ސީލައިފް އާ ހަވާލުކޮށްގެން ހުޅުމާލޭގައި 3،000 އެޕާޓްމަންޓް ޔުނިޓް ތަރައްގީކުރުމަށް ކުރިއަށް ގެންދިޔަ މަޝްރޫއުގެ އެއްބަސްވުން އެޗް.ޑީ.ސީން ބާތިލުކޮށްފައިވަނީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން މިއަދު ނިންމުމުން އެޗް.ޑީ.ސީން ބަޔާނެއް ނެރެފިއެވެ.
އެ ބަޔާން ތިރީގައި މިވަނީއެވެ.
"2014 މާރޗް 13 ވަނަ ދުވަހު މި ކޯޕަރޭޝަނާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑް (މީގެފަހުން [ސީލައިފް]) އާއި ދެމެދު ހުޅުމާލޭގައި 3،000 އެޕާޓްމަންޓް ޔުނިޓް އިމާރާތްކުރުމުގެ މަޝްރޫއުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވެއެވެ. ނަމަވެސް ސީލައިފްއިން އެއްބަސްވުމާއި ހިލާފަށް، އެ މަސައްކަތް ކުރިއަށް ނުގެންގޮސް، Credit Suisse ގެ ނަމުގައި ފޯޖްކޮށްފައިވާ ޕަރފޯމަންސް ގެރެންޓީއެއް ހުށަހަޅައި، އަދި އެތަކެއް ދިވެހި ރައްޔިތުންތަކެއްގެ އަތުން ފައިސާ ނަގާފައިވާ މައްސަލާގައި، މިކޯޕަރޭޝަނާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާއި ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން، 2018 ޑިސެމްބަރ 24 ވަނަ ދުވަހު ވަނީ ބާތިލުކުރެވިފައެވެ.
"އެއްބަސްވުން ބާތިލުކުރުމާއި ގުޅިގެން، އެއްބަސްވުން ބާތިލުކޮށްފައިވަނީ އެއްބަސްވުމާއި ޤާނޫނާ ހިލާފަށް ކަމުގައި ކަނޑައަޅައިދިނުމަށް އެދި، ސީލައިފްގެ ފަރާތުން މިކޯޕަރޭޝަނާއި ދެކޮޅަށް ސިވިލް ކޯޓު ހުޅުމާލޭ ޑިވިޜަންއަށް މައްސަލައެއް ހުށަހަޅާފައިވެއެވެ. މި މައްސަލައިގެ ތެރެއިން ސީލައިފްގެ ފަރާތުން އެދިފައިވަނީ އެއްބަސްވުން ބާތިލުކުރި ކުރުމާއި ގުޅިގެން އެފަރާތަށް ގެއްލުމުގެ ބަދަލު ދިނުމަށް، މިކޯޕަރޭޝަންގެ މައްޗަށް އަމުރުކުރުމަށެވެ.
"2025 މާރޗް 16 ވަނަ ދުވަހު ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަން އިން ވަނީ، ސީލައިފާއި މިކޯޕަރޭޝަނާއި ދެމެދު ސޮއިކޮށްފައިވާ އެއްބަސްވުން މިކޯޕަރޭޝަނުން ބާތިލުކޮށްފައިވަނީ ރަނގަޅަށް ކަމުގައި ކަނޑައަޅައި، މިކޯޕަރޭޝަނުން ސީލައިފަށް މިކަމާއި ގުޅިގެން އެއްވެސް ބަދަލެއް ދޭން ނުޖެހޭނެ ކަމުގައި ކަނޑައަޅާފައެވެ.
"ސީލައިފް ޕްރޮޖެކްޓުގެ އިތުރުން، ހުޅުމާލޭގައި ކުރިއަށް ގެންދާ މިފަދަ އެކިއެކި މަޝްރޫއުތަކުގެ އެއްބަސްވުމާއި ހިލާފަށް އަމަލުކުރާ ފަރާތްތަކާއި މެދުގައި މިކޯޕަރޭޝަނުން އަޅަންޖެހޭ ޤާނޫނީ ފިޔަވަޅު އަޅާނެކަމުގައި މިފުރުސަތުގައި ފާހަގަކުރަމެވެ."



advertisment

