މި ރަމަޟާން މަހު ގޭބިސީތަކުގެ ފެން ބިލާއި ކަރަންޓު ބިލަށް ޑިސްކައުންޓް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމެވުމާ ގުޅިގެން އަންނަ އެޕްރިލް މަހު ޑޮމެސްޓިކް ކަސްޓަމަރުންނަށް ފޮނުވާ ފެން ބިލްތައް "އާންމު މަހަ"ކަށް ވުރެ ބޮޑު ނުވާނޭ ގޮތުގެ މަތިން ޑިސްކައުންޓު ދިނުމަށް ހަމަޖައްސައި އެ އުސޫލުތައް އެމް.ޑަބްލިޔު.އެސް.ސީން އިއުލާންކޮށްފިއެވެ.
"އާއްމު މަހެ"އްގައި ފެނާއި ކަރަންޓް ބިލުގެ މިންވަރު ކަމުގައި ބެލީ މި ދިޔަ އަހަރުގެ ފެބްރުއަރީ، މާރިޗް އަދި އެޕްރިލް މަސް ނުހިމަނާ އެ އަހަރުގެ ބާކީ އޮތް ނުވަ މަހުގެ އެވްރެޖް މިންވަރު ކަމަށް އެމް.ޑަބްލިޔު.އެސް.ސީން އިއްޔެ ނެރުނު ބަޔާނެއްގައި ބުންޏެވެ.
"މި ގޮތުން ކަނޑައެޅޭ 'އާންމު މަހު’ގެ ބިލުގެ މިންވަރަށްވުރެ އަންނަ އެޕްރިލް މަހު ތައްޔާރު ކުރެވޭ ބިލް ބޮޑު ނަމަ އެ ބޮޑުވާ މިންވަރު ޑިސްކައުންޓްގެ ގޮތުގައި އެޕްރިލް މަހު ފޮނުވާ ބިލުން އުނިކޮށްދެވޭނެ. މި ގޮތުން އުނިކޮށްދެވޭ މިންވަރަކީ އެޕްރިލް މަހު ފޮނުވާ ބިލްގެ 10 ޕަސެންޓަށްވުރެ ކުޑަ މިންވަރެއް ކަމުގައިވާ ނަމަ 10 ޕަސެންޓާ އެއްވަރަށް ޑިސްކައުންޓްގެ މިންވަރު މަތިކޮށްދެވޭނެ،" އެމް.ޑަބްލިޔު.އެސް.ސީން ބުންޏެވެ.
އެ ތަނުން ބުނީ އަންނަ އެޕްރިލް މަހު ފޮނުވާ ބިލް "އާންމު މަހު"ގެ ބިލަށްވުރެ ކުޑަ ނަމަ ޑިސްކައުންޓްގެ ގޮތުގައި އެޕްރިލް މަހު ފޮނުވާ ބިލުން 10 ޕަސެންޓް ޑިސްކައުންޓް ދެވޭނެ ކަމަށެވެ. އަދި އެޕްރިލް މަހު އަލަށް ބިލް ކުރެވޭ މީޓަރުތަކަށާއި ކުރިން ރެޖިސްޓަރ ކުރެވިފައިވީ ނަމަވެސް މިހާތަނަށް ބިލު ކުރެވިފައި ނުވާ ކަސްޓަމަރުންނަށް ފޮނުވާ ފުރަތަމަ ބިލަކީ އަންނަ އެޕްރިލް މަހު ފޮނުވާ ބިލް ކަމުގައިވާ ނަމަ އެފަދަ ފަރާތްތަކަށް ވެސް އެޕްރިލް މަހު ފޮނުވާ ބިލުން 10 ޕަސެންޓް ޑިސްކައުންޓް ދެވޭނެ ކަމަށެވެ.
މި ކަމާ ބެހޭ ގޮތުން އިތުރު އެއްވެސް ކަމެއް ސާފުކުރަން ބޭނުން ނަމަ އެމް.ޑަބްލިޔު.އެސް.ސީގެ ކަސްޓަމަރ ކެއަރ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅުމުން ނުވަތަ 1050 އަށް އެސް.އެމް.އެސް ފޮނުވުމުން ނުވަތަ mail@mwsc.com.mv އަށް އީމޭލް ކުރުމުން އެހީތެރިކަން ލިބޭނެ ކަމަށް އެމް.ޑަބްލިޔު.އެސް.ސީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.



advertisment

