ރާއްޖޭގެ އިގުތިސާދީ ހާލަތު ރަނގަޅު ކުރައްވާނެ ކަމަށާއި އިގުތިސާދުގެ ބިންގާ އެޅެމުންދަނީ ރަނގަޅަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެކިއެކި މަޝްރޫއުތަކާއި އިގުތިސާދީ ހާލަތް ރަނގަޅުކުރުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކާ ބެހޭ ގޮތުން ސަންގު ޓީވީއަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
"އިރާދަކުރެއްވިއްޔާ އިގުތިސާދު ހަރުދަނާ ކުރާނަން، ކުރަމުން މިދަނީ، ބިންގާ ރަނގަޅު. ފައިިސާ ޗާޕެއް ނުކުރަން އެންމެ ފުރަތަމަ ކަންތައް،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ޑޮލަރު އިތުރުކުރުމަށްޓަކައި ހަރުދަނާ މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ރިޒާވް ވެސް ވަރުގަދަ ކުރައްވާނެ ކަމަށެވެ. މީގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާ އަންނަ ނޮވެމްބަރު މަހުގެ ނިޔަލަށް ބޮޑު ބައެއް ދައްކައި ނިންމާލެވޭނެ ކަަަަމަށް ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ޓާގެޓަކީ ނޮވެމްބަރު މަސް ނިމެންވާއިރަށް މިހާރު ނުދެވި ހުރި ފައިސާތައް މީހުންނަށް ދީ ނިންމުން. ބޮޑު ބައެއް ނިންމޭނެ،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން ބޮޑު ބައެއް މި ސަރުކާރުން ދީފައިވާ ކަމަށާއި ގާތްގަނޑަކަށް ބިލިއަނެއްހާާ ރުފިޔާ މަސްވެރިންނަށް ދެވިފައިވާ ކަމަށް ވެސް ރައީސް ފާހަގަކުރެއްވި އެވެ.
"އެހެންވީމަ އިގުތިސާދު ދަނީ ރަނގަޅުވަމުން، އެއާޕޯޓް ނިމެނީ، ރިސޯޓްތައް ހުޅުވެމުން އެދަނީ، މަސްވެރިކަން ފުޅާކުރުމަށް އިތުރު ފެކްޓަރީތައް ހެދި، ޖުމްލަކޮށް އިގުތިސާދު ރަނގަޅު ކުރަމުން މިދަނީ ރަނގަޅު ބިންގަލެއްގެ މަތީގައި،" ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
މީގެ އިތުރުން ބޮޑެތި މަޝްރޫއުތައް ފެށުމަށްޓަކައި ތައްޔާރުވަމުން އަންނަ ކަމަށާއި ހާއްސަކޮށް ހައުސިންގެ މަޝްރޫއުތައް ފެށުމަށްޓަަކައި އިންޑިއާ އާއި ޗައިނާއިން އެކި ކަހަލަ ފުރުސަތުތައް ހަަަމަޖެހިގެންދާ ކަަމަށް ރައީސް ވިދާޅުވި އެވެ.
ހަމަ އެއާ އެކު މާލެއަށް އެންމެ ބޮޑުވެފައިވާ މަގުތަކުގެ މައްސަލަ ހައްލުކުރުމަށްޓަކައި މާލޭގެ މަގުތައް ހެދުމަށް ބޮޑު މަޝްރޫއެއް ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ފެށުމަށް ތައްޔާރުވެފައިވާ ކަމަށް ވެސް ރައީސް ޑރ. މުއިއްޒު ވިދާޅުވި އެވެ.
މިފަަދަ މަޝްރޫއުތަކުގެ އިނީޝިއަލް ސްޓޭޖްގައި ވަަރަށް ގިނަ ވަގުތު ދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އިނީޝިއަލް ސްޓޭޖުން ފެށިގެން ގޮސް ފައިނޭންސިން ހަމަޖެހިގެން ގޮސް ބޮޑެތި މަޝްރޫޢުތައް ގިނަ ފަހަރަށް ފެށެނީ ގާތްގަނޑަކަށް އަހަރެއްހާ ދުވަސް ދާ ފަހުން ކަމަަށެވެ.
"ވަރަށް ބާރަށް އެބަ ހިނގާ. ފަރުދާގެ ފުރަގަހުގައި ވަރަށް ގިނަ މަސައްކަތްތައް އެބަ ހިނގާ،" ރައީސް ވިދާޅުވި އެވެ.
ރައީސް ޑރ. މުއިއްޒު ވިދާޅުވީ އެމަނިކުފާނު ރާއްޖެއިން ބޭރަށް ކުރެއްވި ރަސްމީ ދަތުރުފުޅުތަކުގެ ނަތީޖާ ވަރަށް ރަނގަޅު ކަމަށާއި ތުރުކީ، އިންޑިއާ އަދި ޗައިނާއިން ވެސް ވަރަށް ރަނގަޅު ފުރުސަތުތައް ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި އެކަމުގެ ތަފްސީލްތައް ފަހުން ދެއްްވާނެ ކަމަށާއި ހާރިޖީ ގުުޅުންތައް އެހެން ގައުމުތަކާ އެކު ވެސް ވަރަށް ރަނގަޅު ކަމަށް ރައީސް ވިދާޅުވި އެވެ.
އިގުތިސާދު ރަނގަޅު ބިންގަލެއްގެމަތީގައި ބިނާވަމުން އަންނައިރު ބައެއް ކުންފުނިތައް އެއްކޮށްލުމުގެ މަސައްކަތަކީ ވެސް އިގުތިސާދު ހާލަތު ރަނގަޅު ކުރުމަށް މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ކުރެވިގެންދާ ކަމެއްގެ ގޮތުގައި ރައީސް ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވީ އިގުތިސާދު ވަރަށް ރަނގަޅު ބިންގަލެއްގެ މަތީގައި ބިނާވެގެން އަންނަތަން ފެންނަ ކަމަށާއި މެދު އަދި ދުރު ރާސްތާގައި ދެެމެހެއްޓެނިވި ތަރައްގީ ގައުމަށް ގެނެވޭތަން ދިވެހިން ދެކޭތަން ކުރިއަށް އޮތް ތަނުގައި ފެނިގެންދާނެ ކަމަށެވެ.



advertisment