ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތައް ބަޔާންކޮށް ޤާނޫނު އަސާސީ އަށް ދާދި ފަހުން ގެނައި އިސްލާހުތައް ބާތިލް ކުރުމަށް އެދި، ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅުއްވީ ކޮން ޕާޓީއެއްގެ މެމްބަރެއް ތޯއެވެ؟ މަހުޖަނު ޤާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސެއިނެވެ. ރައްޔިތުންނަށް ފައިދާ ހުރި ގޮތަކަށް ޑޮަލަރުކޮޅެއް މާރުކޮށްލަން ސަރުކާރުން ބުނިކަމަށްޓަކައި، މަޖިލިސް މެމްބަރުން ގަނެލައިގެން ބަގާވާތަކުން ސަރުކާރު ވައްޓާލެވޭތޯ މަހުޖަނުންތައް އެއްގަލަކަށް އަރަން ފަށައިފިއެވެ. ޔުނިވާސަލްގެ ވެރިޔާ މުހައްމަދު އުމަރު މަނިކާއި ޗަމްޕާ ބްރަދާސްގެ ވެރިޔާ ޗަމްޕާ މުހައްމަދު މޫސާ (އުއްޗު) ވަނީ ރިސޯޓުތަކަށް ލިބޭ ޑޮލަރު ރާއްޖޭގެ ބޭންކްތަކަށް މާރުކުރަން ޖެހޭ ގޮތަށް އެމް.އެމް.އޭގެ ޤަވާއިދަށް ގެނައި ބަދަލަށް އަމަލުކުރައްވަން ދެކޮޅު ހައްދަވައި ވާހަކަ ދައްކަވައިފައެވެ.
އަލީ ހުސެއިން ހުށަހެޅުއްވި ދުސްތޫރީ މައްސަލަ އަށް އެމް.ޑީ.ޕީ އާއި ދަޑިމޮކްރެޓްސް އިން ތަދައްހުލް ވާން ނިންމި ސަބަބެއް ކަމަށް އެ ދެ ޕާޓީން ބުނެފައިވަނީ މެމްބަރުންގެ ގޮނޑި ގެއްލޭނެ ހާލަތްތައް ބަޔާންކޮށް ސަރުކާރު ހިންގާ ޕާޓީން ޤާނޫނުއަސާސީ އަށް ގެނައި އިސްލާހުތަކުގެ ސަބަބުން "ޤާނޫނު އަސާސީގެ ބާރު ކެނޑޭތީ" ކަމަށެވެ. ނަމަަވެސް 19 ވަނަ ރައްޔިތުންގެ މަޖުލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނަވައިގެން އަލީ ހުސެއިން އެ މަޖިލީހުގައި ދެއްކެވި ވާހަކައާއި މިއަދު މި ދައްކަވާ ވާހަކައަކާ ދިމަލެއް ނުވެއެވެ. އެއިރު އަލީ ހުސެއިން ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖުލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭނެ ހާލަތު، ޤާނޫނު އަސާސީ އަށް ބަދަލު ގެނެސްގެން އަލުން ކަނޑައެޅިދާނެ ކަމަށެވެ. ނަމަވެސް މިހާރުގެ ސަރުކާރުން އެފަދައިން ޤާނޫނު އަސާސީ އަށް ބަދަލު ގެނެސްގެން، ގޮނޑި ގެއްލޭ ހާލަތު ބަޔާން ކުރުމުން އަލީ ހުސެއިން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވި އިރު "ކުރިން ބުނިއެތި ކެންސަލް" ވީއެވެ. މިއީ ސިޔާސީ ފަރާތްތަކުގެ އާދައެވެ. އެއް ދުވަހު ދައްކާ ވާހަކަ އާއި އަނެއް ދުވަހު ދައްކާ ވާހަކަ ދިމަލެއް ނުވެއެވެ. ޕާޓީ ބަދަލު ކުރަނީ ވެސް މި އުސޫލުންނެވެ. ބޮޑު އަގުގައި "ރައްޔިތުންގެ ގޮނޑި" ވިއްކާލަނީ އެވެ.
ނަވާރަ ވަނަ މަޖިލީހުގައި ވާހަކަ ދައްކަވަމުން އަލީ ހުސެއިން ވިދާޅުވެފައިވެ އެވެ: "އަޅުގަނޑަށް ހީވަނީ (މެމްބަރުންގެ ގޮނޑި ގެއްލޭ އުސޫލަށް) ބަދަލު ގެންނަން ޖެހެނީ ޤާނޫނު އަސާސީ އިސްލާހުކޮށްގެންހެން…. އަދި ހަޤީގަތުގައި އަޅުގަނޑަށް ވެސް ޤަބޫލު ކުރެވޭ ރާއްޖޭގެ މީހުން ސިޔާސީ ޕާޓީ ބަދަލު ކުރުމުގެ ފަހަތުގައި ކަޅު އަނދިރި ކަންތައްތަކެއް އެބަވޭ. އެކަންތައްތައް ހުއްޓުވޭނެ ގޮތަކީ އަޅުގަނޑު ޤަބުލުކުރާ ގޮތުގައި ޤާނޫނު އަސާސީ އަށް އިސްލާހު ގެނެސްގެން."
Eyru mihen ves buni pic.twitter.com/T5rBje5is5
— fisaarithedhu (@fisaarithedhu) November 25, 2024
ރާއްޖޭގެ މަޖިލިސް މެމްބަރުން ސިޔާސީ ޕާޓީ ބަދަލު ކުރުމުގެ ފަހަތުގައި ކަޅު އަނދިރި ކަންތައްތަކެއް ވާކަމަށް އަލީ ހުސެއިން އެ ވިދާޅުވާ ވާހަކަ އަކީ ރިޝްވަތާއެކު ބޮޑު އަގުގައި ޕާޓީ ބަދަލުކުރާ ވާހަކައެވެ. އަދި އެކަން ހުއްޓުވޭނީ ޤާނޫނު އަސާސީ އަށް ބަދަލު ގެނެސްގެން ކަމުގައި މިހާ ސާފުކޮށް ވިދާޅުވި ބޭފުޅަކު މިއަދު އެއްކަލަ ޤާނޫނު އަސާސީ އަށް ގެނައި ބަދަލަކީ ގައިރު ދުސްތޫރީ ބަދަލެއް ކަމަށް ބުނެ ސުޕްރީމް ކޯޓަށް ދިއުމަކީ މުނާފިޤް ކަމުގެ ލާމަސީލު މިސާލެކެވެ.
މަތީގައި އެވާ ވީޑިއޯ ރަނގަޅަށް ބައްލަވާށެވެ. ވިހި ވަނަ މަޖިލީހުގެ އިންތިހާބުގައި ވާދަކުރި އެމް.ޑީ.ޕީ ހުރިހާ ކެންޑިޑޭޓުން އާޓިފިޝަލް ބީޗަށް އެއްކޮށްގެން ކުރުވި ހުވާގެ މަތިން ވެސް މިހާރު ހަނދާނެއް ނެތެވެ. އެއީ އެމް.ޑީ.ޕީގެ ސިޔާސަތާ ފުށުއަރާ އެއްވެސް ކަމެއް ނުކުރުމަށް މާތްﷲ ގަންދީ ކުރުވި ހުވާއެކެވެ. ވީއިރު މިއަދު ޕީ.އެން.ސީން ގާނޫނު އަސާސީ ބަދަލުކުރުމުން ޤާނޫނު އަސާސީގެ ބާރު ކަނޑުވާލި ކަމަށް އެމް.ޑީ.ޕީން ބުނުމަކީ ބޮޑު، ފަލަ ޖޯކެކެވެ. އެމް.ޑީ.ޕީ އަޑީގައި އޮވެގެން، މަހުޖަނުންގެ ފައިސާގެ އެހީގައި، މަޖިލިސް މެމްބަރުންގެ ދިފާއުގައި ކަމަށް ބުނެ ތެދުވި އިރު، މަޖިލީސް މެމްބަރުންނާ މެދު އެމް.ޑީ.ޕީގެ މިހާރުގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ދައްކަވާފައިވާ ވާހަކަތައް އަޑުއަހާލުން ވެސް މިވަގުތު ވަރަށް މުހިއްމެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި މަޖުލީހުގެ މެޖޯރިޓީ ޕީ.ޕީ.އެމް އަށް އޮތް އިރު މަޖިލީހާ ގުޅުވައިގެން ފައްޔާޒު ރާއްޖެ ޓީވީގައި ދެއްކެވި ވާހަކަ ހަނދާނަށް ގެންނަމާ ހިންގަވާށެވެ.
ފައްޔާޒު ވިދާޅުވީ ރައްޔިތުންގެ މަޖުލިހަކީ އުވާލަން ޖެހޭ ތަނެއް ކަމަށެވެ. މަޖިލިސް އުވާލައިފި ނަމަ ލައްކަ ބައިވަރު މިލިއަން ރުފިޔާ ސަލާމަތް ކުރެވޭނެ ކަމަށާއި، އެ މަޖިލީހަކީ ރައްޔިތުންގެ ހައްޤުތައް ދިފާއު ކުރުމުގެ ބަދަލުގައި ރައްޔިތުންގެ ގައިގައި ތަފާލު އަޅަން ތިބޭ ބައެއް ކަމަށް ފައްޔާޒު އެއިރު ވިދާޅުވިއެވެ. އަދި މަޖިލިސް މެމްބަރުންނަކީ ރައްޔިތުންގެ ހައްޤޭ ކިޔައިގެން އަމިއްލަ ފައިދާ ނަގާ ބައެއް ކަމަށް ވެސް ފައްޔާޒު ވިދާޅުވިއެވެ. ރައްޔިތުންގެ ނަމުގައާއި ޑިމޮކްރެސީގެެ ނަމުގައި އެތަނަށް ވަދެ ތިބެގެން މެމްބަރުން އަމަލު ކުރާ ގޮތުން އެއީ ބާއްވަން ޖެހޭ ތަނެއް ކަމަށް ނުފެންނަ ކަމުގައި ފައްޔާޒު ވިދާޅުވިއެވެ. މަޖިލިސް އުވާލާފައި އެ އިދާރާ ހުރި އިމާރާތް ފައިވްސްޓާރ ހޮޓަލަކަށް ހަދައި، އެތަނުގައި ރާ ވިއްކޭނެ ގޮތް ހަދަން ވެސް ފައްޔާޒު ގޮވާލެއްވިއެވެ. މަޖިލިސް މެބަރުންނާ މެދު ފައްޔާޒު ދެއްކެވި ވާހަކަ ތަކަކީ ތެދެއް ކަމުގައި ވާނަމަ އެކަން ރަނގަޅު ކުރެވެން އޮތީ ވެސް މިހާރު މި ގެނެވުނު ބަދަލު ޤާނޫނު އަސާސީއަށް ގެނެވިގެންނެވެ. ނަމަވެސް މިއަދު މިފެންނަނީ ހަށިވިއްކާ މަޖިލިސް އިސްލާކުރަން އުޅުމުން ފައްޔާޒުމެން އެކަމަށް ހުރަސް އަޅަން އުޅޭ ތަނެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ބޭނުން އިރަކު، ބޭނުން ޕާޓީ އަކަށް ބަދަލުވެވޭ ގޮތަށް "މިނިވަން"ކޮށް ތިބުމަކުން މިއޮއް ހުރިހާ ދުވަހުވެސް ރައްޔިތުންނަށް ވީ ފައިދާއެއް ނުފެނެއެވެ. އެމް.އެމް.ޕީ.އާރް.ސީގެ ބިޔަ ހިޔާނާތާއި، އިންޑިއާ އަށް ޤައުމު ވިއްކާލުން ފަދަ އެތައް ކަމެއް ހިނގި އިރު އެއްކަލަ "މިނިވަން" މެމްބަރުން ކުރި އެއްކަމެއް ވެސް ނެތެވެ. މަޖުލިސް މެމްބަރަކު މި ހޮވެނީ ދެތިން ހާސް ވޯޓު ލިބިގެންނެވެ. ނަމަވެސް ލައްކަ އަކަށް ވުރެ ގިނަ ވޯޓު ލިބިގެން، މުޅި ރައްޔިތުން ޝާމިލްވެގެން ހޮވާ ރައީސަކު، ހައެއްކަ މަހުޖަނުންނާއި އެމް.ޑީ.ޕީ ގުޅިގެން، ބަގާވާތަކުން ވައްޓާލަން ފުރުސަތު ލިބޭ ގޮތަށް ދޫކޮށްލުމަކީ ޤާނޫނު އަސާސީ އޮންނަންޖެހޭ ގޮތް ބާވައެވެ؟ ބޮޑު އަގުގައި، ނީލަމުގައި، ހަށި ވިއްކޭ ގޮތަށް މަޖިލިސް މެމްބަރުން ދޫކޮށްލާފައި ތިބުމަކީ މިނިވަން ކަމެއް ނޫނެވެ. އެއީ ޤައުމުގެ މިނިވަންކަމާއި އިސްތިޤްލާލަށް ނުރައްކާ ހުރި ކަމެކެވެ.
މިއަދު މިވެގެން އުޅޭ ގޮތަކީ ދުސްތޫރީ ނިޒާމް އަނދިރިވުމެއް ނޫނެވެ. އަދި ޤާނޫނު އަސާސީގެ ބާރު ކެނޑުނީކީ ވެސް ނޫނެވެ. ވެގެން މިއުޅޭ ގޮތަކީ ރައްޔިތުންނަށް ފައިދާ ހުރި ގޮތަށް ސަރުކާރުގެ ސިޔާސަތުތައް ބަދަލު ކުރުމުން ރާއްޖޭގެ ހައެއްކަ މަހުޖަނުންނަށް ގެއްލުންވާތީ، މެމްބަރުންނަށް ރިޝްވަތު ދީގެން، ބަގާވާތް ކޮށްގެން ސަރުކާރު ވައްޓާލަން ނިކުތީ އެވެ. އެކަން އެހެން ނުވާނެ ގޮތަކަށް، ރައްޔިތުންނާއި ޤައުމުގެ ހިމާޔަތުގައި ޤާނޫނު އަސާސީ އަށް ގެނެވުނު ބަދަލަކީ މިވަގުތަށް މިޤައުމަށް ކޮންމެހެން ވެސް ގެންނަން ޖެހޭ ބަދަލެކެވެ.
މިހާރު މިއޮތް ސުޕްރީމް ކޯޓުގެ ބެންޗަކީ އެމް.ޑީ.ޕީގެ ވެރިކަމުގައި، އެމް.ޑީ.ޕީގެ ސުޕަރ މެޖޯރިޓީ އޮތް މަޖިލީހަކުން ހޮވާފައި އޮތް ބެންޗެކެވެ. ހުސްނުސުއޫދު ކަހަލަ، އެމް.ޑީ.ޕީގެ ހާޑްކޯ އެކްޓިވިސްޓުން ތިބި ބެންޗެކެވެ. މަހުޖަނުންގެ ފައިސާގެ މަތީގައި އުދުހެމުން، އެމް.ޑީ.ޕީން ގޮސް ސުޕްރީމް ކޯޓަށް ވެއްދި މައްސަލައެއްގައި ރައްޔިތުންގެ ވިންދާ ދެކޮޅަށް ސުޕްރީމް ކޯޓުން މި މައްސަލަ ނިންމައިފިނަމަ ދެން ފެންނާނީ ޕީ.އެން.ސީގެ ސުޕަރ މެޖޯރިޓީ އޮތް މަޖިލީހުން ސުޕްރީމް ކޯޓުގެ ބެންޗު އެއްކޮށް ބަދަލު ކުރާތަން ކަމަށް ވެސް ވެދާނެއެވެ.

އެމް.ޑީ.ޕީ އަކީ ރައްޔިތުންގެ މަޖިލީހަށް ވެސް އަދި ޤާނޫނު އަސާސީ އަށް ވެސް ހުރުމަތެއް ހުރި ބައެއް ނޫނެވެ. ޗެއާ ޕާސަން ފައްޔާޒުގެ ވާހަކަ އިން ވެސް މިކަން އެނގެއެވެ. އެމް.ޑީ.ޕީގެ "މަންމަ" ކަމަށް ކިޔައި އުޅޭ މާރިޔާ ދީދީ ފަދަ ބޭފުޅުންނަކީ މަޖިލިސް ތަޅުމުގައި ޤާނޫނު އަސާސީގެ ފޮތަށް ކޮޅުފައިން އަރުއްވައި ހަޑި ހުތުރު ބަހުން މަޖުލިސްތެރޭ މުއާމަލާތް ކުރެއްވި ބޭފުޅުންނެވެ. "ރައްޔިތުން"ގެ މަޖިލިސް އުވާލަން ޖެހޭ ކަމަށާއި، އެމަޖިލިހުގެ އިދާރާ ފައިވް ސްޓާރ ހޮޓަލަކަށް ބަދަލުކޮށް އެތަނުގައި ރާ ވިއްކާ ބާއެއް ހަދައިފިނަމަ މެމްބަރުން ރާ ބޮއެެގެން ތަންކޮޅެއް ހަމަޖެހޭ ވާހަކަ ދައްކަފާނެ ކަމަށް ބުނެ އިސްލާމް ދީނުގައި ހަރާމް ކުރައްވާފައިވާ ރާ ހުއްދަ ކުރަންޖެހޭ ކަހަލަ ގޮތަކަށް އެމް.ޑީ.ޕީގެ ޗެއާޕާސަން ފައްޔާޒު ވާހަކަ ދައްކަވާފައިވާއިރު އެމް.ޑީ.ޕީ އަކީ މަޖިލީހާއި މަޖިލިސް މެމްބަރުންގެ ދިފާއުގައި ތެދުވެވޭ ވަރުގެ އިހްލާސްތެރި ބައެއް ނޫނެވެ. މިފަދަ މުނާފިޤު ސިޔާސީ ފަރާތްތަކުގެ ވާހަކަތަކަށް މަޖިލިސް މެމްބަރުންނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި ދިވެހި ރައްޔިތަކު ވެސް ހެއްލޭން ހެޔޮ ނުވާނެއެވެ. އެމްޑީޕީން ބޭނުންވަނީ ބޭނުން އިރަކު މަޖިލިސް މެމްބަރުން ގަނެލައިގެން ސަރުކާރު ވައްޓާލެވޭނެ ދޮރު ހުޅުވާފައި ބެެހެއްޓުމަށެވެ. ރައްޔިތުންގެ ފަޅީގައި ހުންނަވައިގެން، ރައްޔިތުންނަށް ފައިދާވާ ގޮތަށް ވެރިކަން ކުރައްވާތީ ރައީސް ޑރ. މުހައްމަދު މުއިއްޒު އަބަދުމެ ކޮށިއަރުވާލާފައި ބަހައްޓާށެވެ. ސަރުކާރާ މެދު ހިތްހަމަނުޖެހިގެން އުޅޭ ހައެއްކަ މަހުޖަނުން ވެސް ބޭނުން ވަނީ އެގޮތެވެ. ފަސް އަހަރުގެ ދައުރެއްގައި ޤައުމު ވިއްކާލައިގެން ޖަރީމާ ހިންގި އިބޫ ސޯލިހާއި، ޝާހިދާއި، މާރިޔާ އާއި ފައްޔާޒު ފަދަ އެމްޑީޕީގެ ލީޑަރުން ހައްޔަރުކޮށް، ޝަރީއަތްކޮށް އެ މީހުންނަށް ހައްޤު އަދަބު ނުލިބޭހާ ހިނދަކު މިޤައުމަށް ހަމަޖެހުމެއް ނުލިބޭނެއެވެ.
ޤާނޫނު އަސާސީގެ ހިމާޔަތުގައޭ ކިޔައިގެން ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލަ ވެއްދިއަސް މިބައިމީހުންގެ އަސްލު ބޭނުމަކީ ލާދީނީ މަހުޖަނުން އެދުން ފުއްދަން އޮތް ކަސްބީއަކަށް މުޅި ޤައުމު ހަދައިފައި ބޭއްވުމެވެ. ދިވެހި ރައްޔިތުން ހޭލައި ތިބޭށެވެ! ރޭވިގެން، ތަރުތީބު ވެގެން މި ހިންގަނީ ބަގާވާތެކެވެ. ދިވެހި ރައްޔިތުންގެ ތަނަވަސް ވޯޓަކުން ހޮވައިފައި، ފަސް އަހަރުގެ ދައުރަކާއި ފުރިހަމަ މެންޑޭޓެއް ދީފައިވާ ސަރުކާރެއް، ވައްޓާލުމަށް ރޭވޭ ބަގާވާތެކެވެ. މިކަމަށް ސުޕްރީމް ކޯޓުން ބޮޑު "ނޯ" އަކުން "ނޯ" އޭ ނުބުނެފިނަމަ ދިވެހި ރައްޔިތުން ނިކުމެ މި އެންމެންނަށް "ނޯ" އޭ ބުނަން ޖެހެއެވެ.

One Response
ހަމަ ވަރަށް ރަގަޅު ވާހަކަ އެކޭ ބުނެވޭނީ މީ އިނގޭ!