"މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫޢުގެ ދަށުން މިއަދު ހިދުމަތް ފެށި ހަތް ރަށާއެކު ހއ. އަތޮޅުގެ ހުރިހާ ރަށެއްގައި ބީ.އެމް.އެލް އޭޓީއެމް ގާއިމުކޮށް ނިންމައި ހިދުމަތް ފަށައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މިއަދު އަލަށް އޭޓީއެމްގެ ޚިދުމަތް ފެށި ރަށްތަކަކީ އުތީމު، ތުރާކުނު، އުލިގަމު، މުޅަދޫ، މާރަންދޫ، ތަކަންދޫ އަދި މުރައިދޫއެވެ.
އޭޓީއެމްތަކުގެ ޚިދުމަތް ފެށުމަށް އެ ރަށްތަކުގައި މިއަދު ބޭއްވި ރަސްމިއްޔާތުތަކުގައި ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރ ތޯރިގު އިބްރާހިމާއި އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މިނިސްޓަރު މުހައްމަދު ސައީދުގެ އިތުރުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފާއި ބޭންކުގެ އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

"މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް މަޝްރޫޢުގެ ދަށުން ހއ. އަތޮޅުގައި އޭޓީއެމްތައް ޤާއިމްކުރެވުމާއެކު، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް ބޭންކިންގ ޚިދުމަތް ފުޅާކުރުމުގެ ދަތުރުގައި ވަރަށް ބޮޑު ކުރިއެރުމެއް މި ވަނީ ލިބިފައި. މިއީ އަޅުގަނޑުމެން ވަރަށް އުފާކުރާ ކަމެއް. ދިރިއުޅޭ ރަށުގައި 24 ގަޑިއިރު އަސާސީ ބޭންކިން ޚިދުމަތްތައް ލިބޭނެ ވަސީލަތް ގާއިމުވުމާއެކު ހއ. އަތޮޅުގެ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް، މިއަދަކީ އިންގިލާބީ ބަދަލެއް ގެނުވާނެ ދުވަހެއް،" ބީ.އެމް.އެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.
"ހއ. އަތޮޅުގައި ގާއިމުކުރި އޭޓީއެމްތަކުގެ ޚިދުމަތާއެކު ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ގޮތުގައި ބީއެމްއެލް އިން ދެމުންދާ ޚިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެއެވެ. މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 107 ސެލްފްސަރވިސް ބޭންކިން ސެންޓަރ، 165 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. ބޭންކުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އީޖާދީ ބޭންކިންގ ހައްލުތަކެއް ގާއިމުކޮށް މުޖުތަމަޢު ބާރުވެރިކުރުވުމަށެވެ."
ތަފާސްހިސާބުތައް ދައްކާ ގޮތުގައި ފާއިތުވި 25 އަހަރު މުޅި ރާއްޖޭގައި ބެހެއްޓިފައި ވަނީ ޖުމްލަ 96 އޭޓީއެމްއެވެ. ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅަޚި އެއް އަހަރު ތެރޭގައި އިތުރު 122 އޭޓީއެމް ބަހައްޓައި، މުޅި ރާއްޖެއަށް ހިދުމަތް ފުޅާކުރެއްވުމެވެ. މި 122 އޭޓީއެމްގެ ތެރޭގައި ބީ.އެމް.އެލްގެ އިތުރުން އެމް.އައި.ބީގެ އޭޓީއެމް ވެސް ހިމެނެއެވެ.



advertisment

