ހެންވޭރު އަދި ހުޅުމާލެ ފެރީ ޓާމިނަލް ބޭނުންކުރަން ހަތް ރަށަކުން ޝައުޤުވެރިކަން ފާޅުކޮށްފިއެވެ.
އެމް.ޓީ.ސީ.ސީން ބުނީ ރަށްރަށަށް ދިއުމަށް ލޯންޗު ފެރީގެ ޚިދުމަތް ހޯދާ ރައްޔިތުންނަށް މާލެއަށް އަރައިފޭބުމުގައި މިވަގުތު ތަހައްމަލު ކުރާން ޖެހިފައިވާ ތަކުލީފަށް ލުޔެއް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހާއްސަ އިރުޝާދުގެ ދަށުން ހެންވޭރު އަދި ހުޅުމާލެ ފެރީ ޓާމިނަލް ބޭނުން ކުރުމަށް ޝައުޤުވެރިކަން ފާޅުކުރަން ހުޅުވާލި ފުރުސަތުގައި އދ. އަތޮޅުގެ ތިން ރަށުން، ކ. އަތޮޅުންނާއި ބ. އަތޮޅުން ވެސް ފަސް ރަށުން ހުށަހަޅައިފައިވާ ކަމަށެވެ.
ފެރީ ޓާމިނަލް ބޭނުންކުރަން ޝައުޤުވެރިކަން ފާޅުކުރި ރަށްތައް
- އދ. ފެންފުށި، މާމިގިލި، ދިއްދޫ
- ކ. މާފުށި، ގުރައިދޫ، ގުޅި، ގާފަރު، ކާށިދޫ
- ބ. ތުޅާދޫ، ހިތާދޫ، ގޮއިދޫ، ފެހެންދޫ، ފުޅަދޫ

"މި ކުންފުނިން އަންދާޒާކުރާ ގޮތުގައި، މިހާރު ޝައުޤުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކާއެކު، މި ޚިދުމަތް ފެށުމާއެކު ދުވާލަކު ޖުމުލަ 15 ލޯންޗް ފެރީއަށް މި ކުންފުނީގެ ޓާމިނަލުން ޚިދުމަތް ދެވޭނެއެވެ. އެއީ ގާތްގަނޑަކަށް 2000 ފަސިންޖަރުންނެވެ. ޚިދުމަތް ރޭވިފައިވާ ގޮތަށް ބަލާއިރު ހެންވޭރު ޓާމިނަލުން އެއްފަހަރާ ފަސް ލޯންޗަށް ކައިރި ކުރެވޭނެ ޖާގަ، އަދި ހުޅުމާލޭ ފެރީ ޓާމިނަލުން އެއްފަހަރާ ތިން ލޯންޗަށް ކައިރި ކުރެވޭނެ ޖާގަ މި ޚިދުމަތަށް ވާނީ ޚާއްސަކުރެވިފައެވެ. އަދި ކޮންމެ އުޅަނދަކަށްވެސް އެ އުޅަނދު ޖެޓީއަށް ލަފާ ހިސާބުން ފެށިގެން ފުރުމާއި ދެމެދު 30 މިނިޓުގެ ވަގުތެއް ލިބޭނެއެވެ. ދަތުރުވެރީން ޓާމިނަލަށް އައިސް ފުރުމާއި ދޭތެރޭ މަޑުކޮށްލުމަށް ހާއްސަ ސަރަހައްދެއް ޓާމިނަލް ތެރޭ އިންތިޒާމުކުރެވޭނެއެވެ. އަދި ދަތުރުވެރީންގެ ފަސޭހައަށް ޓަކައި ޓާމިނަލްގެ ފާޚާނާ ޚިދުމަތް އަދި ބޯފެން ލިބުމުގެ އިންތިޒާމްވެސް ހަމަޖެހިފައި ހުންނާނެއެވެ. މީގެ އިތުރުން ޓާމިނަލްގެ ޚިދުމަތް ބޭނުން ކުރައްވާ ފަރާތްތަކާއި އާންމު ރައްޔިތުންގެ ފަރާތުން ލިބޭ ޚިޔާލާއި މަޝްވަރާއަށް ބަލައި ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުންމަތީ މިކުންފުނި އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަޤީންކަންވެސް މި ފުރުސަތުގައި ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ." އެމްޓީސީސީން ބުނެއެވެ.
"ވޭތުވެދިޔަ 44 އަހަރުތެރޭ އެމްޓީސީސީން ވާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހިންގައި ކާމިޔާބުކަމާއިއެކު ނިންމައިފައެވެ. މިހާރު އެމްޓީސީސީއަކީ ދިވެހި ރައްޔިތުންގެ ޢާންމު ދަތުރުފަތުރުގެވެސް އެންމެ މުހިންމު ބައިވެރިޔާއެވެ. 1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީ ރާއްޖޭގެ ތަރައްޤީގެ ދަތުރުގެ މުހިންމު މަރުޙަލާއެއްގައެވެ. ކުންފުނި އުފެދުނީއްސުރެ ރާއްޖޭގެ ޢުމްރާނީ ތަރައްޤީ އާއި އިޖުތިމާޢީ ވަޞީލަތްތައް ބިނާކުރުމުގައި އެމްޓީސީސީން ވާނީ މުހިންމު ދައުރެއް އަދާކޮށްފައެވެ."



advertisment

