Support Us

10 ހާސް ޓަނުގެ ފެން ރައްކައުކުރެވޭ ތާނގީއެއް އެމް.ޑަބްލިޔު.އެސް.ސީން ހުޅުމާލޭގައި ބަހައްޓަނީ

ހުޅުމާލޭގައި 10 ހާސް ޓަނުގެ ފެން ރައްކައުކުރެވޭ ތާނގީއެއް ބެހެއްޓުމުގެ މަސައްކަތް މާލެ ވޯޓަރ އެންޑް ސްވަރޭޖް ކަމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އިން ފަށައިފިއެވެ.

މި ޕްރޮޖެކްޓް ފެށުމަށް އެމް.ޑަބްލިޔު.އެސް.ސީގެ ހުޅުމާލެ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ތާނގީ ބެހެއްޓުމުގެ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ، ޑަކްޓަރު ޢަބްދުﷲ މުއްޠަލިބާއި އެމް.ޑަބްލިޔު.އެސް.ސީގެ މެނޭޖިން ޑިރެކްޓަރ، ޢަބްދުލް މަތީން މުޙައްމަދެވެ.

އެމް.ޑަބްލިޔު.އެސް.ސީގެ "ވޯޓަރ ސެކިއުރިޓީ ޕްލޭން"ގެ ދަށުން އެ ކުންފުނީގެ މުވައްޒަފުން އަމިއްލައަށް ރާވައި، ބަހައްޓާ 10 ހާސް ޓަނުގެ މި ތާނގީއަކީ، މިހާތަނަށް ބެހެއްޓޭ އެންމެ ބޮޑު ތާނގީއެވެ. މި ތާނގީގެ މަސައްކަތްތައް ނިމުމާއެކު ހުޅުމާލޭގައި ފެން ރައްކައުކުރެވޭ މިންވަރު 22،600 ޓަނަށް އިތުރުވެގެންދާނެއެވެ. އަދި 2025 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ ނިޔަލަށް ނިންމުމަށް ތާވަލުކޮށްފައިވާ މި މަޝްރޫޢަށް 34.7 މިލިޔަން ރުފިޔާ ޚަރަދުވާނެ ކަމަށް އަންދާޒާ ކުރެވެއެވެ.

"މި މަޝްރޫޢުގެ ސަބަބުން ހުޅުމާލޭގައި ފެން ރައްކައުކުރެވޭ މިންވަރު އިތުރުކޮށް، މެދުކެނޑުމެއް ނެތި، ދެމެހެއްޓެނިވި ގޮތެއްގައި ސާފު ބޯފެން ފޯރުކޮށްދިނުމަށް، މި ކުންފުނިން ކުރަމުން ގެންދާ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެން ދާނެއެވެ." އެމް.ޑަބްލިޔު.އެސް.ސީގެ ބަޔާނެއްގައިވެއެވެ.

ގްރޭޓަރ މާލޭ ސަރަހައްދުގެ ވޯޓަރ ސެކިއުރިޓީ ޕްލޭންގެ ދަށުން، އެމް.ޑަބްލިއު.އެސް.ސީން، ފެން އުފެއްދުން ޑީސެންޓްރަލައިޒްކޮށް، މާލޭގެ ދެ ސަރަޙައްދެއްގައި ފެން އުފައްދާ މަރުކަޒުތައް ވަނީ ޤާއިމްކޮށްފައެވެ. ސިނަމާލެ ބުރިޖު މެދުވެރިކޮށް، މި ކުންފުނިން އަޅައިފައިވާ ފެންހޮޅީގެ ޒަރިއްޔާއިން، މާލެއާއި ހުޅުމާލޭގެ ފެނުގެ ވިއުގަ ގުޅައިލުމަށް ބޭނުންވާ ޕަމްޕް ސްޓޭޝަންތައް ޤާއިމްކުރުމުގެ މަސައްކަތްތަކުގެ އިތުރުން، މާލޭގެ 378 ނަންބަރު ކޮށީގައި ފެން ރައްކައުކުރާ އިތުރު ދެ ތާނގީ ބެހެއްޓުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. މިއީ ގްރޭޓަރ މާލެ ސަރަހައްދުގައި ފެން އުފެއްދުމާއި، ރައްކައުކުރުމާއި، ފެން ފޯރުކޮށްދިނުމުގެ ޤާބިލުކަން އިތުރުކޮށް، ރައްޔިތުންނަށް ފޯރުކޮށްދެވޭ ފެނުގެ ޚިދުމަތުގެ ކަށަވަރުކަން އިތުރުކުރުމަށް އެމް.ޑަބްލިޔު.އެސް.ސީން ފަށައިފައިވާ މުހިންމު މަސައްކަތްތަކެކެވެ.

"އެމް.ޑަބްލިޔު.އެސް.ސީގެ އަމާޒަކީ މެދުކެނޑުމެއްނެތި، ދެމެހެއްޓެނިވި ގޮތެއްގައި ސާފު ބޯފެނާއި ރައްކައުތެރި ނަރުދަމާގެ ޚިދުމަތް އެންމެހައި ރައްޔިތުނަށް ފޯރުކޮށްދިނުމެވެ." އެމް.ޑަބްލިޔު.އެސް.ސީގެ ބަޔާނުގައިވެއެވެ.