އަންނަ ނޮވެމްބަރ 15 އިން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާ ކުރުމަށާއި، 15 ޑިސެމްބަރުން ފެށިގެން ރާއްޖޭގައި ވޭޕްގެ ވިޔަފާރި ކުރުމާއި، އުފެއްދުމާއި، ބޭނުން ކުރުން މަނާ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ އެ ނިންމެވި ނިންމެވުމުން ދޭހަވާ ވަރަށް މުހިއްމު ކަމެއް އެބައޮތެވެ; ރައީސްގެ އެ ނިންމެވުމުން އެނގޭ އެއްޗަކީ، ދިވެހި ރައްޔިތުން ވޯޓުލައިގެން ރައީސުލް ޖުމްހޫރިއްޔާ އަކަށް ހޮވާފައި ހުންނަ ފަރާތަކީ ރައްޔިތުން ވަރަށް ބޮޑެތި އިހްތިޔާރާއި، ބާރު ދީފައިވާ ފަރާތެއްކަމެވެ. ރައީސް ބޭނުންފުޅުވުމުން ހަމަ އެންމެ އެއް މަސް ދުވަހުގެ މުހުލަތެއް ދެއްވުމަށް ފަހު، ނޮވެމްބަރ 15 އިން ފެށިގެން ރާއްޖެ އަށް ވޭޕް އިމްޕޯޓް ކުރުން މަނާ ކުރެއްވީއެވެ. އެހެން ކަމުން ރައީސް ބޭނުންފުޅުވެއްޖެ ނަމަ ޤައުމަށް ފައިދާ ހުރި މިފަދަ އެތައް ކަމެއް ނިންމެވިދާނެއެވެ. މިސާލަކަށް، ދުނިޔޭގެ ހުރިހާ ސައިންސްވެރީން، އެ އެއްޗެއްގެ ނުބައިކަމާ މެދު އިއްތިފާޤްވާ އެނާޖީ ޑްރިންކް ރާއްޖެ އެތެރެކޮށް ވިއްކުންވެސް ރައީސަށް މަނާ ކުރެއްވިދާނެއެވެ. އަދި، ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައި އަމަލު ކުރަމުންދާ ގޮތަށް، މަގުތަކާއި ކެފޭ ފަދަ އާއްމު ހުރިހާ ތަނެއްގައި ސިނގިރޭޓާއި ދުންފަތުގެ ބާވަތްތައް ބޭނުން ކުރުންވެސް މަނާކުރެއްވިދާނެއެވެ.
މި އޮކްޓޯބަރު ދެ ވަނަ ދުވަހުގެ "ކެޔޮނިރު" ކޮލަމުގައި އަޅުގަނޑު ސުވާލެއް ކުރީމެވެ. ދިވެހި ރާއްޖޭގައި ވޭޕް ބޭން ކުރެވޭ ވަރުގެ ގަޓު، ރައީސް ޑރ. މުއިއްޒުގެ ކިބައިގައި އެބަހުރިތޯ އެވެ؟ އެންމެ 12 ދުވަހުގެ ތެރޭގައި ރައީސް، އެ ސުވާލުގެ ޖަވާބު ދެއްވައިފިއެވެ. ރާއްޖޭގައި ވޭޕް މަނާ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމަކީ މުޅި ގައުމު ތާއަބަދަށް ޝުކުރުވެރިވާނެ ގައުމީ ބޮޑު ނިންމެވުމެއް ކަަމަށް އިއްޔެ ވިދާޅުވި ހޯމް މިނިސްޓަރ ޢަލީ އިހުސާންގެ ވެސް އެ "ގަޓު" އެބަހުއްޓެވެ. ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގައި ވޭޕް މަނާ ކުރުމުގެ ބޮޑު ނިންމުން ނިންމަވަން ޖެހުނީ ވޭޕްގެ އާލާތްތައް ބޭނުންކޮށްގެން ޑްރަގް ބުއިން ދިވެހި ޒުވާނުންގެ މެދުގައި އިތުރުވުމުންދާކަން ފާހަގަ ކުރެއްވިގެން ކަމަށެވެ. ރައީސްގެ މި ނިންމެވުމާ އެކު ހޯމް މިނިސްޓަރު ރޭގައި ކުރެއްވި ޓްވީޓަކުން ވިދާޅުވީ ކެނަބިސް ޑްރަގް އަޅާފައިވާ ވޭޕް ޝިޕްމަންޓެއް ކަސްޓަމްސް އިން ހިފަހައްޓާފައިވާ ކަމަށެވެ. އަދި، ޑްރަގް ހިމެނޭ ވޭޕް، އޮޅުވާލައިގެން، ސްކޫލް ކުދިންނަށް ދޭކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް ހޯމް މިނިސްޓަރ ރޭ ވިދާޅުވިއެވެ. މިއީ އިންތިހާ އަށް ނުރައްކާ ބޮޑު، މުޅި ދިވެހި ޤައުމުގެ ކުރިމަގުގެ ސަލާމަތާ ގުޅިފައިވާ މައްސަލައެކެވެ.

ރާއްޖެ އަށް ވޭޕް އެތެރެކުރުމާއި ބޭނުންކުރުން މަނާކުރަން ރައީސް ޑރ. މުއިއްޒު ނިންމެވުމާ ގުޅިގެން އެކަން ހާސިލް ކުރުމަށްޓަކައި ކަމާ ގުޅޭ ގާނޫނުތަކަށް އިސްލާހު ގެންނަން މި ހަފުތާގައި ރައްޔިތުންގެ މަޖިލިހަށް ފޮނުއްވާނެ ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ރޭ ވަނީ ވިދާޅުވެފައެވެ. މަޖުލިސް ތަޅުމުގައި އިދިކޮޅު އެމްޑީޕީން މިކަން ސިޔާސީ ނުކުރުމަށް އަޅުގަނޑު ގޮވާލަމެވެ. ވޭޕް ވިއްކާ ވިޔަފާރިވެރީންނަށް ގެއްލުންވާނެއޭ ކިޔައިގެން، އަދި އިތުރު މުއްދަތެއް ދޭން ޖެހޭނެ ކަމަށް ބުނެ، މަޖުލިސް ތަޅުމުގައި އެމްޑީޕީ މެމްބަރުން ވާހަކަ ދައްކާނެ ކަމަށް ބެލެވެއެވެ. ބޭނުމަކީ ރައީސްގެ މި ތާރީހީ، ހިއްވަރުގަދަ ނިންމެވުމުގެ އޮފް ކަނޑުވާލައި، ސިޔާސީ ކުރުމެވެ. މިފަދަ ކަމަކަށް އެއްވެސް މެމްބަރަކު ފުރުސަތު ނުދީ، މުޅި މަޖުލިސް އެކައްޗެއް ކިޔައިގެން ދިވެހި ޤައުމުގެ ހައްގުގައި، މިހާރު ދީފައިވާ ތާރީހަށް ވޭޕް މަނާކޮށްދިނުމަކީ ރައްޔިތުން އެދޭނެ ގޮތްކަން ޔަޤީނެވެ.
ރައީސްގެ މި މުހިއްމު ނިންމެވުމާ ގުޅިގެން ރައްޔިތުންގެ މަޖުލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރޭ ވިދާޅުވީ ރާއްޖޭގައި ވޭޕް މަނާ ކުރަން ރައީސް ނިންމެވި ނިންމެވުމަކީ ޤައުމުގެ މުސްތަގުބަލަށް ވަރަށް މުހިއްމު ނިންމެވުމެއް ކަމަށެވެ. ރައީސުލް ޖުމްހޫރިއްޔާ އާއި، ހޯމް މިނިސްޓަރާއި، ބަންޑާރަ ނައިބާއި، މަޖުލިސް ރައީސް މިފަދައިން އެކައްޗެއް ވިދާޅުވުމުން، ދެން މިކަން "ސްލޯ" ކުރަން އިދިކޮޅުން ކޮންމެ ކަމެއް ކުރިއަސް ނަސްރު ލިބޭނީ ރައްޔިތުން ކޮޅަށެވެ. ރައްޔިތުންނަށް ހައްޤާއި ބާތިލް ވަރަށް ސާފެވެ.
ވޭޕާއި ސިނގިރެޓް ފަދަ ދުންފަތުގެ ބާވަތްތައް މުޖުތަމައު އަށް ފެތުރިފައިވާ ވަރުގެ ކުޑަ މިސާލެކެވެ. އައްޑޫ ހިތަދޫ ބިލަބޮންގް ސްކޫލް ކުރިމަތީ ހުންނަ ހައުސިންގް މިނިސްޓްރީގެ ޕްރޮޖެކްޓް އޮފީހުގައި މަސައްކަތެއް ނުކޮށް މުސާރަ ނަގައިގެން ތިބޭ ސިޔާސީ ވެރީންގެ ކަމަކީ ގަޑިއަކު އެއްފަހަރު އޮފީހުން ބޭރަށް، މަގުމައްޗަށް ނިކުމެ، ބިލަބޮންގ ސްކޫލްގެ ދަރިވަރުންނަށް ސިނގިރޭޓް ބޯން ދަސްކޮށްދިނުމެވެ.
އެފަދަ އެހެން މިސާލެކެވެ. އައްޑޫ ހިތަދޫ ނޫރާނީ ސްކޫލުގެ މައި ގޭޓުން ކުދީން ނިކުންނަ އިރު ކުރިމަތިން ފެންނަން ހުންނަ ގާޑިޔާ ތަކުން ސިނގިރޭޓާއި، ވޭޕާއި، ދުންފަތާއި، މޮޅު ބިލެތާއި، ކޮފީ ލިބެން ހުރެއެވެ. އައްޑޫ ހައި ސްކޫލްގެ ދަރިވަރުން އެ ގާޑިޔާ ތަކަށް ގޮސް ސިނގިރޭޓާއި ވޭޕް ބޯތަން ފެނިގެން ނޫރާނީ ސްކޫލް ޕްރިންސިޕަލް، އައްޑޫ ހައި ސްކޫލުގެ ޕްރިންސިޕަލަށް ގުޅުއްވައިގެން އެތަނަށް ދެ ޕްރިންސިޕަލުން ވަޑައިގެން އެފަދަ ކަންކަން ބައްލަވާފަ ހުރިކަން މަސްދަރުތަކުން މިކޮލަމަށް މައުލޫމާތު ލިބިފައި ވެއެވެ. ނަމަވެސް، ސްކޫލްތައް ކުރިމަތީ (ގަނޭޝް) ދުންފަތާއި، ސިނގިރޭޓާއި، ވޭޕްވެސް ހަމަ ވިއްކަނީ އެވެ.
ގާޑިޔާ ތަކަކީ އިމްޕޯޓް މުދާ ވިއްކުމުގެ ހުއްދަ އޮންނަ ބައެއްވެސް ނޫނެވެ. ނަމަވެސް އިމްޕޯޓް ކޮށްފައިވާ ސިނގިރޭޓާއި ވޭޕް އެންމެ ގަދައަށް ވިއްކަނީ ގާޑިޔާތަކާއި ކެފޭ ތަކުންނެވެ. މިކަމަށް އޮތް ހައްލަކީ މަގުތަކާއި ކެފޭ، ރެސްޓޯރެންޓް ފަދަ އާއްމު ހުރިހާ ތަނެއްގައި ދުންފަތުގެ ބާވަތްތައް ބޭނުން ކުރުން އެއްކޮށް މަނާ ކުރުމެވެ. އެއިރުން މަގެއްގެ މަތީން މީހަކު ސިނގިރެޓް ބޯތަން ފެނިގެން ކުޑަ ކުއްޖަކު ނުވަތަ ކިޔަވާ ކުއްޖަކު އެކަމަށް ހިތް ޖެހުމުގެ ފުރުސަތެއް ނޯންނާނެއެވެ. އެންމެ ކުޑަމިނުން އަވައްޓެރި ޝްރީލަންކާގައި ވެސް މަގުތައް ފަދަ އާއްމު ތަންތާނގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނަލެވެ.
އެހެންކަމުން، ވޭޕް މަނާކުރުމާ އެކު ރައީސް ޑރ. މުއިއްޒު ދެން ނިންމަވަން ޖެހޭ އެންމެ މުހިއްމު ދެ ނިންމެވުމަކީ އާއްމު ތަންތަނުގައި ދުންފަތުގެ އިސްތިއުމާލު ކުރުން މަނާ ކުރެއްވުމާއި، ގާޑިޔާ ތަކުން މިފަދަ އިމްޕޯޓް މުދާ ވިއްކުން ހަރުކަށިކަމާ އެކު މަނާ ކުރުމާއި، ޒުވާން ޖީލެއް ވިހަ ކުރަމުންދާ އެނާޖީ ޑްރިންކް ރާއްޖޭގައި ވިއްކުމާއި ބޭނުން ކުރުން އެއްކޮށް މަނާ ކުރުމެވެ. ވޭޕާ އެކު ސިނގިރެޓް ކޮންޓްރޯލް ކުރެވި، އެނާޖީ ޑްރިންކް އެއްކޮށް މަނާ ކުރެވިއްޖެ ނަމަ އިގްތިސޯދީ ގޮތުންނާއި، ސިއްހީ ގޮތުންނާއި، އިޖްތިމާއީ ގޮތުން ދިވެހި ޤައުމަށް އިންތިހާގެ އާރޯކަމާއި ހަކަތަ ލިބިގެންދާނެކަން ޔަޤީނެވެ.
ވޭޕް މަނާކުރުން އިއުލާން ކުރައްވަމުން ރައީސް މުއިއްޒު އިއްޔެ ކުރެއްވި ޓްވީޓަށް ފަހު މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ: ސިނގިރޭޓާއި ބިޑިން ނަގާ އިމްޕޯޓް ޑިއުޓީ 1 ނޮވެމްބަރ 2024 އިން ފެށިގެން ގާތްގަނޑަކަށް 100 ޕަސެންޓް ބޮޑު ކުރުމަށް ޤާނޫނަށް ގެންނަންޖެހޭ ބަދަލު ގަނައުމަށް މިހަފްތާގައި މަޖުލީހަށް ފޮނުއްވާނެ ކަމަށެވެ. އެފަދަ ބަދަލަކާ އެކު މިހާރު ފަސް ރުފިޔާ އަށް ލިބޭ ވަކި ސިނގިރެޓުގެ އަގު ދިހަ ވަރަކަށް ރުފިޔާ އަށް ބޮޑުވެގެންދާނެ ކަމަށް ލަފާ ކުރެވެއެވެ. ނަމަވެސް އަގު ބޮޑުވީ ވަރަކަށް ސަރުކާރަށް ލިބޭ ޑިއުޓީގެ އާމްދަނީ ބޮޑުވިއަސް ސިނގިރޭޓް ބޯމީހުންގެ ބުއިމެއް މަދެއް ނުވެއެވެ. އެހެން ކަމުން ޑިއުޓީ ބޮޑު ކުރުމާ އެކު އެހެނިހެން ހަރުކަށި ފިޔަވަޅުތައްވެސް، ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި އަޅަން ޖެހެއެވެ. ރައީސްގެ ޓްވީޓްގައި އިތުރަށް ވިދާޅުވީ ޢާއްމު ތަންތާނގައި ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓުވުމަށް ތަންފީޒީ އިދާރާތަކުގެ ދައުރު ވަރުގަދަކުރުމަށް ޚާއްސަ ފިޔަވަޅުތަކެއް އަޅަން ނިންމަވައިފައިވާ ކަމަށެވެ. މިއީ މަގުތަކާއި އާއްމު ކެފޭ ފަދަ ތަންނަތަނުގައި ސިނގިރެޓު ބުއިން ހުއްޓުވުމުގެ ފިޔަވަޅުތައް ކަމަށް ބެލެވެއެވެ. ހަމަ އެއާއެކު، ދުންފަތުގެ އިސްތިޢުމާލު ކުރަން އާދަވެފައިވާ ފަރާތްތަކުން އެ އާދައިން ދުރުވެގަތުމަށް އެހީތެރިވުމަށް ޤައުމީ ލެވެލްގައި، ވަށާޖެހޭ، ބޮޑު ކެންޕޭނެއް ފެށުމަށް ސަރުކާރުން ނިންމާފައިވާ ކަމަށާއި، ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުހެލިވެފައިވާ މުޖުތަމަޢަކަށް އަޅުގަނޑުމެންގެ މި ދިވެހިރާއްޖެ ހެދުމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލެއްވުމާއި އެހީތެރިކަމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސްގެ ޓްވީޓްގައި ވިދާޅުވިއެވެ. މިއީ ވޭޕް މަނާ ކުރުމުގެ ނިންމެވުމާއެކު ދުންފަތުން މިޤައުމު ސަލާމަތް ކުރެއްވުމަށް ރައީސް މިއަދު ހުޅުވާލެއްވި އިތުރު ބޮޑު ދޮރެކެވެ. ހުރިހާ ރައްޔިތުން، ސިޔާސީ ކުލައިން ސަލާމަތްވެ ތިބެ، ޤައުމީ ކަމެއްގެ ގޮތުގައި މިކަމުގައި ރައީސް އާއި ސަރުކާރަށް އެއްބާރުލުމާއި ހިއްވަރު ދިނުން ވަރަށް މުހިއްމެވެ.
ރައީސް އިބްރާހިމް ނާސިރުގެ ވެރިކަމުގައި، އެ ދުވަސްވަރު މާލޭގައި ހުރި ހެންވޭރު ޖަލުގައި ގައިދީންނަށް އަނިޔާކޮށް ޓޯޗާ ކުރުން އިންތިހާ އަށް ބޮޑުވެގެން އެވާހަކަ ދެކެވޭތީ ރައީސް ނާސިރު އެއްރެއަކު، އެއްވެސް އިންޒާރެއް ނެތި، ގިނިކަންޏާ ހެންވޭރު ޖަލަށް ވަޑައިގަތެވެ. ޖަލުގެ ވެރީންނަށް ލިބުނީ ޝޮކެކެވެ. ޖަލުގެ ހާލަތު ބެއްލެވުމަށް ފަހު ރައީސް ނާސިރު އެރެއިން އެރެއަށް ނިންމެވީ ހެންވޭރު ޖަލު ތަޅާލައްވާށެވެ. ގަޓު ހުރި، ހިތްވަރު ގަދަ ނިންމެވުމެކެވެ. ހަޤީޤީ ލީޑަރުންނަކީ ރައްޔިތުންނާ ގުޅުން ހުރި މިފަދަ ކަންކަމުގައި ދިގުދެންމުމެއް ނެތި، "ވަކްތުން ވަކްތަށް" އަވަސް ގޮތެއްގައި ވަރުގަދަ ނިންމެވުން ނިންމަވާ ވެރީންނެވެ. ރައީސް ޑރ. މުއިއްޒު ވެސް، އެމަނިކުފާނުގެ ޒައާމަތަށް މިވީ 11 މަސް ދުވަހުގެ ތެރޭ މިފަދަ ވަރުގަދަ ތިން ނިންމެވުމެއް ނިންމަވައިފިއެވެ.
ފުރަތަމަ ކަމަކީ ޤަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ވަރަށް ހަރުކަށިކަމާއި، އަވަސްކަމާއެކު ހައްލުކުރަން ފެއްޓެވުމެވެ. ދެވަނަ ކަމަކީ ދިވެހި ޤައުމުގެ އިގްތިސޯދަށް ލިބޭ ޑޮލަރުގެ ބޮޑުބައި، ރިސޯޓު ތަކާއި ގެސްޓް ހައުސް ތަކުން ބޭރުގެ ބޭންކްތަކަށް ގެންދިއުމާއި ކަޅު ބާޒާރުގައި ވިއްކައިގެން ރުފިޔާގެ އަގު ވައްޓަމުން ދިޔަ ދިއުން ހުއްޓުވުމަށް އެމްއެމްއޭ އިން މިމަހު ކުރީކޮޅު ތައާރަފް ކުރި ވަރުގަދަ ޤަވާއިދުތަކެވެ. ރައީސް މުއިއްޒުގެ ތިންވަނަ، ވަރުގަދަ ނިންމެވުމަކީ ވޭޕް މަނާ ކުރެއްވުމުގެ ނިންމެވުމެވެ.
އިނގިރޭސީންގެ ކިބައިން ރާއްޖެ މިނިވަން ކުރެއްވުމާއި، އިނގިރޭސީންގެ ވަކިތަކުން ހުޅުލޭ އެއާޕޯޓް ސަލާމަތް ކުރެއްވުން ފަދަ މުހިއްމު ނިންމެވުންތައް ރައީސް ނާސިރު ނިންމެވީ މިފަދަ "ގަޓު" ހުރި ލީޑަޝިޕެއް ދައްކަވައިގެންނެވެ. ވޭޕް މަނާ ކުރަން ރައީސް މުއިއްޒު ވަރުގަދަ ނިންމެވުމެއް ނިންމަވައިފިއެވެ. އެވަކުރުން އަދި ނުފުދެއެވެ. މި ފޯރީގައި، އެއް ވާނެއްގައި ވަޑައިގެން އާއްމު ތަންތަނުގައި ސިނގިރޭޓު ބުއިން މަނާ ކުރައްވައި، އެނާޖީ ޑްރިންކް ވެސް އެއްކޮށް މަނާކޮށްދެއްވާށެވެ. ހޯމް މިނިސްޓަރު އިހުސާނަކީ މިކަމުގައި ރައީސަށް ލިބިވަޑައިގެންފައިވާ ހިއްވަރުގަދަ ރައުސުލްމާލެކެވެ. މިނިސްޓަރު އިހުސާނާއި، ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިކަން ކުރެއްވޭނެއެވެ. ގަޓު ހުރިކަން ސާބިތު ކޮށްދެއްވައިފިއެވެ. މިރޭހުގެ ފަހު ބައި ވެސް އަވަހަށް ނިންމަވާލަދެއްވާށެވެ. ތިޔަ ދެބޭފުޅުންނާއި މުޅި ކެބިނެޓަށް، އަދި ޕޮލިސް ކޮމިޝަނަރާއި ރައްޔިތުންގެ ސުޕަމެޖޯރިޓީ ދީފައިވާ މަޖުލީހަށް މިކަން ކުރެއްވޭނެއެވެ. ވޭޕް މަނާ ކުރުމާ އެކު، އާއްމު ތަންތަނުގައި ސިނގިރޭޓު ބުއިން މަނާކުރައްވައި، އެނާޖީ ޑްރިންކް އެއްކޮށް ބޭން ކޮށްދެއްވާށެވެ. ޝުކުރިއްޔާ ރައީސް!

One Response
ނިންމެވި 3 ނިންމެވުމުން ކާމިޔާބުވި ކަމަކީ ކޮބާތޯއެވެ. މިއަދު ޑޮލަރު ގަންނަން ބެލިއިރު 18.9 ރުފިޔާއަށް 1 ޑޮލަރު.
ނިންމާ ނިންމުމުގައި ސިއްކަ ޖެހި ރައްޔިތު މީހާއަށް ފައިދާ ކުރާނެ ދުވަހެއް ފެނަނާނީ ކޮން ދުވަހަކުން ބާވައެވެ.