދެގޮތެއް ނުވެ، ކާމިޔާބު ނޫނީ ގަބޫލު ނުކުރާނެކަމުގެ ވަރުގަދަ އަޒުމެއްގައި ހިފެހެއްޓި ލަކޯސްޓް ބްރޭންޑަކީ މިއަދު ދުނިޔޭގެ ކުޅިވަރު މުބާރާތްތަކާ ގުޅިފައިވާ ބްރޭންޑެކެވެ. އެ ގޮތުން ޓެނިހުގެ ބޮޑެތި މުބާރާތްތައް ސްޕޮންސާކޮށް، މަޝްހޫރު އެތްލީޓުންނާ ޕާޓްނާޝިޕް ހަދައި، ލަކޯސްޓްގެ ތަރިކަ އާއި އިތުބާރު ދަމަހައްޓަމުން އާދެއެވެ.

ފުރަތަމަ އެޅި ބިންގަލުގެ މަތީގައި ހުރެގެން ލަކޯސްޓުން އަންނަނީ ޒަމާނީ ފެޝަން ޓްރެންޑްތަކާ ވެސް ފައިހަމަކުރަމުންނެވެ. އެކި ޑިޒައިނަރުންނާ ގުޅިގެން މި ޒަމާނުގެ ޖީލުތަކަށް ކަމުދާނެ ކަހަލަ ގޮތްތަކަށް ތަކެތި ފަރުމާކުރުމުގެ ޒަރީއާއިންނެވެ. އެ ގޮތުން، ބްރޭންޑް މެނޭޖްކުރުމުގައި އެތައް ގޮންޖެހުންތަކަކާ ކުރިމަތިލަމުން އައި ނަމަވެސް، ލަކޯސްޓުން އަދިވެސް އަންނަނީ ޕްރީމިއަމް ލައިފްސްޓައިލް ބްރޭންޑެއްގެ ގޮތުގައި މަގާމު ދަމަހައްޓަމުންނެވެ.
ލަކޯސްޓްގެ ކިނބޫ ބްރޭންޑްގެ ކާމިޔާބު ގުޅިފައިވަނީ މީހެއްގެ ޒާތީ ދިރިއުޅުމާއެވެ. ރެނޭއާއެވެ. ކުޅިވަރު ކުޅޭ މީހުންނާ ރައްޓެހި، އީޖާދުކުރަނިވި އުފެއްދުންތަކާއެވެ. ތަފާތު އަދި އަޅައިގަންނާނެ ކަހަލަ ލޯގޯއަކާއެކުއެވެ. ވިޔަފާރީގެ ވިސްނުންތެރި ޕާޓްނާޝިޕްތަކާ ގާއިމުކުރި ގުޅުންތަކާއެވެ. އަދި ކުޅިވަރުގެ ދާއިރާއާ ދާއިމީ ގުޅުމެއް ބާއްވައި އެ ކަމުގެ ކާމިޔާބާއި ރީތިކަން ފާހަގަކުރާތީއެވެ. މިހެންވެ، ރެނޭގެ "ކިނބު"ލަކީ ހަމައެކަނި ލޯގޯއެއް ނޫނެވެ. އޭގެން ރަމުޒުކޮށްދެނީ ކުޅިވަރުގެ ރޫހުގެ ތަރިކައެވެ. ފްރާންސްގެ އެކި ދާއިރާގައިވާ ކަވިކަމެވެ.
ރެނޭގެ މި އުފެއްދުންތެރި ދަތުރުގައި އެތައް ފަހަރަކު ފަހަތަށް ފިޔަވަޅު އަޅަން ޖެހުނެވެ. ވަފާތެރިކަން ދޫކޮށްލި މީހުންނާ ކުރިމަތިލާން ޖެހުނެވެ. އަދި ވޭން ތަހައްމަލުކުރަން ޖެހުނެވެ. ނަމަވެސް އޭނާގެ ހުވަފެން އޭނާ ދުލެއް ނުކުރެއެވެ. ސަބަބަކީ ކިނބުލަކީ ވެސް ފަހަތަށް ޖެހޭ މަހުލޫގެއް ނޫނެވެ. ދުވަހަކު ވެސް އެ ސޮރު އެ ގޮތަށް ކަންތައްތައް ނުކުރެއެވެ.
ރެނޭގެ ހަޔާތުން ލިބުނު ފިލާވަޅަކީ، ކޮންމެ މީހަކު ކޮންމެ އެއްޗެއް ކިޔަސް، ކޮންމެ މީހަކު ވެސް ހުންނަން ވާނީ އެ މީހަކު އެ މީހެއްގެ ގޮތުގައިކަމެވެ. ކުރިއަށް ދެވޭނީ އެ ގޮތުގެ މަތިންކަމެވެ. އެހެން މީހުންނަށް ހިތްވަރު ލިއްބުވައިދެވޭނީ އެ ގޮތަށެވެ. މީހުންނަށް ކާމިޔާބުގެ މަގު ދައްކައިދެވޭނީ ވެސް އެހެންކަމެވެ.
