Support Us

ކުޑަގިރި ޕިކްނިކް އައިލެންޑަށް ކާމިޔާބު ދެ އަހަރު!

މާލޭ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން، މަސައްކަތު މާހައުލުން ދުރަށް ޖެހިލައި ޕިކްނިކް ގޮސް މަޖާކޮށްލުމަށް ތައްޔާރުކޮށްފައިވާ ކުޑަގިރި ޕިކްނިކް އައިލެންޑަށް ދެ އަހަރު ފުރުން ފާހަގަކޮށްފިއެވެ.

ކުޑަގިރިއަށް ދެއަހަރު ފުރުމާ ގުޅިގެން، އެޗްޑީސީގެ އެމްޑީ މުހައްމަދު މައުރޫފް ޖަމީލް އަދި ޗެއާމެން އަހްމަދު ނާސިފްގެ އިތުރުން ކުންފުނީގެ ބޯޑު މެންބަރުން މިއަދު ވަނީ ކުޑަގިރިއަށް ޒިޔާރާތްކުރައްވައި އެރަށުގެ އިންތިޒާމުތައް ބައްވަލާލައްވާފައެވެ. އަދި ކުޑަގިރީގައި ހިޔާ ދޭ ބިޔަ ގަސްތައް މަދުވުމުގެ ސަބަބުން ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށް، ކުޑަގިރީގައި ހިޔާދޭ ބިޔަ ގަސް އިންދުމުގެ ހަރަކާތެއް މިއަދު ވަނީ ކުރިއަށްގެންގޮސްފައެވެ. މިއީ، ސަރުކާރުގެ ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގުރާމުގެ ތެރެއިން ކުރިއަށްގެންދެވުނު ހަރަކާތެކެވެ.

އެޗްޑީސީގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ފާއިތުވި ދެ އަހަރުގެ ތެރޭގައި ޖުމްލަ 54،724 މީހުން ވަނީ ކުޑަގިރިއަށް ޒިޔާރާތްކޮށްފައެވެ. އަދި ކުޑަގިރިއަށް ދަތުރުދާ ފަރާތްތަކަށް އެރަށުން ފޯރުކޮށްދޭ ހިދުމަތްތަކުގެ ކަސްޓަމަރ ސެޓިސްފެކްޝަން ހުރީ 70 އިން މަތީގައެވެ.

"ޒަމާނީ ވަސީލަތްކާއި، ދަތުރު ގޮސް ކުރާނެ ގިނަ ކަންތައްތަކެއް ކުޑަގިރީގައި މިހާރުވެސް ހުރި ނަމަވެސް، ދެ އަހަރު ފުރުނުއިރު، އެ ރަށުން ދޭ ހިދުމަތްތަކުގެ ފެންވަރު ދުވަހެއް ދުވަހަކަށް ރަނގަޅު ކުރުމަށް އެޗްޑީސީން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން، ކުޑަގިރިއަށް ދަތުރު ދިއުމާއި، އެތަނުގެ ވަސީލަތްތައް ބުކް ކުރުން ފަސޭހަ ކުރުމަށް މިއަދު ވަނީ ހުޅުމާލޭގައި ކުޑަގިރީގެ އިންފޮމޭޝަން ކައުންޓަރެއް ހުޅުވާފައެވެ. މި ކައުންޓަރުން ކުޑަގިރިއާބެހޭ މައުލޫމާތު ހޯދުމުގެ އިތުރުން، ދަތުރު ދިއުމުގެ އިންތިޒާމުތައް ހަމަޖެއްސުން ވަރަށް ބޮޑަށް ފަސޭހަވާނެއެވެ." އެޗްޑީސީން ބުނެއެވެ. "އަދި އެއާއެކު، އަންނަ އޭޕްރީލް މަހުން ފެށިގެން ކުޑަގިރީގެ ހިދުމަތްދޭ ގަޑި ކޮންމެ ދުވަހެއްގެ ރޭގަނޑު 11:30 އަށް އިތުރުކުރުމަށްވެސް ވަނީ ނިންމާފައެވެ. މިއީ ކުޑަގިރީގައި އެކިއެކި އިވެންޓުތައް ބާއްވަން ބޭނުންވާ ފަރާތްތަކަށް ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ހަމަޖެއްސޭ އިންތިޒާމެކެވެ."

އޭގެ އިތުރުން، ރާއްޖެއަށް ފަތުރުވެރިން ޝައުގުވެރި ކުރުވުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ބައިވެރިވެ، ކުޑަގިރީގައި ހާއްސަ ޑައިވް ސައިޓެއް ހެދުމަށްވެސް ވަނީ ނިންމާފައެވެ. މިއީ، އެޗްޑީސީއާއި އެމްއެމްޕީއާރްސީ އަދި އެމްޓީސީސީ ގުޅިގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

"އެޗްޑީސީން އަބަދުވެސް މަސައްކަތް ކުރަނީ ކުޑަގިރިން ލިބޭ ހިދުމަތްތައް އިތުރުކޮށް، ދުވަހެއް ދުވަހަކަށް ފެންވަރު ރަނގަޅު ކުރުމަށެވެ." އެޗްޑީސީން ބުނެއެވެ.

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *