ރައްޔިތުންގެ މަޖިލީހަށް ވައްދަން އެއްގޮތަކަށް ވެސް ހެޔޮނުވާވަރުގެ ވިއްސަކަށް ކެންޑިޑޭޓުން މި އިންތިހާބުގައި އެބަ ވާދަކުރާ ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.
"ދިވެހީންގެރާއްޖެ މަޖިލީހަށް" މިނަމުގައި ޕީއެންސީން ކުރިއަށްގެންދާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕޭނުގައި އަދުރޭ ވާދަކުރައްވާ ފޮނަދޫ ދާއިރާގެ މާލޭ ގަޖަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭނާ ރޭ ވިދާޅުވީ މިމަހުގެ 21 ބާއްވާ މަޖިލީސް އިންތިހާބަކީ ދިވެހިން ބޭނުންވާ ރާއްޖެ ހޯދުމަށް ދިވެހިންނަށް ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށެވެ. އަދި އެ ފުރުސަތު ބޭނުން އެންމެ ހެޔޮ ގޮތުގައި ދިވެހިން ހިފުމަށް އަދުރޭ އެދިވަޑައިގަތެވެ. އަދި އަބަދުވެސް މާޒީން އިބްރަތް ހާސިލްނުކޮށް، މުސްތަގުބަލް ބިނާކުރަން އުޅެގެން ބޭނުންވާ މުސްތަގުބަލް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގެ މަޖިލީހަށް އެއްގޮތަކަށް ވައްދަން ހެޔޮނުވާވަރުގެ ވިއްސަކަށް މެމްބަރުން މި އިންތިހާބުގައި އެބަވާދަކުރޭ، ރައްޔިތުން ވަރަށް ބޮޑަށް އެބަޖެހޭ މި ކަންކަންކަމާ ވިސްނަން،" ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުން ބައިވެރިވެވަޑައިގެންނެވި މި ޖަލްސާގައި އަދުރޭ ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވީ މި ސަރުކާރުން އިދިކޮޅުގައި އޮވެ ދެއްކި ވާހަކަތަކަކީ ގޮތް ނޭނގޭ އެގްރީމަންޓްތަކުގައި ސޮއިކުރުމާއި މާލިއްޔަތު ކައި ހުސްކޮށްލުމުގެ ވާހަކަތައް ކަމަށާއި އެ ވާހަކަތައް ދެއްކީމައި އެކަމާ ދެކޮޅަށް އަޑު އުފުލަން ނުކެރި ނުވަތަ އަޑު އުފުލަން ބޭނުންނުވެގެން އޭރުގެ ސަރުކާރާ އެއްބާރުލުން ދީގެން ތިބި ބަޔަކު މިއަދު މަޖިލީހަށް ހޮވީމަ ވާނެ ގޮތާ މެދު ދިވެހިން ވިސްނަންޖެހޭ ކަމަށެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ވަރަށް ގިނަ ކަންތައްތަކެއް ކުރަން ޖެހިފައި ހުރި ކަމަށާއި އެކަން އެގޮތަށް ވާން ޖެހުނީ މިދިޔަ ސަރުކާރުން ގައުމަށް ހިޔާނަތްތެރިވުމާއި ގާނޫނީ އިމުގެ ބޭރުން އެތައް ކަންތައްތަކެއް ކޮށްފައިވުމުގެ ސަބަބުން ކަމަށް އަދުރޭ ވިދާޅުވި އެވެ. އަދި މި ކަންކަން ހަމަ މަގަށް އެޅުވޭނީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ސަރުކާރަށް ލިބިގެން ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ.
މި ކަންކަން ކުރުމަށް 200 އެއްހާ ގާނޫނީ އިސްލާހު މަޖިލީހަށް ހުށަހަޅަން ރައީސް ޑރ. މުއިއްޒު ބޭނުންފުޅުވާއިރު އެ ކަންކަން ކުރެވޭނީ ގައުމާއި ރައްޔިތުން އިސްކޮށްގެން، ތެދުވެރިކަމާއި އިހުލާސްތެރިކަމާ އެކު ވަކާލާތުކުރަން ކެރޭ ބަޔަކު ރައްޔިތުންގެ މަޖިލީހުގައި ތިބެގެން ކަމަށް އަދުރޭ ވިދާޅުވި އެވެ. ނަމަވެސް ވާދަވެރި ކެންޑިޑޭޓުންނަކީ އެފަދަ އިހުލާސްތެރި، ތެދުވެރި ބައެއް ކަމަށް ދެކެވަޑައިނުގެންނަވާ ކަމަށް އަދުރޭ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ވާދަވެރި ފަރާތްތަކުން ކުރިމަތިލައްވައިގެން އުޅޭ ގިނަ މެމްބަރުންނަކީ މިހާރު މި ހިނގާ މަޖިލީސްގެ މެންބަރުން. އެބޭފުޅުންގެ އިހުލާސްތެރިކަމެއް ހުރި ނަމަ ގައުމު މިހާލަތަކަށް ނުދިޔައީސް. އެ ބޭފުޅުންގެ ތެދުވެރިކަން ހުރިނަމަ އަޅުގަނޑުމެންނަށް ވޭދުވެދިޔަ ސަރުކާރުގައި ތަހައްމަލްކުރަން ޖެހުނު ހިތްދަތިކަމާއި ހިތާމަ ތަހައްމަލް ކުރާކަށް ނުޖެހުނީސް. އެމީހުންނަކީ ގައުމާއި ރައްޔިތުންނަށް ހެޔޮއެދޭ ބައެއް ނަމަ ދިވެހިރާއްޖޭގެ މިނިވަންކަން ގެއްލިގެންދާ ފަދަ ކަންތައްތައް ކުރީމަ އަނގައިން ނުބުނެ ހަނު ތިބޭ ބަޔަކަށް އެބައިމީހުންނެއް ނުވީސް،" އަދުރޭ ވިދާޅުވި އެވެ.
އަދުރޭ ވިދާޅުވީ ރައީސް ޑރ. މުއިއްޒު ތާއީދު ކުރައްވާ ކޮންމެ ކެންޑިޑޭޓަކީ ތެދުވެރިކަމާއި އިހުލާސްތެރިކަމާ އެކީގައި ރައްޔިތުން އިސްކޮށްގެން މަސައްކަތްކުރާނެ ކެންޑިޑޭޓުންކަމާ މެދު ކުޑަވެސް ޝައްކެއް ނެތް ކަމަށެވެ.
ރައީސް ޑރ. މުއިއްޒު ބޭނުންފުޅުވަނީ ރައްޔިތުން ބޭނުންވާ ފަދަ އުފާވެރި ގައުމެއް ބިނާކޮށްދެއްވުމަށް ކަމަށާއި އެކަން ކޮށްދެއްވުމަށް އެހީތެރިވުމުގެ ގޮތުން ރައްޔިތުން ކޮށްދޭންވީ ކަމަކީ ރައީސް ޑރ. މުއިއްޒު އެ މަސައްކަތް ކޮށްދެއްވުމުގެ މަގު ސާފުކޮށްދެއްވުން ކަމަށް އަދުރޭ ވިދާޅުވި އެވެ. އަދި އެއީ މަޖިލީސްގެ ސާފު މެޖޯރިޓީ ރައީސް ޑރ. މުއިއްޒަށް ހޯދައިދެއްވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރައީސް ޑރ. މުއިއްޒުގެ ސަރުކާރު ދެމެހެއްޓުމަށްޓަކައި ސާބިތުވެ ހުންނަވާނެ ކަމަށާއި އެ މަސައްކަތް ކުރުމަށްޓަކައި މަޖިލީހުގެ އެތެރޭންނާއި ބޭރުން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް އަދުރޭ ރައީސް އަށް އެރުވި އެވެ.