މާލޭ ބާޒާރުގައި ކާށީގެ އަގު ތިރިކުރުމަށްޓަކައި ވިޔަފާރިވެރިންނަށް ބޭނުންވާ މިންވަރަށް ކާށި އިމްޕޯޓްކޮށްދިނުމަށް ނިންމައި، ކާށީގެ ސްޓޮކް ބުކްކުރުމުގެ ފުރުޞަތު އެސްޓީއޯ އިން ހުޅުވާލައިފިއެވެ.
"މިކަމުގެ ބޭނުމަކީ ރާއްޖޭގެ ބާޒާރަށް މިވަގުތު ބޭނުންވެފައިވާ ކާށީގެ ޖުމްލަ ޑިމާންޑް ދެނެގަނެ، އެއާ އެކަށޭނަ މިންވަރަށް ސަޕްލައި އިތުރުކުރުމެވެ." އެސްޓީއޯ އިން ބުނެއެވެ. "ކާށީގެ އަގު ތިރިކުރުމަށް އެސްޓީއޯއިން ވަނީ ޕީޕަލްސް ޗޮއިސް މެދުވެރިކޮށް ކިލޯއެއް 20 ރުފިޔާގެ ރޭޓުން ސީދާ އާންމުންނަށް ކާށި ވިއްކަން ފަށާފައެވެ. އަދި އުފެދޭ ޑިމާންޑާ އެއްވަރަށް ކާށީގެ އިތުރު ސްޓޮކްތައްވެސް އަންނަނީ ބާޒާރަށް ނެރެމުންނެވެ."
"މިހާރު ބާޒާރުގައި ކާށީގެ އަގު ވަނީ ބޮޑުތަނުން މައްޗަށް ގޮސް، ކާއްޓެއްގެ އަގު ހުރީ 40ރ. އާއި 60ރ. އާ ދެމެދުގައެވެ. މި އަގުތައް މިހެން ހުރިތާ މިހާރު ހަފްތާއެއްހާ ދުވަސްވެ، އާންމުންގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ. އެހެންކަމުން، ރާއްޖޭގެ ބާޒާރަށް ދިމާވެފައިވާ ކާށީގެ ސަޕްލައި ޝޯޓޭޖް އެސްޓީއޯ މެދުވެރިވެ ހައްލުކުރުމަށް މަސައްކަތް ދަނީ ކުރެވެމުންނެވެ." އެސްޓީއޯ އިން ބުނެއެވެ.
"ކާށީގެ ސްޓޮކް ހޯއްދެވުމަށް ޝައުޤުވެރިވާ ހޯލްސޭލް ވިޔަފާރިވެރިންނަށް، އެސްޓީއޯ ޕީޕަލްސް ޗޮއިސްގެ 3012575 ނަންބަރަށް ގުޅުއްވުމުގެ އިތުރުން 7291124 އަށް ވައިބަރ މެސެޖް ކޮށްގެންވެސް ބުކްކުރެވިދާނެއެވެ. ކާށިގެ ޝިޕްމެންޓް ކޮންމެ 10 ދުވަހަކުން ބުކިން ލިބޭވަރަކަށް ގެނެވޭނެއެވެ. އެކަށީގެންވާ އަގެއްގައި އެސްޓީއޯގެ ގުދަނާހަމައަށް ގެނެސްދީ ނެގޭނޭ އިންތިޒާމުތައް ހަމަޖައްސައިދެވޭނެއެވެ. މުދަލަށް ފައިސާ ދައްކަންޖެހޭނީ ދިވެހި ރުފިޔާއިން އަދި ޝިޕްމަންޓް އައުމުންނެވެ. މި ޚިދުމަތުގެ މައިގަނޑު މަޤްޞަދަކީ، ބޭރު ފައިސާ ހޯދުމުގެ ދަތިކަމާއި، މުދާ އެތެރެކުރުމުގައި ދިމާވާ އެހެނިހެން ގޮންޖެހުންތަކަށް ޙައްލު ހޯދައިދިނުމާއެކު، ރާއްޖޭގެ ބާޒާރަށް ބޭނުންވާ މިންވަރަށް އާންމު ވިޔަފާރިތަކަށް ހުރަސް ނޭޅޭނޭހެން އަދި އާންމު ރައްޔިތުންނަށް ފަސޭހަވާނޭހެން ކާށި ފޯރުކޮށްދިނުމެވެ."
"އެސްޓީއޯއިން މީގެ ކުރިންވެސް ވަނީ މިފަދަ ދަތި ހާލަތްތަކުގައި މެދުވެރިއެއްގެ ދައުރު އަދާކޮށްފައެވެ. މީގެ ތެރޭގައި 2023-2024 ވަނަ އަހަރު ދުނިޔޭގެ ބާޒާރުގައި ދިމާވި ފިޔާގެ ދަތިކަން ޙައްލުކުރުމަށް އެހީތެރިވެދިނުން ފާހަގަކުރެވެއެވެ. މިހާރުގެ އަމާޒަކީ ހޯލްސޭލަރުންނަށް ފަސޭހަކަމާއެކު ކާށި އެތެރެކޮށްދީ، އެކަށީގެންވާ އަގެއްގައި އާންމު ރައްޔިތުންނަށް ކާށި ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ. ރާއްޖޭގެ ބާޒާރަށް ދިމާވާ މިފަދަ ކޮންމެ ލޮޅުމެއްގައި އާންމު ވިޔަފާރިވެރިންގެ ފަރާތުން ލިބޭ އެއްބާރުލުން އެސްޓީއޯއިން ޝުކުރުވެރިކަމާއެކު ބަލައިގަންނަމެވެ."



advertisment

