އެޗްޑީސީއާއި ސަލަފު ޖަމިއްޔާ ގުޅިގެން، މި ރޯދަ މަހު ހުޅުމާލޭ ހޮސްޕިޓަލަށް އިފްތާރު ޕެކް ފޯރުކޮށްދިނުމަށް ނިންމައިފިއެވެ. އެކަމަށްޓަކައި އެޗްޑީސީއާއި ސަލަފު ޖަމިއްޔާއާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގެ ދަށުން ފޯރުކޮށްދޭ އިފްތާރު ޕެކްތައް ތައްޔާރުކުރުމަށް އެޗްޑީސީން ވަނީ ސަލަފު ޖަމިއްޔާއަށް ބޭނުންވާ ވޯކިން ސްޕޭސް ހަމަޖައްސައިދީފައެވެ. އެގޮތުން، ރޯދަ މަހުގެ ކޮންމެ ދުވަހެއްގައި ހުޅުމާލޭ ހޮސްޕިޓަލްގައި މަސައްކަތް ކުރާ ސިއްހީ ދާއިރާގެ މުވައްޒަފުންނާއި ހޮސްޕިޓްލުގައި ފަރުވާ ހޯދަމުންދާ ބަލި މީހުންނަށް އެ ޕްރޮގުރާމުގެ ދަށުން އިފްތާރު ޕެކް ފޯރުކޮށްދޭނެއެވެ.
"މިފަދަ ތަނެއް ހަމަޖެހިގެން ދިއުމަކީ އަޅުގަނޑުމެންގެ މި މަސައްކަތަށް ލިބިގެންދިޔަ ވަރަށް ބޮޑު ފަސޭހައެއް. ހިލޭ ސާބަހަށް ކުރާ މިފަދަ ކަންކަމަށްވެސް ބޮޑު ކުލީގައި ތަނެއް ހިފައިގެން މަސައްކަތް ކުރުމަކީ ވަރަށް ބޮޑު ދަތިކަމެއް. ނަމަވެސް މިއަހަރު މިފަދައިން އެޗްޑީސީން ހަމަޖައްސަވައި ދެއްވިކަމީ އަޅުގަނޑުމެން ވަރަށް ޝުކުރުވެރިކަމާއެކު ފާހަގަ ކުރާކަމެއް،" މި ޕްރޮގްރާމްގެ ކޯޑިނޭޓަރ، ސަލަފުގެ މުހައްމަދު ޝުޖާއު ބުންޏެވެ.
މިއީ ރޯދަ މަހުގައި އެކަކު އަނެކަކަށް އެހީތެރިވެ އަޅާލުމަށާއި، އިސްލާމީ ރިވެތި އާދަތަކާ އެއްގޮތަށް އެކަކު އަނެކަކަށް ހަދިޔާ ދިނުމަށް ބާރުއެޅުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގުރާމެކެވެ. އަދި ބަލި މީހުންނަށް ފަރުވާ ދިނުމަށް، ވަރުބަލިކަމެއް ނެތި ސިއްހީ ދާއިރާގެ މަސައްކަތްތެރިން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ.
"އެޗްޑީސީގެ އަމާޒަކީ، މި ކުންފުނީގެ ސީއެސްއާރުގެ ދަށުން ކުރިއަށްއޮތްތަނުގައިވެސް މިފަދަ މުޖްތަމައުއަށް ފައިދާހުރި ގިނަ ޕްރޮގުރާމުތަކެއް ހިންގުމާއެކު ރޯދަ މަހުގައި އެކަކު އަނެކަކަށް އެހީތެރިވުމަށް ބާރު އެޅުމެވެ." އެޗްޑީސީގެ ބަޔާނުގައި ވެއެވެ.



advertisment

