އިންޑިއާގެ އެކި ސަރަހައްދުތަކުގައި ބުރިޖު ހަލާކުވުމުގެ ހާދިސާތަކުގައި ފާއިތުވި 15 އަހަރުގެ ތެރޭގައި 1200 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އިންޑިއާގެ ނޫސްތަކުން ބުނާގޮތުގައި ފާއިތުވި ހަތް އަހަރު ތެރޭގައި އިންޑިއާގެ މުމްބާއީގައި އެކަނިވެސް ހަ ބްރިޖު ވެއްޓި، 28 މީހުން ވަނީ މަރުވެފައެވެ. އެންމެފަހުން ބުރިޖެއް ވެއްޓުނީ އިއްޔެއެވެ.
އިންޑިއާގެ ސިނޯއީގައި ވައިންގަންގާ ކޯރު ހުރަސްކޮށް އެޅި ބްރިޖު ވެއްޓުނީ ރަސްމީކޮށް ހުޅުވަން އޮތް ދުވަސް ގާތްވެފައި ވަނިކޮށެވެ. ތިރީސް މިލިއަނަށްވުރެ ގިނަ ރުޕީސް ހޭދަކޮށް އަޅާފައިވާ 150 މީޓަރުގެ ދިގުމިން ހުރި އެ ބްރިޖު އިއްޔެ ވެއްޓިފައިވާއިރު، އެއީ ބްރިޖު ރަސްމީކޮށް ނިންމަން ހަވާލުކޮށްފައިވާ ދުވަހެވެ. ބްރިޖުގެ މަސައްކަތް މީގެ އެއް މަސް ދުވަސް ކުރިން ނިމި، ބްރިޖު ވެއްޓިފައި ވަނީ އެ އަވަށުގައި ދިރިއުޅޭ ރައްޔިތުން އެ ބްރިޖު ބޭނުންކުރަން ފަށާފައިވަނިކޮށް ކަމަށް އިންޑިއާ ޓުޑޭއިން ބުންޏެވެ.

ބްރިޖުގެ މަސައްކަތް ކުރިއަށް ގެންގޮސްފައި ވަނީ އިންޑިއާގެ ސަރުކާރުން އެ ގައުމުގެ އަވަށްތައް އެއްގަމު މަގުން ގުޅުވާލުމަށް އެކުލަވާލި ޕީއެމްޖީއެސްވައިގެ ބެލުމުގެ ދަށުންނެވެ. ބްރިޖު ވެއްޓުމާއި ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެމުން ޕީއެމްޖީއެސްވައިގެ އެގްޒެކެޓިވް އިންޖިނިއަރ ޖޭޕީ މެހެރާ ބުނީ ބްރިޖް ވެއްޓިފައިވަނީ އެ ސަރަހައްދަށް ކުރަމުންދާ ބޯ ވިއްސާރައިގެ ސަބަބުން ކަމަށެވެ. އަދި އެއްވެސް ހާލެއްގައި ބްރިޖު ވެއްޓިފައިވަނީ މަސައްކަތުގެ ފެންވަރު ދަށްވެގެން ނޫން ކަމަށް ވެސް އޭނާ ބުންޏެވެ. ބްރިޖު ވެއްޓުމާއި ގުޅިގެން ތަހުގީގު ކުރިއަށްދާ ކަމަށް މެހެރާ ބުންޏެވެ.



advertisment