ގޭގައި ކާބޯތަކެތި ހަދައިގެން ވިއްކާނަަމަ ރަޖިސްޓްރީކުރުން ލާޒިމްކުރަން ޖެހޭ ގޮތަށް ފާސްކުރި ގާނޫނަށް މާދަމާއިން ފެށިގެން އަަމަލްކުރަން ފަށާނެ އެވެ.
ކާބޯޯތަކެތީގެ ރައްކާތެރިކަމާ ގުޅޭ ގޮތުން ކަމާ ބެހޭ އިދާރާތަކުންް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތް މިނިސްޓަރ ޑރ. އަބްދުﷲ ހަލީލް ވިދާޅުވީ ރަޖިސްޓަރީނުކޮށް ކާބޯތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ. އެގޮތުން އެ ފަރާތްތަކުން ކާބޯތަކެތި ވިއްކުން މަނާކޮށް، ވިޔަފާރި ކުރުން ހުއްޓުވާނެ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
ގޭގައި ވިޔަފާރިކުރުމަށް ކާބޯތަކެތި ހަދާނަމަ، މި ގާނޫނަށް އަމަލް ކުރަން ފަށާތާ ތިން ދުވަހުގެ ތެރޭގައި ލައިސަންސް ހޯދަން ޖެހެއެވެ.
"މާދަމާ އިން ފެށިގެން ކާބޯތަކެތީގެ ރައްކާތެރިކަމުގެ ގާނޫނު ތަންފީޒުވަމުންދާނެ،" މިނިސްޓަރ ވިދާޅުވި އެވެ.
ހަލީލް ވިދާޅުވީ މިހާރު އެންމެ ބޮޑު ދަތިކަމަކަށް ދިމާވެފައިވާ، ކަންމަތީ ފިހާރަތަކުގައި ވިއްކަން ހުންނަ ކާއެއްޗެހި ޓްރެކް ނުކުރެވޭ މައްސަލައަށް މި ގާނޫނުގެ ދަށުން ހައްލު ލިބިގެންދާނެ ކަމަށެވެ.
"މި ގާނޫނުގެ ދަށުން ވަކިން ހާއްސަ ލޭބަލްއެއް މިއިން ކޮންމެ އެއްޗަކާ އެކު އެޓޭޗްކުރަން ލާޒިމް ކުރޭ. އެހާ ހިސާބުން (އެ ކާއެއްޗެއް) އެ އުފައްދަނީ ކާކު, ކޮންތާކު, ކިހިނެއްތޯ ބަލަން އެބަ ފަސޭހަވެގެން ދޭ. އެހެންވީމަ ޓްރެކް ކުރެވޭނެ ގޮތްތައް އަޅުގަނޑުމެންނަށް އިންތިޒާމް ކުރެވިގެން އެދިޔައީ އެހާ ހިސާބުން،" ހަލީލް ވިދާޅުވި އެވެ.
މީގެ އިތުރުން ކާބޯތަކެތި އުފައްދާއިރު އެތަކެތި އެ އުފައްދަނީ ކާބޯތަކެތި އުފައްދަން އެކަށީގެންވާ މަހައުލެއްގައިތޯ ބެލުމަށްފަހު، ހާއްސަ ލައިސެންސްއެއް ދޫކުރަން ކަނޑައަޅާފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"މިހާރު ވެސް ރަޖިސްޓަރީކޮށްގެން ކުރާ ވިޔަފާރިތަކުގައި އެ ލައިސެންސް އެބަދޫކުރޭ. އެހެން ނަމަވެސް ހޯމް ބޭސްކޮށް އުފައްދާ ތަކެތީގައި މި ލައިސެންސެއް ނެތް،" ހަލީލް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިހާރު މި މައްސަލަތައް ނިކުމެގެން އުޅެނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ފުށުން ކަމަށެވެ.
"ރާއްޖޭ މީހަކަސް ރާއްޖޭން ބޭރު މީހަކަސް ވިޔަފާރިއެއް ރަޖިސްޓަރ ކުރެވިގެން ނޫނީ ހޯމް ބޭސްކޮށް ވެސް ވިޔަފާރީގެ ބޭނުމަށް ކާބޯތަކެތި ނޫފެއްދޭނެ. އެގޮތަށް ކުރާ ވިޔަފާރިއަކުން އެ އުފައްދާ ތަކެއްޗަކީ ރައްކާތެރި ތަކެތިކަން ކަށަވަރުކުރުމަށް އެމްއެފްޑީއޭއިން ދޫކުރާނެ ހާއްސަ ލައިސެންސެއް އެކަން ކަށަަވަރުކުރުމަށްޓަކައި," ހަލީލް ވިދާޅުވި އެވެ.
ރައްޔިތުންނަށް ރައްކާތެރި ކާނާ ފޯރުކޮށްދިނުމާ ގުޅުން ހުރި ހުރިހާ ކަމެއް ބެލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ ދަށުން ޓާސްކް ފޯސްއެއް ވަނީ އެކުލަވާލައިފަ އެވެ. އަދި މި ޓާސްކްފޯސްގެ ފަރާތުން ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިއަށް ގެންދާ މަސައްކަތުގައި ފަރުދީ ޒިންމާ އާދާކޮށްދިނުމަށް ވެސް މިނިސްޓަރ ވަނީ ޢެދިވައިގެންފަ އެވެ.
"މިހާރު އެކުލަވާލެވުނު ގާނޫނުގެ ތެރެއިން ގޭގޭގައި އުފައްދާ ކާބޯތަކެތި އުފައްދަންވާނީ އުފެއްދުމުގެ ފުރުސަތު (ނުވަތަ) ހުއްދަ ދޭނީ އަޅުގަނޑުމެން އެމްއެފްޑީއޭއިން ދޫކުރާ ލައިންސަންސްއެއްގެ ދަށުން. އެ ލައިންސަންސްގައި ނަމްބަރެއް އޮންނާނެ. އެ ނަމްބަރު އެ އުފައްދާ ޕެކްގައި ޖަހަންވާނެ. އެ އުފެއްދި ތަކެތި އެ އުފެއްދި ފަރާތެއް ޓްރެކްކުރަން ވަރަށް ފަސޭހަވެގެންދޭ އެހާ ހިސާބުން،" މިނިސްޓަރ ހަލީލް ވިދާޅުވި އެވެ.
މިހާތަނަށް ކުރިއަށް ގެންދެވުނު އިންސްޕެކްޝަންގެ ތެރޭގައި ސާފުތާހިރުކަން ކުޑަވެގެން 14 ތަނެއް ބަންދުކޮށް ޖޫރިމަނާ ކޮށްފައިވާ ކަމަށާއި މި ގާނޫނުގެ ދަށުން އިތުރަށް އެޅޭ ފިޔަވަޅުތައް ވަރުގަދަ ކުރެވޭނެ ކަމަށް ވެސް މިނިސްޓަރ ވިދާޅުވި އެވެ.



advertisment