ގްރޭޓަރ މާލެ އެންވަޔަރަންމަންޓް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް މަޝްރޫޢުގެ މަސައްކަތްތައް ތިލަފުށީގައި ކުރިއަށްދާ ގޮތް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ބައްލަވާލައްވައިފިއެވެ.
ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ އަމާޒަކީ، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމުގެ ނިޒާމެއް ރާއްޖޭގައި ގާއިމުކުރުމެވެ. އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ) އާއި ޖަޕާން ފަންޑް ފޮރ ޕަވަޓީ ރިޑަކްޝަން (ޖޭ.އެފް.ޕީ.އާރު) ގެ އެހީގައި ދިވެހި ސަރުކާރުންވެސް ޚަރަދު ކުރައްވައިގެން ކުރިއަށް ގެންދާ މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހި އަމާޒު ކުރެވިފައި ވަނީ، މާލެ ސަރަހައްދާއި، އަދިވެސް އިތުރު ރަށްރަށުން ކުނި ނެގުމާއި، ކުނި އުފުލައި ނައްތާލުން ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށެވެ. އެގޮތުން، ތިލަފުށީ ވޭސްޓް ރިސެޕްޝަން ފެސިލިޓީއަށް ހެޔޮ ބަދަލުތަކެއް ގެނައުމާއި، އައު ވޭސްޓް ޓްރާންސްފަރ ސްޓޭޝަންތައް އެޅުމާއި، ޑިމޮލިޝަން ވޭސްޓް ޕްރޮސެސިން ޕްލާންޓެއްގެ އިތުރުން، ކުނީގެ ގޮތުގައި ބައު އުޅަނދުފަހަރު ނައްތާލުމަށް ޚާއްޞަ ޕްލާންޓެއް ތަރައްޤީ ކުރުން ހިމެނެއެވެ. އަދި އެއް ރަށުން އަނެއް ރަށަށް ކުނި އުފުލުމަށް އައު އުޅަނދެއް ތަރައްޤީ ކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.
މަޝްރޫޢުގެ ދެވަނަ ފިޔަވަހީގައި ވޭސްޓް ޓު އެނާޖީ (ޑަބްލިއު.ޓީ.އީ) ޓެކްނޮލޮޖީ ނުވަތަ ކުނިން ހަކަތަ އުފެއްދުމުގެ ފަންނިއްޔާތު ތަޢާރަފުކޮށް، އެ ސަރަހައްދުގައި ދުވާލެއްގެ މައްޗަށް އުފެދޭ 774 ޓަނުގެ ކުނީގެ މައްސަލައަށް ހައްލު ހޯދުން ހިމެނެއެވެ. މި މަޝްރޫޢުގެ އަމާޒަކީ، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރުމަށް އާންމުންގެ ހޭލުންތެރިކަން އިތުރުކޮށް، ޓްރީޓްމަންޓާއި ރީސައިކަލް ކުރުމާއި ކުނި ނައްތާލުމުގެ އިންފްރާސްޓްރަކްޗަރ ރަނގަޅުކޮށް، ތިލަފުށީގެ ޒަމާންވީ ޑަމްޕްސައިޓް ނުވަތަ ކުނި ޖަމާކުރާ ސަރަޙައްދުގެ ތަޣައްޔަރުކަން ކުޑަކުރުމެވެ.
ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއެކު ރައީސުލްޖުމްހޫރިއްޔާ މިއަދު ތިލަފުއްޓަށް ކުރެއްވި ޒިޔާރަތުގައި، ފާހަގަކޮށްލެވޭ ހެއު ބަދަލުތަކެއް ގެނެސްފައިވާ ތިލަފުށީ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގެ މަސައްކަތްތައްވެސް ބައްލަވާލެއްވިއެވެ. އެގޮތުން ގެނެވިފައިވާ ހެއު ބަދަލުތަކަށް ބަލާއިރު، ހުއްޓިފައި އޮތް ކުނި ބޭލިން ތައްޔާރުކުރުމުގެ މަސައްކަތް އަލުން ފަށައި، ދުވާލެއްގެ މައްޗަށް މިހާރު 76 ބޭލްގެ ކުނި އުފައްދައެވެ. އަދި ޖާގައިގެ ބޭނުން، އޭގެ ފުރިހަމަ ގޮތުގައި ހިފުމަށްޓަކައި، 991 ކުނި ބޭލް ވަނީ އެހެން ސަރަހައްދަކަށް ބަދަލުކުރެވިފައެވެ. ރިސޯޓްތަކުން އުފައްދާ ކުނި ޖަމާ ކުރާ ސަރަޙައްދަށް އުޅަނދުފަހަރު ހުސްކޮށް، އަނބުރާ ފޮނުވާލަން ހޭދަވާ ވަގުތު، އެއް ދުވަހުން އެއް ގަޑިއިރަށް ކުޑަކޮށް، ލޭންޑިން ކްރާފްޓް އޯފްލޯޑްކުރާ ސަރަޙައްދުގެ ކްލިއަރަންސްއަށް ހޭދަވާ ވަގުތު، ތިން ދުވަހުން، ފަސް ގަޑިއިރަށް ވަނީ ކުޑަކުރެވިފައެވެ.
މީގެ އިތުރުން އެޑްވާންސް ސަވައިލަންސް ސިސްޓަމްތަކާއެކު ފެސިލިޓީގެ ސެކިއުރިޓީ ވަނީ ވަރުގަދަކޮށްފައެވެ. އަދި ކުނިން ހަކަތަ އުފައްދާ ޕްލާންޓަށް ވަދެވޭ މަގުތައް ސާފުކުރުމަށް 6،500 ޓަނުގެ ކުނި، ލޭންޑްފިލް ކަވަރގެ ގޮތުގައި އަލުން ވަނީ ބޭނުންކޮށްފައެވެ. މީގެއިތުރުން ކުރިއަށް އޮތް ދެ އަހަރަށް ކުނި މެނޭޖް ކުރުމަށް 5000 އަކަމީޓަރުގެ އައު ވޭސްޓް ސެލްއެއްވެސް ވަނީ ތަރައްޤީކޮށްފަ އެވެ.
މި މަޝްރޫޢުތަކުގެ މަޤްޞަދަކީ ރާއްޖޭގެ ކުނި މެނޭޖްކުރުމަށާއި ތިމާވެށީގެ ރައްކާތެރިކަމަށް ހުރި ގޮންޖެހުންތަކަށް ޙައްލު ހޯދައި، މޫސުމީ ކުއްލި ނުރައްކަލުގެ ހިރާސް ކުޑަކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތުގައި، ދެމެހެއްޓެނިވި، ހަރުދަނާ ގޮތެއްގައި ސާބިތުވުމެވެ.



advertisment