އޯޓިޒަމްގެ ދާއިރާއާ ގުޅޭ ގޮތުން މުޖުތަމަޢުގެ ހޭލުންތެރިކަން އިތުރުކުރަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންގެ 15 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް، ހުޅުމާލޭގައި ހުންނަ އޯޓިޒަމް އެސޯސިއޭޝަންގައި ރޭ ކުރިއަށްދިޔަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ އޯޓިޒަމް ކުދިންނަށް "ޚާއްސަ ފަރުވާއެއް ދީގެން ރަނގަޅުކުރުމަށް" ނުވަތަ އެ ކުދިންގެ ސިކުނޑި މަސައްކަތްކުރާގޮތް ތަފާތުވުމުގެ ސަބަބުން އުފެދޭ، ތަފާތު ވިސްނުމާ އުޅުން ބަދަލުކުރަންޖެހޭ ކަމަށް، އާންމު މުޖުތަމަޢު ދެކޭ ދެކުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އެހެންކަމުން މިފަދަ ކުށް ހީތައް ފިލުވައިލެވޭތޯ ބުރަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމުގައި އެކަމަނާ ވިދާޅުވިއެވެ.
މެޑަމް ސާޖިދާ ވިދާޅުވީ ކުއްޖެއްގެ ކިބައިގައި ހުރި ތަފާތުކަމަކާއެކު އެކުއްޖަކު ބަލައިގަންނަންޖެހޭ ކަމަށެވެ. އަދި މިކަމުގައި މުޖްތަމަޢުގެ ހުރިހާ ގިންތިއަކުން އެކުދިންނަށް ލިބިދޭންޖެހޭ އެއްބާރުލުން ހޯދައިދީ، އަމިއްލަ ޙައްޤުތަކަށް ވަކާލާތުކުރުމުގެ ފުރުސަތު، އެކުދިންނަށް ލިބިދޭ ފަދަ މާޙައުލެއް ޤާއިމްކުކޮށްދީ، ތަހުޒީބު މުޖުތަމަޢަކަށް ދިވެހި މުޖްތަމަޢު ބަދަލުކުރުމަށްޓަކައި އޯޓިޒަމް ސެންޓަރުން ގިނަ މަސައްކަތްތަކެއް ކުރާކަން ޝުކުރުވެރިކަމާއެކު އެކަމަނާ ފާހަގަކުރެއްވިއެވެ.

މެޑަމް ސާޖިދާގެ ވާހަކަފުޅުގައި މި ދާއިރާގެ, ބޭރު ދުނިޔޭގެ ހާލަތަށް އަލިއަޅުވާލައްވައި އޯޓިޒަމްގެ އެކި މައްސަލަތަކާ އެކުވެސް ދިރިއުޅުން ކާމިޔާބު ކުރި އަދި މިހާރު ވެސް ދިރިއުޅުން ކާމިޔާބުކަމާއެކު ކުރިޔަށް ގެންދާ އެތައް ޝަޚްޞިއްޔަތެއް ފާހަގަކުރެވޭކަމުގައި ވިދާޅުވިއެވެ. އެހެންކަމުން އެއްވެސް ކުއްޖެއްގެ ކިބައިން އޯޓިޒަމްގެ އަލާމާތެއް ފެނުމުން މާޔޫސްނުވުމަށް ބާރުއަޅުއްވައި އެ ކުއްޖާގެ ހުރި ޤާބިލުކަމެއް ދެނެގަނެ، އަދި އެ ރޮނގުން އޭނާއަށް ވީހާ ވެސް ގިނަ ފުރުޞަތުތަކެއް މަގުފަހިކޮށްދެއްވުމަށް އެކަމަނާ ބާރުއެޅުއްވިއެވެ.
ރޭގެ ރަސްމިއްޔާތުގައި މެޑަމް ސާޖިދާ ވަނީ މި ސަރުކާރުގެ އިޖުތިމާޢީ ޢަދުލުގެ ސިޔާސަތުގެ ތެރެއިން އޯޓިޒަމް ކުދިންނަށް ވަރަށް އިސްކަންދެއްވާ ކަމުގައި ފާހަގަކުރައްވާފައެވެ. އެގޮތުން ވަޒީފާގެ މާހައުލުން ވެސް މި ފަދަ ޙާލަތްތަކުގެ ކުދީންނަށް ޖާގަ ފަހިކޮށްދޭން ޖެހޭނެ ކަމަށް ސަރުކާރުން ނިންމަވާފައިވާ ނިންމެވުން އެކަމަނާ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި މެޑަމް ސާޖިދާ ވަނީ އޯޓިޒަމް އެސޯސިއޭޝަނަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންނަށް ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައެވެ.



advertisment