Support Us

އެސްޓީއޯގެ އާމްދަނީ ދަށްވެ، ފައިދާ ވެސް ދަށަށް

އެސްޓީއޯގެ މިދިޔަ އަހަރުގެ އާމްދަނީ ދަށްވެ، ފައިދާ ވެސް ދަށްވެއްޖެއެވެ.

އެސްޓީއޯގެ 2024 ވަނަ އަހަރުގެ އަހަރީ ހިސާބުތައް ދައްކާ ގޮތުގައި ހުސްވި އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 15.4 ބިލިއަން ރުފިޔާ އެވެ. މިއީ، މީގެ ކުރީ އަހަރާ އަޅާބަލައި ހަ އިންސައްތައިގެ ދަށްވުމެކެވެ.

"އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައިބަދަލާއިއެކު ކުންފުނިން ވިއްކަމުން ދިޔަ ތެލުގެ އަގަށް ހެޔޮ ބަދަލުތަކެއް ގެނެވި ތިން ފަހަރެއްގެ މަތިން ތެލުގެ އަގު ދަށްކުރުމާއެކު، ތެލުގެ ވިޔަފާރިން ލިބުނު އާމްދަނީ ދަށްވެފައިވުމެވެ. އެހެންނަމަވެސް، އެސްޓީއޯގެ އެހެނިހެން ވިޔަފާރިތައް ވަނީ ވަރުގަދަ މިސްރާބެއްގައި ދެމެހެއްޓިފައެވެ." އެސް.ޓީ.އޯ އިން ބުނެއެވެ.

އާމްދަނީ ދަށްވުމާއެކު، ޖުމްލަ ފައިދާގެ ގޮތުގައި އެސް.ޓީ.އޯ އަށް މިދިޔަ އަހަރު ލިބިފައިވަނީ 2.4 ބިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 12 އިންސައްތައިގެ ދަށްވުމެކެވެ.

"ކުންފުނީގެ ހިންގުމުގެ ހަރަދު ވަނީ 2024 ވަނަ އަހަރު އޭގެ ކުރީ އަހަރާ އަޅާބަލާއިރު އަށް އިންސައްތަ ދަށްކުރެވިފައެވެ. އެހެން ނަމަވެސް، ޖުމްލަ ފައިދާ ދަށްވުމާއެކު ހިންގުމުގެ ފައިދާ ދަށްވެ، ހިންގުމުގެ ފައިދާގެ ގޮތުގައި ލިބިފައިވަނީ 1.1 ބިލިއަން ރުފިޔާއެވެ." އެސް.ޓީ.އޯ އިން ބުނެއެވެ.

 މިދިޔަ އަހަރު ޓެކްސްއަށް ކެނޑުމުގެ ކުރިން ސާފު ފައިދާއަކީ 846 މިލިއަން ރުފިޔާއެވެ. މިއީ މީގެ ކުރީ އަހަރާއި އަޅާބަލައި 15 އިންސައްތައިގެ ދަށްވުމެކެވެ. މީގެ މައިގަނޑު ސަބަބަކީ، މަތީގައި ބަޔާންކުރެވުނު ފަދައިން، ތެލުގެ އަގުތަކަށް ގެނެވުނު ބަދަލާއެކު ޖުމްލަ ފައިދާ ދަށްވެފައި ވުމެވެ. ޓެކުހަށް ކެނޑުމަށްފަހު، މި އަހަރުގެ ސާފު ފައިދާގެ ގޮތުގައި ވަނީ 741 މިލިއަން ރުފިޔާ ލިބިފައެވެ.

"މި ފުރުޞަތުގައި އެސްޓީއޯގެ ވިޔަފާރީގެ އެންމެހާ ބައިވެރިން އެސްޓީއޯގެ ކަންކަމާމެދު ބަހައްޓަވާ ގާތްކަމާއި ދެއްވާ އެހީތެރިކަމާއި އެއްބާރުލުމަށް، ނިހާޔަތައް ޝުކުރު ދަންނަވަމެވެ." އެސް.ޓީ.އޯ އިން ބުނެއެވެ.

~ ~ ~

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *