(ފަރިއްސެއް، އަމިއްލަ ރާގަކަށް)
ފަހު ޒަމާނުގެ ސިފަތަކެއްހޭ ފެންނަމުން މިދަނީ ސަފުން؟
އަހުރެނަށް ހީވާ މި ހީވުން ޞައްޙަނަމަ… ހިތްދަތިވެޔޭ
އިހުގެ އެދުރުން ވަރުކޮށީ ޖެއްސެވި ކުޅީގެ އަގެއް ނެތުން
ފަޚުރު ދޭސީ ހެވިކަމުގެ ތާރީޚު ނެތިކޮށްލައި މެޔޭ
ފިހުނުމަހުގައި ރަހަނުލައިފައި ބާބަކިޔު މާ މޮޅުވުމުން
ރިހުނު ފައި މައްޗަށް އެތައް ފޮއި ވެއްޓިދާހެން ހީވެޔޭ
ހެހުނު ކާށީ އެއްކިބައި މަސްކާށިކޭ އަޚުނަށް ވުރެން
ފެހުރިހީގެ ފޮޓޯ ނަގަން އައި މިތުރު ލާތުވި މޮޅުވެޔޭ
ބަހު ވިލާތުގެ ފުރޮޅިދޫ ކިޔުމަށް ފަރިތަ ވެއްޖެތަ ކަތުން
ބިހުގެ ދޮށިކަން ސަނަދަކުން ކުކުޅެއްގެ މައްޗަށް ވެރިވެޔޭ
އަޚުކަމާ އެކުވެރިކަމާ ނަގުދުން ވަޒަންކޮށް ނިންމުމުން
ރަޙުމު ރަޙިމުގެ ގުޅުންތަކުގައި ނެތި ކުރުން ވަރިހަމަވެޔޭ
