ސަރުކާރުގެ ސިޔާސަތަކީ، އަދި ވިސްނުމާއި އަޒުމަކީ މައިންބަފައިންނާއި މުދައްރިސުން ގުޅިގެން ކުރާ މަސައްކަތުން ގިނަ ކުދިންތަކެއް ޙާފިޡުންނަށް ހެދުން ކަމަށާއި، އެންމެހާ ރައްޔިތުން ގުޅިގެން ގިނަ ޙާފިޡުން މި ޤައުމުގައި އުފެއްދުމަށް މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ގޮވާލައްވައިފިއެވެ. އެމަނިކުފާނު މިކަމަށް ގޮވާލެއްވީ މިރޭ އިސްލާމީ މަރުކަޒުގައި ކުރިއަށްގެންދިޔަ ޙާފިޡުން ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކީރިތި ޤުރްއާން އުނގަންނައިދެއްވުމަށް ބާރުއެޅުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. މިގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކީރިތި ޤުރްއާނާބެހޭ ޚާއްޞަ ވަޤުފް އިމާރާތެއް އެޅުމަށް މަސައްކަތްކުރައްވާކަން ފާހަގަކުރައްވާފައެވެ. އަދި އެކަމަށްޓަކައި ކުރަމުންދާ މަސައްކަތްތަކުގެ ތަފްޞީލު ހާމަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ފަހުދިހައެއްގައިވެސް އެކަމަށް މަސައްކަތްކުރައްވައި، މިހާރު މާލެއިން އެއިމާރާތް އެޅުމަށް ބިމެއް ކަނޑައަޅުއްވާފައިވާ ކަމަށެވެ. އަދި މި ފަހުދިހައެއްގެ ބަންދަށްފަހު ސަރުކާރު ހުޅުވޭއިރު އެކަމާބެހޭ ސިޓީ، އިސްލާމިކް މިނިސްޓްރީއަށް ފޮނުއްވާނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އަދި ކީރިތި ޤުރުއާނާބެހޭ މި ވަގުފު އިމާރާތް އެޅުމުން ލިބޭނެ ފައިދާތަކަށްވެސް މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަލިއަޅުއްވާލެއްވިއެވެ. މިގޮތުން މި އިމާރާތް އެޅުމުން އެކުރެވިގެންދަނީ ވަރަށް މުހިންމު ހޭދައެއްކަމުގައި ފާހަގަކުރައްވައި، ފިކުރީ އަދި ހުރިހާ މާނައެއްގައިވެސް މުހިންމު އިންވެސްޓްމަންޓަކަށް މިކަން ވާނެކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުންވެސް މިރޮނގުން ކުރައްވަމުންގެންދަވާ މަސައްކަތްތައް އެމަނިކުފާނު މި ރަސްމިއްޔާތުގައި ފާހަގަކުރެއްވިއެވެ.
މިރޭގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޙާފިޡަކަށްވުމަށް އެފަރާތްތަކުން ކުރައްވާ ބުރަ މަސައްކަތް ފާހަގަކުރައްވައި މަރުހަބާ ވިދާޅުވެފައެވެ.



advertisment