Support Us

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް

ބީ.އެމް.އެލް ހިއްސާއަކަށް 55ރ.ގެ މަގުން 296 މިލިއަން ރުފިޔާ ބަހަން އާންމު ޖަލްސާއަށް ހުށަހަޅަނީ

ހުސްވި އަހަރުގެ ކާމިޔާބު މާލީ ނަތީޖާއާއެކު ހިއްސާއަކަށް 55ރ.ގެ މަގުން 296 މިލިއަން ރުފިޔާ މިލިއަން ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާއަށް ހުށަހެޅުމަށް ބީ.އެމް.އެލް އިން ނިންމައިފި އެވެ. މިއީ މިހާތަނަށް ގައުމީ ބޭންކުން ހިއްސާގެ ފައިދާގެ ގޮތުގައި ދިނުމަށް ކަނޑައެޅި އެންމެ ބޮޑު އަދަދެވެ.

"އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި ވިޔަފާރީގެ މައިގަނޑު ދާއިރާތަކުން ލިބުނު ހަރުދަނާ ކުރިއެރުމާއެކު ހިންގުމުގެ ފައިދާގެ ގޮތުގައި 2.85 ބިލިއަން ރުފިޔާ އަދި ސާފު ފައިދާގެ ގޮތުގައި 2.24 ބިލިއަން ރުފިޔާ ބޭންކަށް ލިބިފައިވެ އެވެ. ބޭންކުގެ ކެޕިޓަލް ޕޮޒިޝަން ވަނީ ޤާނޫނުން ލާޒިމްކުރާ ވަރަށް ވުރެ މަތީ ނިސްބަތެއްގައި ހިފެހެއްޓިފައެވެ. މި ގޮތުން ބޭންކުގެ ކެޕިޓަލް އެޑިކުއަސީ ރޭޝިއޯގެ ނިސްބަތް ހުރީ 58% ގައެވެ. އަދި ހަމަ އެހެންމެ ދިވެހި ރުފިޔާ އާއި ޑޮލަރުގެ ލިކިއުޑިޓީވެސް ހަރުދަނާ މިންގަނޑެއްގައި ވަނީ ހިފެހެއްޓިފައެވެ." ބީ.އެމް.އެލް އިން މިއަދު ނެރުނު ބަޔާނެއްގައި ވެއެވެ. "2024 ވަނަ އަހަރު ބޭންކް އޮފް މޯލްޑިވްސް އިން 21،000 އަށްވުރެ ގިނަ އައު ކަސްޓަމަރުންނަށް މަރުހަބާ ކިޔައިފައިވާއިރު، މިއީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އާންމު ފަރުދުންނާއި ވިޔަފާރިތަކުން ބޭންކަށް ކުރާ އިތުބާރު ދައްކުވައިދޭ ހެއްކެކެވެ. މީގެ އިތުރުން ބޭންކުން ވަނީ މިދިޔަ އަހަރު އަލަށް ލޯނާއި ފައިނޭންސިންގެ ގޮތުގައި ފަސް ބިލިއަނަށް ވުރެ ގިނަ ރުފިޔާ ދޫކޮށް، ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްގީގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި ބޭންކުން އަދާ ކުރަމުންދާ ދައުރު އިތުރަށް ފުޅާކޮށްފައެވެ."

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ 2024 ވަނަ އަހަރު މިފަދަ ކާމިޔާބީ ނަތީޖާއެއް ހާސިލްކުރެވުމުން ފަޚުރުވެރިވާ ކަމަށެވެ.

"މި ނަތީޖާ ހޯދުނީ ބޭންކުގެ ސްޓްރެޓެޖީގެ ހަރުދަނާކަމާއި މުވައްޒަފުންގެ މިންނެތް މަސައްކަތުން. މިހާތަނަށް ހިއްސާގެ ފައިދާގެ ގޮތުގައި ބެހުމަށް ނިންމި އެންމެ ބޮޑު އަދަދުން ދޭހަކޮށްދެނީ ހަރުދަނާ މާލީ ބިންގަލެއް ދަމަހައްޓައިގެން ހިއްސާދާރުންނަށް ފައިދާ ދިނުމަށް އަޅުގަނޑުމެން ދޭ އަހުމިއްޔަތުކަން،" ޝަރީފް ވިދާޅުވިއެވެ.

ބީއެމްއެލް އިން ބުނި ގޮތުގައި ބޭންކުގެ ފައިދާއިން %25 ގެ ޓެކުހެއް ދައްކައި، ވާދަވެރިކަން ބޮޑު މާހައުލެއްގައި، ރަނގަޅު މާލީ ނަތީޖާއެއް ހޯދައި ހިއްސާގެ ފައިދާއަށް ބޮޑު އަދަދެއް ދިނުމަށް ނިންމުމުން ދައްކުވައިދެނީ ބޭންކުގެ ހިންގުން ހަރުދަނާކަމެވެ.

"ވަރުގަދަ ބިންގަލަކާއި ސާބިތު ސްޓްރެޓެޖީއަކާއެކު ބޭންކް އޮފް މޯލްޑިވްސްއިން އަންނަނީ ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުން ހޯދުމަށާއި، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށް، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އާންމު ފަރުދުންނާއި ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިއޮތުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *